މެސީއަށް ފާޑުކީ ބާސާގެ ޑިރެކްޓަރު، މަގާމުން ދުރުކޮށްފި

ބާސެލޯނާއިން ދަނީ، ލިއޮނަލް މެސީއާ އެކު އެ ކްލަބުން ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތްކުރަމުން -- ފޮޓޯ: އޭޕީ

ބާސެލޯނާ ފަދަ މޮޅު ކުޅުންތެރީން ހިމެނޭ ޓީމަކާ ނުލައި، ލިއޮނަލް މެސީއަށް އެހާ ގިނަ ކާމިޔާބީތަކެއް ނުހޯދުނީސް ކަމަށް ބުނެ އޭނާއާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެ ކްލަބުގެ ސްޕޯޓްސް ޑައިރެކްޓަރު ޕެރޭ ގްރެޓާކޯސް އޭނާގެ މަގާމުން ދުރުކޮށްފި އެވެ.

ބާސެލޯނާގެ ޓްރެއިނިން ކޮމްޕްލެކްސް އަދި ޔޫތު ފެސިލިޓީސްގެ ވެރިޔާއާ ހަވާލުކޮށްފައިވާ އިންސްޓްޓިއުޝަނަލް ރިލޭޝަންޝިޕްގެ ޒިންމާ އެ ކްލަބުން ވަނީ އޭނާގެ އަތުން ނަގައިފަ އެވެ. ބާސާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕެރޭ ގްރެޓާކޯސް އޭނާގެ ބައެއް މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ވަނީ، "ކްލަބުން ދެކޭ ގޮތް ނޫންގޮތަކަށް އޭނާގެ އަމިއްލަ ޚިޔާލު އާންމުކޮށްފައިވާތީ" ކަމަށެވެ.

ޕެރޭ ގްރެޓާކޯސްއަކީ، ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަންއާ ބާސާއާ ދެމެދު ކުރެވޭ މުއާމަލާތްތަކުގައި ތަރުޖަމާނެއްގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތެވެ. ބާސާ އިން ބުނީ، އިންސްޓިޓިއުޝަނަލް ރިލޭޝަންސްގެ ޒިންމާ އަތުލިނަމަވެސް، އެ ކްލަބުގެ އެހެނިހެން މަޝްރޫއުތަކުގައި ގްރެޓާކޯސް ހަރަކާތްތެރިވާނޭ ކަމަށެވެ.

ކޮޕަ ޑެލްރޭގައި އެތުލެޓިކް ބިލްބާއޯ ދެކޮޅަށް ބާސެލޯނާ ކުޅުނު ދެ ލެގުގައި ވެސް މެސީ ވަނީ ހިލޭ ޖެހުމުން ލަނޑުޖަހައިފަ އެވެ. އެގޮތުން އެ ދެމެޗުގައި މެސީގެ ދައުރާ ބެހޭ ގޮތުން ގްރެޓާކޯސްއާ ސުވާލުކުރުމުން އޭނާ ވަނީ، އަންދްރޭސް އިނިއެސްތާ، ނޭމާ، ލުއިސް ސުއަރޭޒް، އަދި ޖެރާޑް ޕީކޭފަދަ ކުޅުންތެރީނާ ނުލައި މެސީއަށް އޭނާ ހޯދަމުންދާ ކާމިޔާބީތައް ހާސިލް ނުކުރެވުނީސް ކަމަށް ބުނެފަ އެވެ.

"ބާސެލޯނާ މިހާ ހިސާބުގައި އޮތީ މެސީގެ ސަބަބުންނެއް ނޫން،" ގްރެޓާކޯސް ބުންޏެވެ.

"މެސީއަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް، އެކަމަކު މޮޅުވަނީ ކްލަބު. ނޭމާ، ސުއަރޭޒް، އިނިއެސްތާ، ޕީކޭ އަދި އެހެން ކުޅުންތެރީންނާ ނުލައި މެސީ އެހާ ރަނގަޅު ކުޅުންތެރިއަކަށް ނުވީސް."

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ޖޫން މަހު، ބާސާއާ އެކު މެސީ ވެފައިވާ އެއްބަސްވުން ހަމަވާއިރު، ބާސާ އިން ދަނީ މެސީ އެ ކްލަބާއެކު އިތުރު ކޮންޓްރެކްޓެއް ހެދުމަށް އޭނާއާ މަޝްވަރާކުރަމުންނެވެ.

ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ބާސާއަށް މެސީއާ އެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ފްރީ ޓްރާންސްފައެއްގައި އޭނާއަށް އެހެން ކްލަބަކަށް ދެވޭނެ އެވެ. އެހެންކަމުން ގްރެޓާކޯސް، މެސީއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކީ އެ ކްލަބަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.

މެސީއާ އެކު އާ އެއްބަސްވުމަކަށް އަންނަ އިރު، މާލީގޮތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނޭކަމަށް ބުނެ، ބާސާގެ އެހެން ޑައިރެކްޓަރެއް ކަމަށްވާ އޮސްކާ ގްރޯވެސް ވަނީ މިދިޔަ ހަފްތާގައި ވާހަކަ ދައްކައިފަ އެވެ. ނަސީބު ރަނގަޅުކަމުން އޭނާއަށް އަދަބެއް ނުލިބި ސަލާމަތް ވެވުނު ނަމަވެސް، ގްރެޓާކޯސްގެ ނަސީބު އެހާ ރަނގަޅެއް ނުވި އެވެ.

ބާސެލޯނާ މި އަހަރު ކުޅުނު ތިން މެޗުގެ ވެސް ނަތީޖާ ނެރުނު ލަނޑުތައް މެސީ ކާމިޔާބުކޮށްފައި ވަނީ ހިލޭ ޖެހުމުންނެވެ.

ފަސް ފަހަރު ބެލޮންޑިއޯ ހާސިލްކޮށްފައިވާ، އުމުރުން 29 އަހަރުގެ އާޖެންޓީނާ ފޯވާޑް، މެސީ ވަނީ އޭނާ އެންމެ ފަހުން ކުޅުނު 11 މެޗުން ޖުމުލަ 12 ލަނޑު ޖަހައިފަ އެވެ.

ބާސާގެ ޔޫތު އެކަޑަމީން އެ ކްލަބާ ގުޅުނު މެސީ ބާސާއަށް ކުޅެން ފެށީ 2001 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ ސީނިއަރ ފުޓްބޯޅަ ކެރިއަރުގައި މެސީ ވަނީ، ޗެމްޕިއަންސް ލީގު ހަތަރު ޓްރޮފީއާއި ސްޕެނިޝް ލީގު އަށް ފަހަރު ކާމިޔާބުކޮށްފަ އެވެ.

comment ކޮމެންޓް