ރީތިކޮށް އިސްތަށިގަނޑު ހަދާ ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯއަށް، ދެ ވަނަ މެސީއަށް

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ރޮނާލްޑޯ(ކ) އާއި ބާސެލޯނާގެ އާޖެންޓީނާ ތަރި މެސީ(ވ) ---

އެންމެ ރީތިކޮށް ބޮލުގެ އިސްތަށިގަނޑު ހަދާ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ނުވަތަ ސެލޮންޑިއޯ އެވޯޑު ވިދިވިދިގެން ތިން ވަނަ ފަހަރަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.

މަޝްހޫރު ފުޓްބޯޅަ ނޫސް 'ގޯލް ޑޮޓް ކޮމް'ގެ ކިޔުންތެރިންގެ މެދުގައި ނެގި އޮންލައިން ވޯޓުގައި އެންމެ ކުރި ރޮނާލްޑޯ އަށް ލިބުނީ 21 ޕަސެންޓްގެ ވޯޓު ހޯދައިގެންނެވެ. އޭނާ އަށް ވަނީ 19،111 ވޯޓު ލިބިފަ އެވެ.

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ރޮނާލްޑޯ --- ފޮޓޯ: އޭޕީ

ރޮނާލްޑޯގެ ފަހަތުން ދުނިޔޭގެ އެންމެ މޮޅު ދެވަނަ ކުޅުންތެރިޔާ އަށް މިއަހަރު ހޮވުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަށް ލިބިފައި ވަނީ ސެލޮންޑިއޯގެ ދެ ވަނަ އެވެ. އެއީ ކުރީގެ ސެލޮންޑިއޯގެ ނަތީޖާތަކަށްވުރެ ރަނގަޅު ނަތީޖާއެކެވެ. ކުރިން ގަދަ 20ގައި ވެސް މެސީ ހިމެނިފައެއް ނުވެ އެވެ.

މި ސީޒަނުގެ ކުރީކޮޅު ތަފާތު ގޮތަކަށް އިސްތަށިގަނޑު 'ބްލޮންޑް' ކޮށްލި މެސީ އަށް ސެލޮންޑިއޯ ވޯޓުން ލިބިފައި ވަނީ 16 ޕަސެންޓްގެ ވޯޓެވެ. ނަމަވެސް، މިހާރު އެ އެވޯޑުގައި ވެސް މެސީއަކީ ރޮނާލްޑޯގެ ވާދަވެރިއެއް ކަން މިފަހަރު އޭނާ ވަނީ ދައްކުވާލައިފަ އެވެ.

މިދިޔަ އަހަރުގެ ސެލޮންޑިއޯ އެވޯޑުގެ ހަތަރު ވަނަ ހޯދި މެންޗެސްޓާ ޔުނައިޓެޑް ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ވަނީ މިއަހަރު ތިން ވަނަ މަގާމަށް ޖެހިލައިފަ އެވެ. އޭނާ އަށް ވަނީ 12 ޕަސެންޓް ވޯޓު ލިބިފަ އެވެ. ދިހަ ޕަސެންޓް ވޯޓު ހޯދައިގެން ހަތަރު ވަނާގައި އޮތީ އާސެނަލްގެ ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫ އެވެ.

ބާސެލޯނާގެ އާޖެންޓީނާ ތަރި މެސީ --- ފޮޓޯ/ އޭޕީ

ވޯޓުގެ ހަ ޕަސެންޓާއެކު ފަސް ވަނަ މަގާމު ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ހޯދި އިރު، ހަ ވަނާގައި އޮތީ ލިވަޕޫލްގެ އިނގިރޭސި މިޑްފީލްޑަރު އެޑަމް ލަލާނާ އެވެ. އޭނާގެ ފަހަތުން ހަތް ވަނާގައި އޮތީ ޔޫރޯ 2016ގައި ވިދާލި ޕޯޗުގަލް ފޯވަޑް ރިކާޑޯ ކަރެޝްމާ އެވެ.

ސެލޮންޑިއޯގެ ގަދަ 10 އިން ދެން ޖާގަ ހޯދި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ބޮރޫޝިއާ ޑޯޓްމަންޑް ޕިއެރޭ އެމެރިކް އޯބަމަޔަން އާއި، ބެލްޖިއަމް މިޑްފީލްޑަރު ރާޑިއާ ނައިންގޯލާން އަދި އިޓަލީ ފޯވަޑް ގްރަޒިއާނޯ ޕެލޭ އެވެ.

comment ކޮމެންޓް