3000 ނަރުހުން ތަމްރީން ކުރުމަށް ސޮއިކޮށްފި

ނަރުހުން ތަމްރީން ކުރުމަށް ހެލްތު މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީއާ ދެމެދު މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އަލީ ނަސީރު

ބަލި މީހުންނަށް ހިދުމަތް ދެމުންގެންދާ ނަރުހުންނަކީ ދިވެހިން ކަމުގައި ހެދުމުގެ އަމާޒާ އެކު ގައުމީ ޔުނިވާސިޓީ އާއި ހެލްތު މިނިސްޓްރީ ގުޅިގެން 3000 ނަރުހުން ތަމްރީން ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީ އާއި ހެލްތު މިނިސްޓްރީ އިން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފަސް އަހަރުގެ ތެރޭގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރަށް 3000 ނަރުހުންނަށް ތަމްރީން ހެދުމުގެ ފުރުސަތު ތަނަވަސްވާނެ ކަމަށް ހެލްތު މިނިސްޓްރީ އާއި ޔުނިވަސިޓީ އިން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވީ، މިމަހު ފަށާ ނަރުހުންގެ ކޯހުގެ ޖާގަ ފުރިފައިވާ އިރު، ގިނަ އަދަދެއްގެ ދަރިވަރުން ރިޒާވްގައި ވެސް އެބަ ތިބި ކަމަށެވެ.

އެގޮތުން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ނަރުހުންގެ ކޯހަށް ކުރިމަތިލުމުގެ ހަތަރު އިންޓޭކެއް ގައުމީ ޔުނިވާސިޓީން ހުޅުވާލާނެ ކަމަށް ބުންޏެވެ. އެއީ އާއްމުކޮށް އިންޓޭކް ނަގާ ޖަނަވަރީ އަދި ޖުލައި މަހުގެ އިތުރުން މާޗް އަދި ސެޕްޓެމްބަރު މަހު ކަމަށް އެ ޔުނިވަސިޓީ އިން ބުންޏެވެ. ފަވާޒް ވިދާޅުވީ މި އަހަރުގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ދެ ސެންޓަރެއްގައި މުޅިން އަލަށް ނަރުހުން ތަމްރީން ކުރުމުގެ ކޯސް ފަށާނެ ކަމަށެވެ.

"މިއަހަރުގެ ތެރޭގައި އިތުރު ދެ ސެންޓަރެއްގައި ނަރުހުންގެ ކޯސް ފަށާނެ. ރ. އުނގޫފާރުގައި މި މަހުގެ ތެރޭގައި ނަރުހުންގެ ކޯސް ފަށާނެ. މިއަންނަ ހަފްތާގައި ފުވައްމުލަކުގެ އެސެސްމަންޓެއް ހަދާނެ. މާޗް މަހު ހުޅުވާލެވޭ އިންޓޭކުގައި އެތަނުގައި ވެސް ނަރުހުންގެ ކޯސް ފެށިގެންދާނެ،" ފަވާޒު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ ފަރާތުން ކުޅުދުއްފުށި، ތިނަދޫގެ އިތުރުން އައްޑޫ އަދި ލ. ގަމުގައި ނަރުހުން ތަމްރީން ކުރުމުގެ ކޯސްތައް ދަނީ ހިންގަމުންނެވެ.

ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި އައްޑޫ ކޮންވެންޝަން ސެންޓަރުގައި ތަރައްގީ ކުރާ ޓާޝަރީ ހޮސްޕިޓަލާއި ކުޅުދުއްފުށީގައި ތަރައްގީ ކުރަމުންދާ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކަށް އިތުރުކުރަމުންދާ ހިދުމަތްތަކަށް ނަރުހުން ބޭނުންވާނެ ކަމަށެވެ.

"ނަރުހުން ނެތުމުގެ މައްސަލަ އަވަހަށް ހައްލުވެދާނެ ކަމަކަށް ނުއެއްފެނޭ. ނަމަވެސް މިފެށުނީ ވަރަށް މުހިއްމު މަސައްކަތެއް. އަދި މި މަސައްކަތުގެ ދަށުން ލިބޭ ހިތްހަމަޖެހުމަކީ ނަރުހުންގެ ކޯހަށް ކުރިމަތިލާ ޝަރުތު ހަމަވާ ކުއްޖަކު ހުންނަން ޖެހޭ ޖެހުން ހައްލުވެގެން ދިއުން،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބަލި މީހުންނަށް ހިދުމަތް ދެމުންގެންދާ ނަރުހުންގެ 47.26 ޕަސެންޓަކީ ބިދޭސީންނެވެ.

comment ކޮމެންޓް