އަހަންނަކީ މޮޅު ކޯޗެއްކަން އަބަދުވެސް އެނގޭ: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ --- ފައިލް ފޮޓޯ: ރޮއިޓާސް

މި ސީޒަންގެ ކުރީކޮޅުގައި މެންޗެސްޓާ ޔުނައިޓެޑުން ނެރެމުންދިޔަ ދަށް ނަތީޖާ ތަކާއެކުވެސް، އޭނާގެ ފެންވަރާއި ގާބިލުކަމާމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރާކަމަށް ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ޗެލްސީގެ ކުރީގެ ކޯޗު މޮރީނިއޯ ވަނީ، މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ނުވަ މެޗުންވެސް އެ ކްލަބު މޮޅުކޮށްދީފައެވެ. މިއީ ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި އެ ކްލަބުން ފެނިގެންދިޔަ އެންމެ ދިގު މޮޅުވުމުގެ ރެކޯޑެވެ.

ޕްރިމިއަ ލީގުގައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް އާދީއްތަ ދުވަހު ޔުނައިޓެޑު ނުކުންނަން ތައްޔާރުވަމުންދާއިރު، އެ ކްލަބުން މިހާރު ކިތަންމެ ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޫބަރު 2ން ޑިސެމްބަރު 4އާ ހަމައަށް ބޮޑު ކްލަބެއްގެ އަތުން އެޓީމަށް މޮޅުވެވިފައި ވަނީ އެންމެ މެޗަކުންނެވެ.

އެ ދުވަސްވަރު މޮރީނިއޯއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން ދިޔަ ނަމަވެސް، އޭނާގެ މީގެ ކުރީންވެސް ހޯދާފައިވާ ކާމިޔާބީތަކާއެކު އެ ފަދަ ފާޑުކިޔުންތަކުން މާކަބޮޑު އަސަރެއް ނުކުރެއެވެ.

"އަހަރެންގެ ގާބިލުކަމާ މެސު ޝައްކެއް ނުކުރަން" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.

"އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނުނެރެވި ހިނގައިދާނެ. ކިތައް ކޯޗުން ކޮންމެ އަހަރަކު ރަނގަޅު ނަތީޖާތައް ނެރެނީ؟"

"މީގެ ދެ އަހަރު ކުރީން އަހަރެން ޗެމްޕިއަންކަން ހޯދިން. ދުނިޔޭގެ އެންމެ ބޮޑު ޑޮމެސްޓިކް މުބާރަތް މީގެ ދެއަހަރު ކުރީން އަހަރެން ކާމިޔާބުކުރިން، އެއީ 20 އަހަރު ކުރިންނެއް ނޫން. އެހެންވީ އެއީ އަހަންނަށް މައްސަލައެއް ނޫން."

ޔުނައިޓެޑްގެ ކޯޗު ބުނީ، އޭނާއަށް އޭނާގެ ފެންވަރާއި ގާބިލުކަން އެނގޭ ކަމަށާއި އަދި އޭނާގެ ކެރިއަރުގައި ގިނަ ކަންތައްތަކެއް ހާސިލްކުރާން ބޭނުންވާ ކަމަށެވެ. އެގޮތުން އޭނާއަށް ކުރިމަތިވާ ފާޑުކިޔުންތަކާ ކުރިމަތިލަނީ ކެރިގެން ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ، އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު އެންމެ ދަށް ކުޅުމެއް ދައްކަމުން ދިޔައިރުވެސް، އެ ޓީމާމެދު އޭނާ ނާއުންމީދު ނުވާކަމަށާއި އަދި އެ ކުޅުންތެރީންނާއެކު ކާމިޔާބު ހޯދޭނޭކަން އަބަދުވެސް ގަބޫލުކުރަމުން އައިކަމަށެވެ.

"އެންމެ ފަހުން އަހަރެމެންގެ ކުޅުން ހަމައެކަނި ރަނގަޅުވީކީ ނޫން، މެޗުތަކުން މޮޅުވެ ކޮންމެ މެޗަކުން ތިން ޕޮއިންޓުވެސް ލިބެންފެށީ،" ފާޑުކިޔާ މީހުންނަށް ރައްދުދެމުން ޕޯޗްގަލަށް ނިސްބަތްވާ ތަޖުރިބާކާރު މޮރީނިއޯ ބުންޏެވެ.

"އަހަރެމެން ދިޔައީ ޓީމުތެރޭގައި އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރުކޮށް ވަރަށް ރަނގަޅު ގުޅުމެއް ގާއިމުކުރަމުން. އަދި އަހަރެމެންގެ މަސައްކަތަށް ވަރަށް ބޮޑު އިތުބާރެއް އޮތް."

މޮރީނިއޯ ބުނީ، ހިތްދަތި ނަތީޖާތަކެއް ނެރެމުން ދިޔަ އިރުވެސް، ޓީމުން މަސައްކަތްކުރީ ރަނގަޅު ރާސްތާ ހޯދައި، ހިތްވަރާއެކު ކުޅެ ނަތީޖާ ނެރުމަށް ކަމަށެވެ. އެގޮތުން މިހާރު އެކަން ކާމިޔާބު ކުރެވެމުން ދާކަމަށް އޭނާ ބުންޏެވެ.

"ދެ ފަހަރަކު މޮޅުވެއްޖިއްޔާ، އިތުރަށްވެސް މޮޅުވާނޭކަން އެނގޭ. އެގޮތުން އެ އުނދަގޫ ދުވަސްވަރު، އަހަރެމެން އެންމެންވެސް ވަރަށް ގުޅިގެން މަސައްކަތްކުރަމުން ދިޔައީ،" ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

އިނގިރޭސި ލީގުގެ ހަ ވަނައިގައި 39 ޕޮއިންޓާއެކު މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑް، 44 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައި އޮތް ލިވަޕޫލާ މާދަމާރޭ ކުރިމަތިލާއިރު މި މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިއްމު މެޗެކެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޮޑްގައި މެޗު ފަށާނީ ރާއްޖޭ ގަޑިން މާދަމާރޭ 9:00ގައެވެ.

comment ކޮމެންޓް