ޔޫތު ސިޓީގެ ކުޅިވަރު ވަސީލަތްތައް ފުރިހަމަވަނީ

ޔޫތު ސިޓީއަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

އެއީ ކުޅިވަރާބެހޭ ވުޒާރާއިން ކުރަން ރާވައިގެން ޔޫތު ސިޓީއަށް ކުރަން ރޭވި ދަތުރެކެވެ. އެއީ ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރުގެ ދިގު ދަތުރެކެވެ. ދަތުރު ރޭވުމުގައި އިސްކޮށް އުޅުއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ. އިރުތިޝާމާއެކު އެ ވުޒާރާގެ ބައެއް ވެރިންނާއި ބައެއް މުވައްޒަފުން ވެސް ބައިވެރިވިއެވެ.

ބުރަކޮށް އުޅުއްވަމުން ވެސް ޒުވާނުންނާއި ކުޅިވަރުތަކާބެހޭ ވަޒީރު އިރުތިޝާމާއި އެކަމަނާގެ ޓީމު ކުރެއްވި މަސައްކަތްތައް ވަރަށް ގިނައެވެ.

ޔޫތު ސިޓީއަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ދަތުރުގެ މަޤްސަދަކީ ކޮބާ؟

ޔޫތު ސިޓީއަށް ކުޅިވަރާބެހޭ ވަޒީރު ކުރެއްވި ދަތުރުފުޅުގެ މަޤްސަދަކީ ހުޅުމާލޭގައި ތަރައްގީކުރާ ކުޅިވަރު ވަސީލަތްތަކުގެ މަސައްކަތް ބައްލަވާލައްވައި، ކުޅިވަރު އެސޯސިއޭޝަންތަކުގެ ސުވާލުތަކުގެ ޖަވާބުތައް ހޯއްދެވުމެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުން އެންމެ ކަންބޮޑުވާ އެއް ކަމަކީ ކުޅިވަރު ހަރަކާތްތައް ހިންގާނެ ތަނާއި، ވަސީލަތްތައް ލިބިފައި ނުވުމެވެ. އެހެންކަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ބައްދަލުކޮށް، ސަރުކާރުން އެ އެސޯސިއޭޝަންތަކަށް ދޭ ހަދިޔާތަކުގެ މަސައްކަތް އިރުތިޝާމް ވަނީ ބައްލަވާލައްވައިފައެވެ.

ޔޫތު ސިޓީއަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

އެންމެ ފުރަތަމަ މިނިސްޓަރު އިރުތިޝާމް ޒިޔާރަތްކުރެއްވީ އެޗްޑީސީގެ ޑެވެލޮޕްމަންޓް ސެންޓަރަށެވެ. ހުޅުމާލެ ޔޫތު ސިޓީއެއްގެ ގޮތުގައި ފެނިގެންދާ ފުރިހަމަ ފަރުމާ އެ ތަނުން ދައްކުވައިދިނެވެ. އެ ތަނުގައި އިރުތިޝާމް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަންއާ ބައްދަލުކުރައްވައިފައެވެ.

ސައިމަންއާ ބައްދަލުކުރައްވައި، ޔޫތު ސިޓީގައި ގާއިމުކުރަމުންދާ ކުޅިވަރު ވަސީލަތްތަކުގެ މަސައްކަތް ހަމަލޮލުން ބައްލަވައިލެއްވިއެވެ. އަދި އެ ސިޓީގައި ތަރައްގީކުރަން ރޭވިފައިވާ ކުޅިވަރު ވަސީލަތްތައް ހުންނާނެ ތަންތަނަކީ ކޮބައިތޯ ބައްލަވައިލެއްވުމަށެވެ.

ޔޫތު ސިޓީއަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ރެޑްބުލް ޕާކްގައި ހިމެނޭ ފުޓްސަލް ދަނޑު ވަރަށް ނަލަ!

ރެޑްބުލް ޕާކަކީ ކުޅިވަރު ވަސީލަތްތަކެއް ތަރައްގީކުރަން ރޭވިފައިވާ ތަނެކެވެ. ރެޑްބުލްއިން ތަރައްގީކުރާ އެތަނުގައި ހިމެނޭ ފުޓްސަލް ދަނޑު މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. ހަމައެކަނި މަދުވަނީ ދަނޑުގެ ދެ ކޮޅުގައި އަޅާ ދެ ގޯލު ނެތުން އެކަންޏެވެ.

ފުޓްސަލް ދަނޑު ވަށައިގެން ވަނީ ފެންސް ޖަހައިފައެވެ. އެ ދަނޑުގައި އަޅާފައިވަނީ ފެންވަރު ރަނގަޅު ޓާފްއެވެ. ފެންނަ ފެނުމަށް ވެސް ނަލަކޮށް ފެންނަ އެ ދަނޑަކީ އާންމުންނަށް ވެސް ވަރަށް ބޭނުންތެރި އަދި މަޤްބޫލުކަމެއް ލިބިގެންދާނެ ދަނޑެއްކަން ޔަގީނެވެ.

ރެޑްބުލް ޕާކްގައި ދެން ތަރައްގީކުރަން ހަމަޖެހިފައިވަނީ ވޮލީބޯޅަ ކޯޓަކާއި ސްކޭޓް ކުރާ ތަނެކެވެ. ސްކޭޓް ކުރަން ބޭނުންކުރާ ތަނަކީ ބައެއް ސްކޭޓަރުންގެ ހާއްސަ އެދުމެއްގެ މަތިން ތަރައްގީކުރާ ތަނެއް ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. ރެޑްބުލް ޕާކްގެ މައުލޫމާތު އިރުތިޝާމް ބައްލަވައިލެއްވިއެވެ.

ޔޫތު ސިޓީއަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ނެއިބާހުޑް 3ގައި ހިމޭނޭ ކުޅިވަރު ވަސީލަތްތައް

ހުޅުމާލޭ ޔޫތު ސިޓީގެ ނެއިބާހުޑް 3ގައި ހިމެނޭ ކުޅިވަރު ވަސީލަތްތައް އާންމުންނަށް ހާއްސަ ތަންތަނެވެ. އާންމުންގެ ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެތަން ބޭނުންކުރެވޭނެއެވެ. އެއީ ކުޑަކުދިންނާއި ޒުވާނުންގެ ކުޅިވަރުތަކަށް ވެސް ހާއްސަ ކުރެވިފައިވާ ތަނެކެވެ. އެ ތަން ވަނީ ނިމުމަކާ ގާތުގައެވެ.

ނެއިބާހުޑް 3ގައި ދެ ކޯޓު ހިމެނެއެވެ. އެއީ މަލްޓިޕާޕަސް ދެ ކޯޓެވެ. ދެ ކޯޓު ވެސް އާންމުން ބޭނުންވާނެ އެކި ކުޅިވަރުތައް ހިންގައި، ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދެ ކޯޓުގައި ވެސް ވަށައިގެން ވަނީ ފެންސް ޖަހައިފައެވެ.

ޔޫތު ސިޓީއަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ކޮމިއުނިޓީ ސެންޓަރު ވަރަށް ފުރިހަމަ ވެގެންދާނެ!

ކޮމިއުނިޓީ ސެންޓަރުގައި ސިނަމާއަކާއި، ބިލިއާޑް ފަދަ ކުޅިވަރުތަކަށް ހާއްސަ ތަނަކާއި، ބެޑްމިންޓަން ކުޅުމަށް ވަރަށް ފުރިހަމަ ތަނެއް ހިމެނެއެވެ.

އެ އިމާރާތުގެ ބޮޑު ބައި ނިމިފައިވާއިރު، އެ ތަނުގައި ހިމެނޭ އެންމެ ފުރިހަމަ ތަނެއްގެ ގޮތުގައި ސިފަވަނީ ބެޑްމިންޓަން ކުޅުމަށް ހާއްސަވެފައިވާ ތަނެވެ. އެ ތަނުގައި ދެ ބެޑްމިންޓަން ކޯޓު ހިމެނޭއިރު، ކުޅިބަލާ މީހުންނަށް ފުރިހަމައަށް ކުޅިބެލޭނެ ގޮތް ހަމަޖައްސާފައިވެއެވެ. ކޮމިއުނިޓީ ސެންޓަރަކީ މިނިސްޓަރު އިރުތިޝާމަށް ވެސް ވަރަށް ކަމުދިޔަ ތަނެކެވެ.

ޔޫތު ސިޓީއަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

އެންމެ ފުރިހަމަކޮށް ފެނިގެންދިޔައީ ސިންތެޓިކް ޓްރެކް!

އެތުލީޓުން އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރަމުންދިޔަ އެތުލެޓިކް ސިންތެޓިކް ޓްރެކް ވަނީ ނިމުމަކާ ދާދި ގާތުގައެވެ. ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ދުވުންތެރިންނަށް ހާއްސަކޮށްގެން ތަރައްގީކުރާ އެ ޓްރެކް ފެންނަނީ ވަރަށް ވެސް 'އިންޓަނޭޝަނަލް' ކޮށެވެ.

ޔޫތު ސިޓީއަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

އެ ނިމުނީކީ ނޫން!

އަދިވެސް ސަރުކާރުން، ކުޅިވަރާބެހޭ ވުޒާރާއަށް ބޮޑެތި މަސައްކަތްތަކެއް ފުރިހަމަކުރުމުގެ ޒިންމާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ސްޕޯޓްސް ކޮމްޕްލެކްސްގެ މަޝްރޫއުއެވެ. އެތަނަކީ ވެސް ކުޅިވަރު އާއިލާއިން ދެކެމުންދާ ވަރަށް ބޮޑު ހުވަފެނެކެވެ. އެއީ ގިނަ ކުޅިވަރުތަކަކާއި ވަސީލަތްތަކެއް ހިމެނޭ ތަނެކެވެ.

ސްޕޯޓްސް ކޮމްޕްލެކްސްގެ އިތުރުން ގަތަރުން ރާއްޖޭގައި ތަރައްގީކުރާ ސްޓޭޑިއަމަކީ ވެސް ޔޫތު ސިޓީގައި ފާހަގަކޮށްލެވޭނެ ތަނަކަށް ވާނެއެވެ. އެ ތަނުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެންދާނެ ކަމުގެ ފެހި ސިގްނަލް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ވަނީ ދެއްވައިފައެވެ.

ޔޫތު ސިޓީއަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ދަތުރު ނިންމާލުން

ދަތުރު ނިންމާލުމަށްފަހު މިނިސްޓަރު އިރުތިޝާމް ވަނީ ދަތުރުގައި ބައިވެރިވި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ. ހުޅުމާލޭގައި ހިމެނޭ ތަންތަން ބައްލަވާލެއްވިއިރު ވެސް އިރުތިޝާމް ހާއްސަ ސަމާލުކަމެއް ދެއްވާފައިވަނީ ކުޅިވަރު ވަސީލަތްތައް ބައްލަވައިލެއްވުމެވެ. އެހެން އިތުރު ތަނަކަށް އެކަމަނާ މަޑެއް ނުކުރައްވައެވެ. އެނބުރި މާލެވަޑައިގަތް ދަތުރު މަތީގައި ވެސް އެކަމަނާ ދެއްކެވީ ކުޅިވަރާ ގުޅުންހުރި ވާހަކަތަކެވެ.

comment ކޮމެންޓް