އަދިތުޔާ އަދި ޝްރައްދާގެ 'އޯކޭ ޖާނޫ' އަށް ރަނގަޅު ފެށުމެއް!

އަދިތުޔަ ރޯއި ކަޕޫރު އަދި ޝްރައްދާ ކަޕޫރު އެކުގައި ފެނިގެންދާ ދެވަނަ ފިލްމު، 'އޯކޭ ޖާނޫ' އިއްޔެ މިވަނީ ރިލީޒްކޮށްފައެވެ. 1400 އަށް ވުރެ ގިނަ ސިނަމާ ތަކުގައި ފިލްމު ރިލީޒް ކޮށްފައި ވާއިރު، ފުރަތަމަ ދުވަހު ފިލްމަށް ވަނީ އެކަށީގެންވާ ވަރެއްގެ ތަރުހީބެއް ލިބިފައެވެ.

ރިޕޯޓުތައް ބުނާގޮތުން، އޯކޭ ޖާނޫގެ އޮކިއުޕެންސީ ރޭޓް އިއްޔެ އުޅުނީ 25 ޕަސެންޓުގައެވެ. އަދި ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އޮކިއުޕެންސީ ރޭޓް މަތި ވާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ "ބަންޓީ އޯރް ބަބްލީ" ގެ ވެސް ޑައިރެކްޓަރު ޝާދު އަލީ އެވެ.

ފިލްމުގެ ޑައިލޮގުތަކާއި، ފިލްމުގެ ލަވަތައް ލިޔެފައި ވަނީ ގުލްޒާރު އެވެ. މިއުޒިކް ތައްޔާރުކޮށްދިނީ އޮސްކާ އެވޯޑު ހޯދާފައިވާ އޭއާރު ރެހެމާން އެވެ.

އެ ފިލްމަކީ މާނީ ރަތުނަމްގެ ތަމިލް ފިލްމު "އޯ ކަދަލް ކަންމަނީ" ގެ ރީމޭކެކެވެ.

އޯކޭ ޖާނޫގެ ފެށުން ރަނގަޅުވި އިރު، މިވަގުތު ސިނަމާތަކުގައި އެ ފިލްމާ ވާދަކުރާނެ އެހެން ފިލްމެއް ނެތެވެ. ނަމަވެސް ބޮލީވުޑުގެ ހުނަރުވެރި ބަތަލާ ދީޕިކާ ޕަދުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމު، "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" މިއަދު ހަވީރު އިންޑިއާގައި ރިލީޒް ކުރާނެ އެވެ. އެއާއެކު އޯކޭ ޖާނޫއަށް ބޮކްސްއޮފީހުގައި ހިފަހައްޓާލެވިދާނެ ކަމާމެދު މިހާރު އެއް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ހަމައެއާއެކު، ދެ ހަފްތާ ފަހުން، ޝާހް ރުކް ޚާންގެ 'ރައީސް' ވެސް ރިލީޒް ކުރާނެ އެވެ.

comment ކޮމެންޓް