މާފުށީ ޖަލުގައި އޮތް ބޭބެއަށް ގެންދިޔަ ކޭކުގެ ތެރެއިން މަސްތުވާތަކެތި އަތުލައިގެންފި

އަތުލައިގަތް އަންހެން މީހާ ޖަލަށް ގެންދިޔަ ކޭކުގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި -- ފޮޓޯ: ކަރެކްޝަން

މާފުށީ ޖަލުގައި އޮތް ގައިދީއަކަށް ޒިޔާރަތްކުރި އަންހެނަކު މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، އެ މަސްތުވާތަކެތި ފެނިފައި ވަނީ ގައިދީންނަށް ދެވޭ އާއިލީ ބައްދަލުވުމުގެ ފުރުސަތުގައި، ޖަލުގައި އޮތް ބޭބެއާ ބައްދަލުކުރަން ދިޔައިރު ގެންދިޔަ ކޭކެއްގެ ތެރެއަށްލައި ފޮރުވާފައި ވަނިކޮށް ކަމަށެވެ.

އެމްސީއެސް އިން ބުނީ، ފަހަކަށް އައިސް ގައިދީންނާ ބައްދަލުކުރަން އަންނަ މީހުން ޖަލަށް ވައްދަން ހުއްދަ ނުކުރާ ތަކެތި ވައްދަން މަސައްކަތްކުރަނިކޮށް އަތުލައިގަނެވޭލެއް އިތުރު ކަމަށެވެ.

އެގޮތުން، މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ވެސް އާއިލީ ބައްދަލުވުމަށް އައި މީހަކު ގެނައި ބައެއް ސާމާނުގެ ތެރެއަށްލާ ފޮނުވާފައި ވަނިކޮށް ސްމާޓް ފޯނަކާއި ޗާޖަރެއް އަދި ބައްތި ފޯނެއްގެ ބެޓެރިއާ ސިމްކާޑެއް އަތުލައި ގަނެފައިވެ އެވެ.

އެމްސީއެސް އިން ބުނީ، ހުއްދަ ނުކުރާ ތަކެތި ޖަލުތަކަށް އެތެރެކުރުމަށް މަސައްކަތްކުރުމަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން އިސްލާހުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށްވާނެ ކަމަށެވެ.

އެފަދަ ކަންކަން ކުށްވެރިކޮށް އެފަދަ ގައިދީންނަށާއި މުޖްތަމައުއަށް ގެއްލުން ހުރި ކަންތައްތައް ނުކުރުމަށް އާއިލާތަކަށާއި އާންމުންނަށް އެމްސީއެސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް