ލަންކާ މަސްވެރިން ސަލާމަތްވާން ރޯމަސް ކެއީ އަވީލައި، ހިއްކައިގެން

ހާލުގައި ޖެހި ކަނޑުމަތީގައި 17 ދުވަސް ހޭދަ ކުރި ލަންކާގެ ހަތަރު މަސްވެރިން: އެ މީހުން ސަލާމަތްވާން ކެއުން ބުއިން ކުރިއަށް ގެންދިޔައީ ލިމިޓްކޮށްގެން-- ސަން ފޮޓޯ/ ފަތުހުﷲ ޔާމީން ސައީދު

ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ ހދ. މަކުނުދޫ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުުން ފެނުނު މަސްބޯޓުގައި ހާލުގައި ޖެހިފައިތިބި ހަތަރު ފަޅުވެރިން މިރޭ މާލެ ގެނައި އިރު އެމީހުން ތިބީ އުފަލުން ފޮޅިފައެވެ. ސަތާރަ ދުވަސް ވަންދެން ކަނޑުމަތީގައި ބަނޑުހައި ހޫނުކަންމަތީ ވޭން ތަހައްމަލް ކުރަމުން ދަނިކޮށް ދިވެހި ސިފައިންގެ އެހީ އެމީހުންނަށް ލިބުން އެ މީހުން ސިފަ ކުރަނީ "މިރޭކަލް"އެއްގެ ގޮތުގައެވެ.

މިއޮތީ އެމީހުންގެ ވާހަކަ އެވެ.

އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު 30 ފޫޓުގެ އެ ކުޑަކުޑަ ބޯޓަށް ކޮއްތުލައިގެން އެމީހުން މަހަށް ފުރީ ފަސް ދުވަސް ފަހުން އެނބުރި ރަށަށް ދިއުމުގެ އުއްމީދުގައެވެ. ކަނޑުވެދާނެކަން ނޭނގޭހާލު، ފަސްދުވަހަށްވުރެ ގިނަ މުއްދަތަކަށް ކަނޑުމަތީގައި ތިބެން ޖެހިދާނެކަން ވިސްނާފަކާ އެއްވެސް ނެތެވެ. ކާން ގެންދިޔައީ ކުޑަ ހަނޑޫކޮޅަކާއި ފަސްދުވަހަށްވާ ވަރުގެ ފެން ފޮދެކެވެ.

އެ ހަތަރު މީހުންނަކީ ވެސް ސްރީލަންކާގެ އިރުމަތީ ޕްރޮވިންސުގެ ކަލްމުލާއަށް ނިސްބަތްވާ މުސްލިމުންނެވެ. ވާހަކަ ދައްކަނީ ތަމަޅަ ބަހުންނެވެ. ބަލާ ބެލުމަށް އެ ހަތަރު މީހުންނަކީ ވެސް 50 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންކަން އެނގެއެވެ.

ލަންކާ މަސްވެރިން މަހަށް ނުކުމެ އުޅުނު ބޯޓު -- ސަން ފޮޓޯ: ފަތުހުﷲ ޔާމީން ސައީދު

ފަސް ދުވަސްވުމުން ބޯޓުގެ އިންޖީނު ސްޓާޓުކޮށް އާދައިގެ ސްޕީޑެއްގައި މިސްރާބު ޖެހީ އެމީހުންގެ ވަޒަނަށް އެނބުރި ދިއުމަށެވެ. ނަމަވެސް ދަތުރުގެ މިސްރާބު ބަދަލުވެ، "މަގު އޮޅި" ދުއްވަމުންދަނިކޮށް އެންމެފަހުން އެ ބޯޓުން ތެޔޮ ހުސްވެ އިންޖީނު ހުއްޓުނީ އެވެ.

މިއީ އެމީހުނަނަށް ތައްޔާރުވެވިފައި ނެތް ހާލަތެކެވެ. އެހެން ކަމުން ހަތަރު މީހުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ބާކީ ހުރި ހަނޑޫކޮޅާއި ފެން ބޭނުން ކުރުމަށް ގޮތްތަކެއް ނިންމިއެވެ. މަޝްވަރާގެ މަތިން ހަތަރު މީހުންވެސް އެ 17 ދުވަސް ތެރެއިން 14 ދުވަސް ވަންދެން ފެން ބުއީ ހަމަ އެކަނި ހެނދުނުގެ ވަގުތުގައެވެ. ސާދަ ދުވަސްވީ އިރު މުޅި ބޯޓުން ފެނާއި ކާ އެއްޗެހި ހުސްވި އެވެ.

"ކާން ގެނައި ހަނޑޫކޮޅު ހުސްވެގެން ދެން ހަދާނެ ގޮތެއް ނެތިގެން އަހަރުމެން ހެދި ގޮތަކީ ރޯމަސް އަވީލައިގެން، ހިއްކައިގެން ކެއީ. އެގޮތަށް ދިރި ތިބީ. އެމްއެންޑީއެފްގެ އެހީ ލިބުނު ހިސާބުން އުއްމީދު އާވި. ވަރަށް އުފާވި. ކޯސްޓްގާޑު އައި ގޮތަށް އަހަރުމެންނަށް ކާ އެއްޗެހި ދިނީ،" އެ ހަތަރު މީހުންގެ ތެރެއިން މީހަކު ކިޔައިދިނެވެ.

ލަންކާ މަސްވެރިން އެ ގައުމުގެ އޮފިޝަލުންނާ އެކު ކޯސްޓްގާޑް ބިލްޑިންގައި: އެމީހުން ލަންކާއަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން - ސަން ފޮޓޯ/ ފަތުހުﷲ ޔާމީން ސައީދު

އޭގެ ތެރެއިން އެހެން މީހަކު ބުނީ ދިވެހިންގެ ކިބައިން ލިބުނު ޚިދުމަތްތަކާއި ދިން ހަމްދަރުދީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށެވެ.

"ޝުކުރު އަދާ ކުރާނެ ގޮތެއް ވެސް ނޭނގޭ. ކިތަންމެ ވަރަކަށް ޝުކުރު އަދާކުރިއަސް އަސްލު އެ ދިން އެހީގެ އަގު އަދާއެއް ނުކުރެވޭނެ. ހަމަ އަމިއްލަ މައިންބަފައިންހެން. އެންބަނޑުއެއްބަފާ ބޭބެންނާއި ކޮއްކޮއިންތަކެއް ހެން އިހްސާސް ކުރެވެނީ،" އެމީހާ ކިޔައިދިނެވެ.

މާކަނޑުގެ މެދުގައި ހާލުގައި ޖެހިފައި އޮތް މި ބޯޓު ފެނުނު އިރު ބޯޓުގައ ތިބި ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހާލު، ބަނޑުހައިވެގެން ގޮސް ވަރަށް ދެރަވިއެވެ. ނަމަވެސް އެމީހާ އަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމުން މިހާރު އޭނާގެ ހާލު ރަނގަޅެވެ. ދެން ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅެވެ.

ގަދަ އައްވާއި، ވަޔާއި ބޯ ވިއްސާރާގައި އެކަނިވެރިވެފައި ތިބިއިރުވެސް އެމީހުން އުއްމީދު ކަނޑައެއް ނުލައެވެ. ލަންކާ ސަރުކާރުން ވެސް އުއްމީދު ކަނޑައެއްނުލައެވެ. އެމީހުން ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު ދިވެހި ސަރުކާރުގެ އެހީ އަށް އެދުނެވެ. އެގޮތުން ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ އަށް ދުވަހުގެ ކާމިޔާބު އޮޕަރޭޝަނަށް ފަހު މިހާރު އެ ހަތަރު މީހުންވެސް ތިބީ ދިވެހި ސިފައިންގެ ހިމާޔަތުގައެވެ.

ހާލުގައި ޖެހުނު ލަންކާ މަސްވެރިން މާލެގައި: އެ މީހުންގެ ހުރިހާ ވެސް ޝުކުރެއް ބަންޑުންކޮށްލީ ދިވެހިންނަށް-- ސަން ފޮޓޯ/ ފަތުހުﷲ ޔާމީން ސައީދު

ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖާ ޖެނެރަލް (ރިޓަޔާޑް) އަސޯކާ ތޮރަޑެނިޔާ ވިދާޅުވި ގޮތުގައި މަސްވެރިން އެނބުރި ލަންކާއަށް ގެންދިއުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ފޯމެލިޓީސް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

"މަސްވެރިން އެނބުރި ލަންކާއަށް ފޮނުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން މި ދަނީ. އެކަމަށް ވަރަށް ގިނަ ފޯމެލިޓީސް ފުރިހަމަ ކުރަން ޖެހޭ. އަޅުގަނޑުމެންނަށް އެބަ އޮތް ދެގޮތެއް. އެއީ އެމީހުންގެ މަސްބޯޓުތަކުގައި އެ މީހުން އެނބުރި ފޮނުވާލުން. ނުވަތަ ބޯޓުތައް ރާއްޖޭގައި ބަހައްޓާފައި މަސްވެރިން ވަކިން ފްލައިޓުގައި ލަންކާއަށް ފޮނުވުން. ލަންކާ ސަރުކާރުން އެއްބަސްވެއްޖެ ނަމަ އެމީހުންގެ ބޯޓުތަކާ އެކު އެމީހުން ފޮނުވާލާނަން. ނޫނީ މަތިން ފްލައިޓުގަ ފޮނުވާނީ" ސަފީރު ވިދާޅުވި އެވެ.

ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ލަންކާގެ ސަފީރު، މޭޖާ ޖެނެރަލް (ރިޓަޔާޑް) އަސޯކާ ތޮރަޑެނިޔާ: އޭނާ ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ ކަމަށް-- ސަން ފޮޓޯ/ ފަތުހުﷲ ޔާމީން ސައީދު

މިއަދު ހަވީރު ސްރީލަންކާގެ އެމްބަސީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އަސޯކާ ވިދާޅުވީ ރާއްޖެއަކީ ސްރީލަންކާގެ ވަރަށް ދުވަސްވީ ރަހުމަތްތެރި ގައުމެއް ކަމަށާއި، އެ ގައުމުގެ މަސްވެރިން ހޯދުމަށް ދިވެހި ސަރުކާރުން ކުރި މަސައްކަތަކީ އިންސާނިއްޔަތަކަށްޓަކައި ކުރެއްވި މަތިވެރި މަސައްކަތެއް ކަމަށެވެ. އަދި އެކަމަކަށްޓަކައި އެގައުމުގެ ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ދިވެހިންނާއި ދިވެހި ސަރުކާރަށް ވަރަށް މަތިވެރި ޝުކުރެއް އަދާ ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއީ މުޅި ދުނިޔެއަށް ވެސް ދެވޭ މެސެޖެއް. މި ކަމުން މުޅި ދުނިޔެއަށްވެސް ސާފުވެގެން ގޮސްފި މި ދެ ގައުމުގެ ދެމެދެގައި އޮތް ގާތް ގުޅުން. އަދި ސަރަހައްދީ އެހެން ގައުމުތަކަށް ވެސް މިފަދަ ކަންކަމުގައި އެހީތެރިވުމަށް ދިވެހި ސަރުކާރުން ފަސްނުޖެހޭނެ ކަން މި އޮޕަރޭޝަނުގެ ސަބަބުން ސާބިތުވެގެން ގޮސްފި،" ސަފީރު ވިދާޅުވިއެވެ.

މި މަސް ބޯޓު ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފެށުމާ އެކު ލަންކާގެ ސްޕޯޓްސް މިނިސްޓްރީގެ ނައިބު، ހަރީސް ވަނީ ރާއްޖެ ވަޑައިގެން ހާލުގައި ޖެހުނު މީހުންނާ އެންމެ ގާތުން އެ މީހުންގެ ހާލު ބަލައި ކަމާ ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް ލަންކާ ސަރުކާރާ ހިއްސާކުރައްވާފަ އެވެ. އޭނާ މިކަމުގައި ރާއްޖޭގައި ހުންނަވާތާ އަށް ދުވަސް ވެއްޖެ އެވެ.

ހަގީގަތުގައިވެސް ލަންކާގެ މަސްވެރިން ހޯދައި، ހެޔޮ ސަލާމަތުން އަނބުރާ އެގައުމަށް ފޮނުވާލުމުގައި ދިވެހި ސަރުކާރުން ނެގި ސްޓޭންޑާއި ކުރި މަސައްކަތަކީ ސަރަހައްދީ ފެންވަރުގައި ފާހަގަ ކުރެވޭ ކަމެކެވެ. ދިވެހިސަރުކާރުން ދަނީ އަބަދުވެސް މިފަދަ ކަންކަމުގައި އަވަށްޓެރި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް