ކޮސްޓާ ފަރިތަކުރުންތަކަށް ނުނިކުންނަތާ ތިން ދުވަސް، އޭނާ ވެސް ޗައިނާއަށް؟

މި ސީޒަނުގައި ޗެލްސީ ކުޅުނު މެޗެއްގައި ގޯލު ޖެހުމަށް ފަހު ކޮސްޓާ އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ޗައިނާގެ ކްލަބަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޗެލްސީގެ ފޯވާޑް ޑިއެގޯ ކޮސްޓާ، އެންމެ ފަހުން އެޓީމުން ކުރިއަށް ގެންދިޔަ ތިން ފަރިތަކުރުމުގައި ވެސް ބައިވެރި ނުވާކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޗެލްސީ ޓީމްގައި ހިމެނިގެން ކޮސްޓާ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިމަހުގެ ފަހެއްވީ ބުރާސްފަތި ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ 2-0ގެ ނަތީޖާ އިން ޗެލްސީ ބަލިވި މެޗުގައެވެ. އެމެޗަށް ފަހު އަނިޔާގައި ހުރި ކޯސްޓާ، އެންމެފަހުން އެފްއޭ ކަޕްގައި 4-1 އިން ޕީޓަރބްރޯ ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވި މެޗުގައި ކުޅެފައެއް ނުވެއެވެ.

ނަމަވެސް ޗެލްސީގެ މެޑިކަލް އޮފިޝަލުން ވަނީ ކޯސްޓާގެ އެއްވެސް އަނިޔާއެއް ނެތްކަމަށް ބުނެފައެވެ. އަނިޔާގައި ހުރިކަމަށް ބުނެ ފަރިތަކުރުންތަކަށް ނިކުންނަށް ދެކޮޅުހެދުމުން، ކޮސްޓާއާ ޗެލްސީގެ އިޓަލީ ކޯޗު އެންޓީނިއޯ ކޮންޓޭއާ ވެސް ވަނީ މައްސަލަ ޖެހިފައެވެ. ސްކައި ސްޕޯޓްސްއިން ރިޕޯޓް ކުރި ގޮތުގައި ކޮންޓޭ އާއި ކޮސްޓާއާ ދެމެދު ވަނީ އަރާރުން އުފެދި އިޓަލީ ބަހުން ކޮސްޓާއާ ދިމާލަށް 'ޗައިނާއަށް ދާށޭ' ވެސް ބުނެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާގެ ގޮތުގައި އަހަރަކު 30 މިލިއަން ޕައުންޑަށް ޗައިނާ ކްލަބަކުން ކޮސްޓާއަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް، ކޮސްޓާ ވިއްކާލަން ދެކޮޅުހެދި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ލީގުގައި މިރޭ ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށް ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅޭ މެޗަށް ނެގި ސްކޮޑުން ކޮސްޓާ ވަނީ ބާކީކޮށްފައެވެ. މިރޭގެ މެޗަށް ޗެލްސީ ނިިކުންނައިރު، ތާވަލުގެ އެއްވަނައިގައި އެޓީމް އޮތީ ކުޅުނު 20 މެޗުން 49 ޕޮއިންޓް ލިބިގެންނެވެ. މިރޭގެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އެޓީމަށް އެއްވަނައިގައިި އަށް ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ. ލެސްޓާ އޮތީ ތާވަލުގެ 15 ވަނައިގައި 21 ޕޮއިންޓާއި އެކުއެވެ.

comment ކޮމެންޓް