ސިފްކޯ ހިޔާގެ ފްލެޓްތައް އަންނަ އަހަރު ސިފައިންގެ އަހަރީ ދުވަހަށް ނިންމައި، ހަވާލުކުރަނީ

އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އަލަށް ގެނައި ފާސްޓް އިންޓަސެޕްޝަން ކްރާފްޓް (އެފްއައިސީ) އުޅަނދުތައް ހިދުމަތަށް ނެރުމަށް މިއަދު އިއްޒުއްދީން ފާލަން ކައިރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މުހައްމަދު އަފްރާހް

ސިފައިންނާއި ސިފައިންގެ އާާއިލާތަކަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސިފްކޯ ހިޔާ ފްލެޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރިލް މަހު ނިންމައި ހަވާލުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސިފްކޯ ހިޔާ ފްލެޓްތަކަކީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސް އަދި ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ"އާ ގުޅިގެން އިމާރާތްކުރަން ފެށި ފްލެޓްތަކެކެވެ.

ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގޮސް ދިގު މުއްދަތަކަށް ހުއްޓިފައިވަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރު ވަނީ އެ މަސައްކަތް އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ފެލްޓްތަކުގެ މަސައްކަތް ނިންމާ ގޮތަށެވެ.

ހުޅުމާލޭގައި އިމާރާތްކުރައްވަމުން ގެންދަވާ ފްލެޓްތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ހުޅުމާލޭގައި --- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އަލަށް ގެނައި ފާސްޓް އިންޓަސެޕްޝަން ކްރާފްޓް (އެފްއައިސީ) އުޅަނދުތައް ހިދުމަތަށް ނެރުމަށް މިއަދު އިއްޒުއްދީން ފާލަން ކައިރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިިނިސްޓަރު ވިދާޅުވީ، ސިފްކޯ ހިޔާގެ ފްލެޓްތަކުގެ މަސައްކަތްތައް ހަަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

އެގޮތުން ފްލެޓްތަަކުގެ ފުރަތަމަ ފަންގިފިލާ ސީޓު އަޅައި ނިމިފައިވާއިރު، ސިފައިންގެ އިންޖިނިއަރުންނާ ހަވާލާދެއްވައި މިނިސްޓަރު ވިދާޅުވީ، އެ އިމާރާތްތަކުގެ މަސައްކަތްތައް އަންނަ އަހަރުގެ ސިފައިންގެ އަހަރީ ދުވަހުގެ ކުރިން ނިންމައި، ހަވާލުކުރެވޭނެ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، މަސައްކަތްތައް ރޭވިފައިވާ ގޮތުން ސިފްކޯހިޔާ ފުލެޓްތަކުގެ ސްޓްރަކްޗަރުގެ މަސައްކަތްތައް ކުރިއަށްއޮތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ތިން ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކުރާ ސިފްކޯ ހިޔާގައި 330 ފްލެޓް ހިމެނޭއިރު، ކޮންމެ އެޕާޓްމަންޓެއްގައި 900 އަކަފޫޓު ހުރެއެވެ. އަދި ލަގްޒަރީ ފެންވަރުގެ ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި ހުރެއެވެ.

ފެލްޓް ދޫކުރާއިރު، އަންހެން ސިފައިންނަށާއި އަސްކަރިއްޔާއިން ރިޓަޔާކޮށްފައި ތިބި ޝަރުތު ހަމަވާ ބޭފުޅުންނަށް ވެސް ފްލެޓް ދޭނެ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައި ވެއެވެ.

comment ކޮމެންޓް