ރައީސް ޔާމީންގެ ކެމްޕެއިން ފަށައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން، ރައީސް ޔާމީންގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މި އަހަރަށް ފެށުމަށް ހުޅުމާލޭގައި ރޭ ކުިރއަށް ގެންދިޔަ "ފެށުން" ޖަލްސާގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް (މެޑަމް ފާތުން) ކެމްޕެއިނެއް ފަށައިފި އެވެ.

މެޑަމް ފާތުންގެ އޮފީހުން ފެށި އެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި ވަނީ "ފެށުން"ގެ ނަމުގައި ޖަލްސާއެއް ބާއްވައިފަ އެވެ.

އެ ޖަލްސާގައި މެޑަމް ފާތުންނާއި މިނިސްޓަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަަރުންގެ އިތުރުން ޕީޕީއެމްގެ އާއްމު މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ މެޑަމް ފާތުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެ މަސައްކަތްތަކަށް ތައުރީފު ކޮށްފަ އެވެ.

އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކާމިޔާބު ކޮށްދިނުމަށް މެޑަމް ފާތުން ބުރަ މަސައްކަތްތަކެއް ކުރައްވާފައި ކަން ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ނިހާން ހަސަން މަނިކުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

މެޑަމް ފާތުންނަކީ ހުރިހާ ކަމެއްގައި ވެސް ނަމޫނާ ބޭފުޅެއް ކަމަށާއި 2023ގެ ރިޔާސީ އިންތިހާބަށް ނުކުންނަ ބޭފުޅަކު މެޑަމް ފާތުން ފަދަ އަނބިކަނބަލަކު ހޯދުމަށް ވެސް ނިހާނު ގޮވައިލެއްވި އެވެ.

ރޭގެ ޖަލްސާގައި ވަނީ 260 ޒުވާނުން ޕީޕީއެމް އާ ގުޅިފަ އެވެ. އެ ޒުވާނުންގެ ފޯމުތަކާ ހަވާލުވެ ވަޑަައިގެންފައި ވަނީ މެޑަމް ފާތުންނެވެ.

މެޑަމް ފާތުންގެ އޮފީހުން ބުނީ އެ ކެމްޕެއިން ހަރަކާތަކީ، ޕީޕީއެމް އިން ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ފެށުން ނޫން ކަމަށާއި އެއީ މެޑަމް އޮފީހުން ފެށި ކެމްޕެއިން ހަރަކާތެއް ކަމަށެވެ.

comment ކޮމެންޓް