އޯލެެވެލްގެ ނަތީޖާ ބުދަ ދުވަހުން ފެށިގެން ދޫކުރަން ފަށަނީ

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާ އެކު ދަރިވަރުންތަކެއް ސްކޫލަށް ދަނީ -- ސަން ފޮޓޯ/ އަފްރާހް

މިދިޔަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތހާނުގެ ނަތީޖާ ސްލިޕް އަންނަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.

ޑީޕީއީ އިން ބުނީ، އޯލެވެލްގެ ނަތީޖާ ސްލިޕް އަންނަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެ ޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ދޫކުރާނެ ކަމަށެވެ. ނަތީޖާ ދޫކުރާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށް ކަމަށް ވެސް ޑީޕީއީން މައުލޫމާތުދެ އެވެ.

މިދިޔަ އަހަރު އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީ ކާޑު ގެނައުމުން ކަމަށާއި ބަދަލުގައި މީހަކު ފޮނުވާ ނަމަ، ކެންޑިޑޭޓުގެ އައިޑީ ކާޑާ ހަވާލުވާ މީހާގެ އައިޑީ ކާޑު ގެންނަން ޖެހޭނެ ކަމަށް ޑީޕީއީން ބުނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރު މަހުގައި ބޭއްވި އޯލެވެލް އިމްތިހާން 7000 އަށް ވުރެ ގިނަ ދަރިވަރުން ހެދި އެވެ. އެގޮތުން ސަރުކާރުގެ 192 ސްކޫލަކުން 5365 ދަރިވަރަކު އިމްތިހާން ހެދި އިރު، ޕްރައިވެޓް ސެންޓަރުތަކުން ޖުމްލަ 1701 ދަރިވަރުން އިމްތިހާނުގައި ބައިވެރިވި އެވެ. އެއީ 47 ޕްރައިވެޓް ސެންޓަރަކުންނެވެ.

ޑީޕީއީ އިން ބުނީ، އޯލެވެލް އިމްތިހާނުގައި މައްސަލައެއް އުޅޭކަމަށް ޝައްކުވާ ނަމަ ފެބްރުއަރީ ހަތް ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކަން ލިޔުމަކުން އެ ޑިޕާޓްމަންޓަށް ހުށަހަޅަންވާނެ ކަމަށެވެ.

ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު އަށެއް ފެބްރުއަރީ ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ހުށަހެޅުމަށް ވެސް ޑީޕީއީ އިން އެދެ އެވެ.

ޑީޕީއީން ބުނީ، ރީޗެކްކުރުމަށް ހުށަހަޅާނީ، އެ ކެންޑިޑޭޓަކު އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށް ކަމަށެވެ. އަދި ރީޗެކް ފީޝީޓު މި ޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށެވެ.

comment ކޮމެންޓް