އައްޑޫގައި ދެ އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާ ވެއްޖެ

މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި ކާރަކަށާއި، ފާރަށް ގެއްލުން ވެފައި --- ފޮޓޯ/ އައްޑޫ އޮންލައިން

އައްޑޫ ސިޓީގައި މިއަދު ހިނގި ދެ އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ 'ސަން' އަށް ވިދާޅުވީ، މިއަދު ދެ އެކްސިޑެންޓެއް އައްޑޫގައި ހިނގާފައިވާއިރު، ފުރަތަމަ އެކްސިޑެންޑު ހިނގާފައިވަނީ މިއަދު ހަވީރު 17:50 ހާއިރު މަރަދުއާ ފޭދޫ ގުޅޭ ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފާރެއްގައި ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި ފާރަށާއި، ކާރަށް ގެއްލުން ތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ. ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައި ދެ ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓު ހިނގި އިރު ކޮންމެ ސައިކަލެއްގައިވެސް ދެ މީހުން ތިބި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ނައީމީ ސްޓޯރު ކައިރީގައެވެ.

އެ އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލެއްގައި އިން އަންހެން މީހަކަށް އަނިޔާވެފައި ވެއެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:40 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް