އިންތިހާބު ކާމިޔާބުކުރާނީ އިދިކޮޅު ފަރާތްތައް ކިހިލީ ޖަހާލައިގެން ފަސޭހަ ކަމާއެކު: ނިހާން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން، ރައީސް ޔާމީންގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިއަހަރަށް ފެށުމަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ "ފެށުން" ޖަލްސާގައި ނިހާން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އިދިކޮޅު ފަރާތްތައް ކިހިލީގައި ޖަހާލައިގެން ފަސޭހަ ކަމާ އެކުގައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ރޭ ބޭއްވި "ފެށުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކާމިޔާބު ކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކޮށްލާނީ ބާކީ ތިބި ހުރިހާ ފަރާތްތައް ކިހިލީގަ ޖަހާލައިގެން ފަސޭހަކަމާ އެކުގަ އޭ. އެ މަސައްކަތުގެ ފެށުން މިރޭ ފެށިގެން މިދަނީ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށާއި، އެމްޑީޕީއާއިި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރުންވެސް ރައީސް ޔާމީނަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން ދެމުން އަންނަ ކަމަށެވެ.

ރޭގެ ޖަލްސާގައި ނިހާން ވިދާޅުވީ، މެޑަމް ފާތުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑެތި ސިޔާސީ ޕާޓީތަކަށް އެއް ނުކުރެވޭ ވަރަށް މީހުން އެއްކޮށްފައިވާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ތިންހާހެއްހާ މީހުން އެ ޖަލްސާއަށް ހާޒިރުވި ކަމަށް ވިދާޅުވިއެވެ.

ނިހާނުގެ ވާހަކަފުޅުގައި މެޑަމް ފާތުންއަކީ ހުރިހާ ގޮތަކުން ނަމޫނާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބަށް ނުކުންނަ ބޭފުޅަކު މެޑަމް ފާތުން ފަދަ އަނބިކަނބަލަކު ހޯއްދެވުމަށް ވެސް ގޮވައިލެއްވިއެވެ.

comment ކޮމެންޓް