އަރުހަމްގެ ގާތިލު ވިސާމްގެ މައްސަލަ އިސްތިއުނާފުކޮށްފި

އަރުހަމް މަރާލި ކަމުގެ ކުށް ސާބިތުވި ލ. މާވަށް އެވާބްލޫ މުޙައްމަދު ވިސާމް ---

ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރާލި މައްސަލާގައި ލ. މާވަށު އެވާބްލޫ މުހައްމަދު ވިސާމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކޮށްފި އެވެ.

ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެ ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެކީން ހެކިބަސް ދެމުން، ވިސާމް އަރުހަމަށް ހަމަލާދެނިކޮށް ފެނުނު ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބައެއް ހެކީންނަށް ވިސާމް ލޮރެންޒޯ ޕާކަށް ވަންނަނިކޮށް ފެނިފައިވާ ކަމަށްވެސް އެ ހުކުމްގައި ވެއެވެ. އެ ހެކިތަކަށް ބަލާއިރު ވިސާމްގެ މައްޗަށް އަރުހަމް މަރާލިކަން ސާބިތުވާކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ވިސާމްގެ އިތުރުން ދެން އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލ. މާވަށު، އަސަަރީގޭ މަންސޫރު ޔޫސުފް 25، އާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާން، 19، އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދު، 21،ގެ މައްޗަށެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް އަރުހަމް މަރާލިކަން ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ދައުލަތުން އެ ހަތަރު މީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ 2012 މެއި 30 ވަނަ ދުވަހުގެ ރޭ ދަންވަރު ކުއްލިއްޔާ އަދި މިހާރުގެ އިސްލާމިކް ޔުނިވާސިޓީގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި އަރުހަމް ހުއްޓައި ދަންވަރު 1:00 އާއި ހެނދުނު 6:30 އާއި ދެމެދުގެ ވަގުތެއްގައި އެ މީހުންގެ ތެރެއިން އާތިފާއި އިތުރު ބަޔަކާ އެކު ވިސާމާއި މަންސޫރު އަދި ސުފުޔާން ސައިކަލްތަކެއްގައި ގޮސް ޕާކްކައިރިއަށް މަޑު ކުރި ކަމަށެވެ. އަދި ސައިކަލްތަކުގައި މަޑުކުރުމަށް ފަހު ވިސާމާއި މަންސޫރު އަދި ސުފުޔާން ޕާކްތެރެ އަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމަށް ފަހު އެ އެންމެން އާތިފް ރަޝީދާއި އިތުރު ބަޔަކާ އެކު ސައިކަލްތަކުގައި އެތަނުން ގޮސްފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފައެވެ.

މައްސަލަ ހިނގާދިޔަ ގޮތް

  • ލޮރެންޒޯ ޕާކުތެރޭގައި މަރާލާފައި އޮއްވާ ފެނުނީ 2012 ޖޫންމަހު
  • މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރި
  • މައްސަލައިގެ ޝަރީއަތް ފަށާފައިވަނީ ނޮވެމްބަރު އެކެއް 2012 ގައި
  • ހަތަރު މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައި
  • މައްސަލައިގައި ދައުވާ ސާބިތުކުރުމަށާއި ދިފާއީ ހެކިންވެސް ވަނީ ނަގާފައި
  • މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިއަހަރުގެ މާޗު މަހުގެ ނުވަވަނަ ދުވަހު
comment ކޮމެންޓް