މެޑިކަލް އެކްސްޕޯގެ ނަސީބުވެރީންނަށް އިނާމު ހަވާލުކޮށްފި

މެޑިކަލް އެކްސްޕޯގެ ނަސީބުވެރިއަކަށް އައިޕެޑެއް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މެޑިކަލް އެންޑް ހެލްތު އެކްސްޕޯގެ ނަސީބުވެރިން ހޮވައި އިނާމު ހަވާލުކޮށްފި އެވެ.

މިއަދު ހަވީރު ސަލްސާ ރޯޔަލްގައި ބޭއްވި ހަފްލާއެއްގައި ވަނީ މޯލްޑިވިއަންއިން ހުށަހެޅި ޗެންނާއީ ދެކޮޅު ޓިކެޓު ލިބުން ފަރާތްތަކަށާއި، އައިޕެޑް ލިބުން ފަރާތްތައް އިއުލާނުކޮށް އެ އިނާމުތައް ހަވާލުކޮށްފައެވެ.

މޯލްޑިވިއަން ހުށަހެޅި ޗެންނާއީ ދެކޮޅު ޓިކެޓުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްދީފައިވަނީ، މޯލްޑިވިއަންގެ ފަރާތުން ހައްވާ ޒިދުނާ އެވެ. ޗެންނާއީ ޓިކެޓުގެ ނަސީބުވެރިންނަށް ހޮވިފައިވަނީ، ޝުމްރޫޖް، ޑރ. ވިރާޖް އަދި އަބޫ އުމަރު އަލީ އެވެ. ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަތް ޓިކެޓުގައި ދެބޭފުޅުންނަށް ދަތުރު ކުރެވޭނެ އެވެ.

ޗެންނާއީ ދެކޮޅު ޓިކެޓުގެ ނަސީބުވެރިއަކަށް ޓިކެޓު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މެޑިކަލް އެކްސްޕޯއަށް ޒިޔާރަތް ކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކަށް އެމްވީ މެޑިކަލްސްއިން ހުށަހަޅާފައިވާ އައިޕެޑް ވެސް ވަނީ ހަވާލުކޮށްފައެވެ. އައިޕެޑްގެ ނަސީބުވެރިންނަށް ހޮވިފައިވަނީ އެލްމޯ ލޯރެންސް އާއި ފާތިމަތު ނުހާ އަދި ޝިޔާ ނިމްތާޒެވެެ. އައިޕެޑްތައް ނަސީބުވެރިންނަށް ހަވާލުކޮށްދެއްވީ، އެމްވީ މެޑިކަލްސްގެ މާކެޓިން އެގްޒެކްޓިވް ޔުސްރާ އަހްމަދެވެ.

އައިޕެޑާއި ޗެންނާއީ ޓިކެޓުގެ އިތުރުން އިތުރު އެހެނިހެން އިނާމުތައްވެސް ވަނީ މެޑިކަލް އެކްޕޯއަށް ޒިޔާރަތް ކުރި ފަރާތްތަކަށް ދީފައެވެ.

އެ ހަފްލާއަށްފަހު އެމްވީ މެޑިކަލްސްގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަބްދުލް ޖަލީލް ހުސައިން ވިދާޅުވީ، މިދިޔަ އަހަރުގެ އެކްސްޕޯއަކީ ކާމިޔާބު އެކްސްޕޯ އެއް ކަމަށެވެ. އެގޮތުން ހާސިލް ކުރަން ބޭނުންވި ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލުވި ކަމަށާއި، ނިމިދިޔަ އަހަރަށްވުރެ މިއަހަރު ބޮޑުކޮށް ތަފާތުކޮށް އެކްސްޕޯ ބޭއްވުމަށް ތައްޔާރުވަމުން ދާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު މަގުސަދެއްގެ ކަމުގައި ބެލީ ސިއްހީ ދާއިރާއާ މެދުގައި އާއްމުން ހޭލުންތެރި ކުރުވުން. އެކަންތައް ވަރަށް ބޮޑަށް ހާސިލް ކުރެވިއްޖެ. ވަޑައިގެންނެވި ފަރާތްތަކުންވެސް އެނގިފައި ނެތް ވަރަށް ގިނަ ކަންތައްތަކެއް އެނގިގެން ދިޔަ ކަމަށް އެފަރާތްތަކުން ފާހަގަ ކުރެއްވި،" ޖަލީލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 އިން 26 އަށް ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި އެ އެކްސްޕޯއަށް ހާހަކަށްވުރެ ގިނަ ފަރާތްތަކުން ޒިޔާރަތް ކޮށްފައިވާއިރު، އެ އެކްސްޕޯގައި ރާއްޖެއާއި އިންޑިއާގެ ނަން މަޝްހޫރު ހޮސްޕިޓަލުތަކުން ވަނީ ބައިވެރިވެފައެވެ.

އެ އެކްސްޕޯގައި އެކި ދާއިރާތަކުގެ ހާއްސަ ޑޮކްޓަރުންނާ ވާހަކަ ދައްކާލުމުގެ ފުރުސަތާއި، މެޑިކަލް ރިޕޯޓުތައް ދައްކައި ޑޮކްޓަރުންގެ ލަފާ ހޯދުމާއި، ސްކޭން ކުރުން ފަދަ ކަންތައްތައްވެސް ކުރެވޭނެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އަދި ބްލަޑް ޕްރެޝަރު ބެލުމާއި، ބަރުދަން ބެލުމާއި، ސިއްހަތާ ބެހޭ އެކިއެކި މައުލޫމާތު އާންމުންނާ ހިއްސާކޮށްފައިވެ އެވެ.

comment ކޮމެންޓް