ރާއްޖެއަށް ކުރިމަތިލާންޖެހުނު ގޮންޖެހުންތައް ދިމާވީ ހުޅަނގާ ދިމާލުން: އަޒްލީން

"ދާރުލް އީމާން" ބިލްޑިންގ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރާއްޖެއަށް މިހާތަނަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް ދިމާވީ ހުޅަނގާ ދިމާލުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

"ދާރުލް އީމާން" ބިލްޑިން ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން ތާއަބަދު ރާއްޖެއަށް ފުރައްސާރަ ކުރަމުން އަންނަ ކަމަށާއި ހުޅަނގާ ދިމާލަށް ގޮސްގެން ލިބުނު ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު އަޒްލީން ވިދާޅުވީ ހުޅަނގުގެ ގައުމުތަކުގެ ސަބަބުން ރާއްޖެއަށް ގޮންޖެހުންތައް ކުރިމަތިވިޔަސް އެ ގައުމުތަކާ އެކު އުފެދިފައިވާ އެއްވެސް ގުޅުމަކަށް ހީނަރުކަމެއް އަޔަ ރައީސް ޔާމީން ނުދެއްވާ ކަމަށެވެ.

އަޒްލީންގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީ އަށް ރައީސް ޔާމީންކޮށްދެއްވާ ބައެއް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގައި ގާއިމްކޮށްފައިވާ ކުންފުނިތަކަކީ ރައީސް ޔާމީންގެ އިގްތިސޯދީ އެޖެންޑާ ވަރުގަދައަށް ތަންފީޒު ކުރުމަށްޓަކައި ގިނަގުނަ މިންނެތް މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އިސްލާމީ އުސޫލުތަކާއި އިސްލާމީ ހަމަތަކާއި އިސްލާމީ ޝިއާރުތައް ދެމެހެއްޓުމަށްޓަކައި ރައީސް ޔާމީން ކުރައްވާ މަސައްކަތްތައް ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

ޒިޔާދު ވިދާޅުވީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި އޮތް އިލްމުވެރިންގެ މަޖިލީހަށް ގާނޫނީ ބާރުވެރިކަން ގެނެސްދެއްވުމަކީ ރައީސް ޔާމީން ދީނަށްޓަކައިކޮށްދެއްވި ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ.

"އެހެންވީމަ ހަގީގަތަށް ބަލާކަމަށްވަންޏާ މިއީ އަޅުގަނޑުމެން އެކަމަށްޓަކައި ޝުކުރުއަދާކޮށް އެކަމަށްޓަކައި ދީނީ އުސޫލުތަކާއި ދީނީ ހަމަތައް މިގައުމުގައި ކުރުމަށްޓަކައި ކުރަމުންގެންދާ ނަތީޖާ ފެނިގެން މިދަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް