ކުޑަކުދިންނަށް ކިޔާނެ ނަން ހޯދޭނެ އެޕްލިކޭޝަނެއް ތައާރަފްކޮށްފި

އިސްލާމިކް މިނިސްޓްރީން ތައާރަފްކުރި ކުޑަކުދިންނަށް ކިޔާނެ ނަން ހޯދޭނެ އެޕްލިކޭޝަން ---

ކުޑަކުދިންނަށް ކިޔާނެ ނަން ހޯދޭނެ ޚިދުމަތާއެކު އިސްލާމިކް މިނިސްޓްރީގެ އެންޑްރޮއިޓް އެޕްލިކޭޝަން ތައާރަފްކޮށްފިއެވެ.

އެ އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ މިސްކިތްތަކަށް އެހީވާ ފަންޑަށް ފައިސާ ހޯދުމަށް މާލޭގައި އިމާރާތްކުރި 10 ބުރީގެ އިމާރާތް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

"ދާލަ" ގެ ނަމުގައި ފަރުމާކޮށްފައިވާ އެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނެވެ. ކުރިއަށްއޮތްތަނުގައި ގޫގަލް ސްޓޯރުން ވެސް އެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކުދިންނަށް އަދާކޮށްދޭންޖެހޭ ހައްގުތަކުގެ ތެރެއިން އެންމެ މުހިންމު އެއްހައްގަކީ އެކުދިންނަށް އިސްލާމީ ރިވެތި ނަމަކުން ނަން ކިޔުމެވެ. ނަން ކިޔުމަކީ އެކުއްޖާ ދުނިޔެއަށް އުފަންވާތާ ހަތްވަނައަށްވާ ދުވަހު މައިންބަފައިން އެކުއްޖާއަށް އަދާކޮށްދޭންޖެހޭ ހައްގުތަކުގެ ތެރެއިން ވާކަމެކެވެ. ކީތިރި ރަސޫލާ އިރުޝާދު ދެއްވާފައިވަނީ ކުދިންނަށް ކިޔާ ނަމަކީ ރިވެތި މާނައެއް އެކުލެވިގެންވާ އަދި އެކުއްޖާއަށް އޭގެ ސަބަބުން ހެޔޮ އަސަރެއްކުރާ ކަހަލަ ނަމަކަށް ހެދުމަށެވެ.

"ދާލަ" އެޕްލިކޭޝަނުން ބޭނުންވާ ނަމެއް މާނައާ އެކު ހޯދައިލެވޭނެއެވެ.

އެ އެޕްލިކޭޝަނަށް ލޮގިންވުމަށް ރަޖިސްޓާ ކުރުމަށްފޯނު ނަންބަރު ޖެހުމުން ފޯނަށް ޕާސްވޯޑު އެސްއެމްއެސް މެދުވެރިކޮށް ލިބޭނެއެވެ.

ކުޑަކުދިންނަށް ކިޔާނެ ނަން ހޯދުމުގެ އިތުރުން ވެސް އެހެން ޚިދުމަތްތަކެއް ވެސް އެ އެޕްލިކޭޝަނުން ލިބެއެވެ. އޭގެތެރޭގައި ހިމެނެނީ ނަމާދު ވަގުތު އަންގައިދޭ ނޮޓިފިކޭޝަންތަކާއި ހައްޖާއި އުމްރާއާ ގުޅުންހުރި ތަފާތު މައުލޫމާތުތަކާއި ދީނީ ސުވާލާއި ޖަވާބުގެ ޚިދުމަތެވެ.

ހަމައެހެންމެ މިސްކިތް ބިނާ ކުރުމަށް ޚަރަދު ކުރަނީ ކޮން ބަޖެޓަކުން ކަމާއި މިސްކިތްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ވެސް އެ އެޕްލިކޭޝަނުން ބަލައިލެވޭނެއެވެ. އަދި މިސްކިތްތަކާ ގުޅޭގޮތުން އެ އެޕްލިކޭޝަން މެދުވެރިކޮށް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތްތައް ހުރި ތަން ވެސް އެ އެޕްލިކޭޝަނުން ބަލައިލެވެއެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ވީ ހުކުރު ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ޚުތުބާ ވެސް އެ އެޕްލިކޭޝަނުން ޑައުންލޯޑްކޮށްލެވެއެވެ.

comment ކޮމެންޓް