ކެންސަރާ ހަނގުރާމަ ކުރަމުންދާ ހިތްވަރުގަދަ ސާރާ، އެދެނީ އެހީއަށް

ބަލި އެނދުގައި ސާރާ ކީރިތި ގުރުއާން ކިޔަވަނީ-- ސަން ފޮޓޯ: ކިޔުންތެރިއެއް

ކ.މާލެ، މއ. ޓްވައިލައިޓް، އުމުރުން ހަ އަހަރުގެ ސާރާ އަހުމަދު ސަލީމް ދިޔައީ އަހުމަދިއްޔާ ސުކޫލުގެ ޔޫކޭޖީގައި ތައުލީމް ހާސިލް ކުރަމުންނެވެ. ޝައުގުވެރިކަމާއެކު ތައުލީމް ހާސިލްކުރަމުންދިޔަ ތޫނު ފިލި ސާރާއަށް މިދިޔަ އަހަރު ކުރީކޮޅު ކުއްލިއަކަށް ހުން އަންނަން ފެށިއެވެ. ޑޮކްޓަރަށް ދެއްކުމުން މުޅިންހެން ދޭ ޖަވާބަކީ "ވައިރަލް ފީވާ" ކަމަށެވެ.

"ތަކުރާރުކޮށް ދެއްކީމަވެސް ޑޮކްޓަރުން ދޭ ޖަވާބަކީ އާދައިގެ ހުމެކޭ، އެކަމަކު އެހެރަ ވަރުގަދަ އެންޓިބަޔޮޓިކް ދޭއިރުވެސް ހުން މަޑެއް ނުވޭ، ޑޮކްޓަރުން އޮބްޒަވޭޝަންގައި ނުބާއްވާ، އެހެންވެ އެއް ދުވަހު ޑޮކްޓަރަށް ދައްކަން ގަދަކަމުން މަޑުކުރީ، އެއަށްފަހު ބާއްވައި ބެލުމަށްފަހު އެމަޖެންސީކޮށް މިކޮޅަށް {އިންޑިއާގެ ކޮޗިން} އަށް ފޮނުވީ،" ސާރާގެ ބައްޕަ އަހުމަދު ސަލީމް ބުންޏެވެ.

ސާރާ ފަރުވާ ފެށިއިރުގެ ފޮޓޯއަކާއި މިހާރުގެ ފޮޓޯއެއް--

އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުން ސާރާގެ ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރު އެންގީ ސާރާއަށް ވަނީ ލެއިގެ ކެންސަރު ކަމަށްވާ ލިމްފޯބްލާސްޓިކް ލިއުކޭމިއާ ނުވަތަ ލިމްފޮސައިޓިކް ލިއުކޭމިއާ ޖެހިފައި ކަމަށެވެ. މިއީ ހަށިގަނޑުގެ ވައިޓް ބްލަޑް ސެލްތަކަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހެނީ، ހަށިގަނޑުން އުފައްދައި ދޭ ވައިޓް ބްލަޑް ސެލްތައް ކެންސަރު ސެލްތަކަށް ބަދަލުވެގެން އުފެދޭ "ލިމްފޮބްލާސްޓްސް" ސެލްތަކުގެ ސަބަބުންނެވެ.

ވައިޓް ބްލަޑް ސެލްތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ އެންމެ މުހިއްމު އަސާސް އެވެ. ޖެހޭ ބައެއް އިންފެކްޝަންތަކުންނާއި ބެކްޓީރިއާތަކުން މީހާ ސަލާމަތްކޮށްދެނީ ވައިޓް ބްލަޑްސެލްތަކުންނެވެ. މި ބަލި ޖެހޭ އިރު އެކި މީހުންނަށް ޖެހޭ ގޮތާއި ވާ އުނދަގޫ ތަފާތެވެ. އެއީ މިބަލި މީހަކަށް ޖެހެނީ އެ މީހެއް ސިއްހީ ދުޅަހެޔޮކަމާ އެއްވަރަކަށެވެ.

މި ބައްޔަށް ދެގޮތަކަށް ފުރިހަމަ ފަރުވާ ކުރެވޭނެ އެވެ. އެއީ ބޯން މެރޯ ޓްރާންސްޕްލާންޓު ހެދުމާއި ސްޓެމް ސެލްސް ޓްރާސްޕްލާންޓުކޮށްގެންނެވެ. ސާރާގެ ބައްޕަ ސަލީމް ބުނި ގޮތުގައި ކުރިއަށްވުރެ މިހާރު ސާރާގެ ހާލު ބޮޑުތަން އަންނަނީ ރަނގަޅުވަމުންނެވެ.

"މައިބަދައަށް ޖަހާ އިންޖެކްޗްޝަނެއް އެލްޕީ ޖަހަމުންދަނީ، އަދި ކެންސަރަށް ކީމޯ ދީގެންވެސް ފަރުވާ ދެމުން މިދަނީ، ބޮލުގަ ހުރި އިސްތަށިތައްޗވެސް ފައިބައިވި،" ސާރާގެ ބައްޕަ ބުންޏެވެ.

ސާރާގެ ބޭހަށް އާސަންދަ ލިބެއެވެ. ސާރާގެ ދިފާއީ ނިޒާމް ދަށްވުމުން އައިސޮލޭޓެޑް ރޫމެއްގައި، އޮތުމަށް ޑޮކްޓަރުން އެންގި ނަމަވެސް އާސަންދައިން އެހަ ރަދެއް ނުލިބޭ ކަމަށް ސާރާގެ ބައްޕަ ބުނެއެވެ. ހަމައެއާއެކު އަމިއްލައިން ކައްކާތަކެތި ނޫނީ ސާރާއަށް ކާން ނުދިނުމަށް ޑޮކްޓަރުން އަންގާފައިވުމުން ސާރާއަށް ކެއްކުމަށާއި މަންމަ އާއި ބައްޕަ ހުރުމަށް ހިފާފައި ހުންނަ ކޮޓަރިއަށް ވެސް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

"ހޮސްޕިޓަލް ކޮޓަރިއަށް ދުވާލަކު 3000 ރުޕީސް ދައްކަންޖެހޭ، ތަކެތި ބަހައްޓާ ކޮޓަރިއާއި ކެއުމަށް ދުވާލަކު 1800 ރުޕީސް ދޭ، މުޅި ޖުމުލަ އެގޮތަށް ގޮސް ދުވާލަކު 4800 ރުޕީސް އަތުން ހަރަދުވޭ، އެކަމަކު މިއަދު އެވަރަށް ނުލިބޭތީ ވަރަށް ބިކަވެއްޖެ، ހޮސްޕިޓަލަށް [ޕުރައިވެޓް ރޫމަށް] ދައްކަންޖެހޭ ފައިސާ ނުދެއްކި ދަރާފަ މިވަނީ،" ސާރާގެ ބައްޕަ ކިޔައިދިނެވެ.

އެގޮތަށް ފަރުވާ ދިނުމަށް އަދި ދެ އަހަރު މަޑުކުރަން ހޮސްޕިޓަލުން ވަނީ އަންގާފަ އެވެ. އެއީ މަހަކު އެއްފަހަރު އެލްޕީ އިންޖެކްޝަން ދިނުމަށެވެ. އެކަމަށް އެތައް ހަރަދެއް ހޭދަވާނެއެވެ.

ސާރާގެ އާއިލާގައި ހަތް ކުދިން ތިބޭއިރު ސާރާއަކީ އެންމެ ހަގު ކުއްޖާއެވެ. ސާރާގެ ބައްޕައަށް އާމްދަނީ ލިބޭނެ ހަމައެކަނި ގޮތަކީ ގޭގައި ކުއްޔަށް ދީފައި ހުންނަ ކޮޓަރިއެކެވެ. އެކުޑަ އާމްދަނީން އެ ހާބޮޑު ހޭދައެއް ކުރަން ނުކުޅެދިފައިވާތީ އެއާއިލާގެ އެދުމަކީ ސާރާގެ މުސްތަގުބަލަށްޓަކައި ދީލަތު އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.

"މިކަމުން އަޅުގަޑުމެން ސަލާމަތް ވަންދެން އަޅުގަނޑުމެނަށް އެހީތެރިކަމުގެ ދީލަތިއަތެއް ފޯރުކޮއްދެއްވުމަށް އެދި ވަރަށް ލަދުވެތިކަމާއެކު އާދޭސް ދައްނަވަން،" ސާރާގެ ބައްޕަ އާދޭހާއެކު އެދެނީ އެހީތެރިކަމަކަށެވެ.

ސާރާއަށް އެހީތެރިވުމަށް

ޝަހީމާ މުހައްމަދު ފޯން ނަމްބަރު: 00919539099934

އެކައުންޓް ނަމްބަރު

އަހުމަދު ސަލީމް: 7715117436001

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ. މެއިލް ކުރައްވާ ނަމަ ކުރައް ވާނީ [email protected] އަށެވެ.

comment ކޮމެންޓް