އެމްޕީއެލާ ގުޅޭ ގޮތުން މީޑިއާތަކުގައި ދައްކާ ވާހަކަތަކަށް ޖުނައިދު ރައްދު ދެއްވައިފި

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު: ނުއަގުގައި ދޯންޏެއް ގަތް ކަމަށް ބުނެ މީޑިއާތަކުން ދެއްކި ވާހަކައަށް ރައްދު ދެއްވި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅޭ ގޮތުން މީޑިއާތަކުގައި ދެކެވެމުން އަންނަ ވާހަކަތަކަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އެމްޕީއެލް އިން އިސްނަގައިގެން ބާއްވާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފެށުމަށް މިއަދު ހެނދުނު އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ސީއީއޯ ޖުނައިދު ވިދާޅުވީ، އެމްޕީއެލްއާ ގުޅޭ ގޮތުން މީޑިއާތަކުން ވާހަކަތައް ފަތުރާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

ޖުނައިދު ފުރަތަމަ ފާހަގަކުރެއްވީ މީގެ ދެ ދުވަހެއް ކުރިން، އެމްޕީއެލުން ފަސް މިލިއަނަށް ބާ ދޯންޏެއް ގަތް ކަމަށް ބުނެ މީޑިއާތަކުގައި ތިލަވި ޚަބަރެވެ. އެ ޚަބަރާ ގުޅޭ ގޮތުން ޖުނައިދު ވިދާޅުވީ، އެއީ ދޮގު ވާހަކައެއް ކަމަށާއި ދޯންޏެއް ގަތީ "ތިނެއް ޕޮއިންޓް ކޮންމެވެސް މިލިއަނަކަށް" ކަމަށެވެ. ސީދާ އަދަދެއް ވިދާޅެއް ނުވެއެވެ.

ފަސް މިލިއަން ކީއްކުރަންތޯ ދިހަ މިލިއަން ރުފިޔާއަށް ވެސް ދޯނި ގަންނަންޖެހިއްޖެއްޔާ ގަންނާނަން. އެކަމަކު އެކަށީގެންވާ ދޯންޏެއް ގަންނާނީ. އަޅުގަނޑު ދަންނަވާނީ އެއީ މުޅިން ދޮގެކޭ ފަސް މިލިއަނަކަށް މިތާ ދޯންޏެއް ނުގަނޭ 3 ޕޮއިންޓް ކޮންމެސް މިލިއަނަކަށް ގަތީ، މުހައްމަދު ޖުނައިދު

"ފަސް މިލިއަން ކީއްކުރަންތޯ ދިހަ މިލިއަން ރުފިޔާއަށް ވެސް ދޯނި ގަންނަންޖެހިއްޖެއްޔާ ގަންނާނަން. އެކަމަކު އެކަށީގެންވާ ދޯންޏެއް ގަންނާނީ. އަޅުގަނޑު ދަންނަވާނީ އެއީ މުޅިން ދޮގެކޭ ފަސް މިލިއަނަކަށް މިތާ ދޯންޏެއް ނުގަނޭ 3 ޕޮއިންޓް ކޮންމެސް މިލިއަނަކަށް ގަތީ،" ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު އިތުރަށް ފާހަގަކުރެއްވީ އެ ކުންފުންޏަށް ގެންނަ ރީސްޓިކާ މީގެކުރިން ގެނެސްފައި ވަނީ 35 މިލިއަން ރުފިޔާއަށް ކަމަށެވެ. ނަމަވެސް ޖުނައިދުގެ އިސްނެގުމުގެ މަތިން ކުރިން ގެންނަމުން އައި ބްރޭންޑްގެ ކުންފުންޏާ ވާހަކަ ދައްކައިގެން ހަތް މިލިއަނަށް ކުޑަކޮށްފައިވާކަން ޖުނައިދު ފާހަގަކުރެއްވި އެވެ.

"މިއީވެސް ހަމަ އެމްޕީއެލްގެ ޑޮކިއުމަންޓްތަކުން މިހާރުވެސް ފެންނަން ހުރި ކަންކަން. ކީއްވެގެންތޯ އެވާހަކަ މީޑިއާގަ ނުގެނެވެންވީ. މިބޭފުޅުން މިއަދު އަޅުގަނޑުގެ އަގު ވައްޓާލާ ޖޫގޯ ވިއްކާ މީހެކޭ އެހެންއެއްޗެކޭ، ޖޫގޯވެސް ވިއްކާނަން އައިސްކްރީމް ވެސް ވިއްކާނަން ހެދިކާވެސް ވިއްކާނަން ހަމަ ތިބެން ޖެހޭނީ،" މީޑިއާތަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކަތަކުގައި ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ އެ ކުންފުނިން ގަވާއިދާ ހިލާފައް ކަމެއް ނުކުރާނެ ކަމަށާއި ކުރާނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އެ ކަންކަމާ މީޑިއާތަކުން "ކަންބޮޑުވާނެކަމެއް ނެތް" ކަމަށް ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު އެފަދައިން އެވާހަކަ ދެއްކެވީ އެ ކުންފުނިން ނުއަގުގައި ބާ ދޯންޏެއް ގަތް ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހަޅައިފައި ވަނިކޮށެވެ. އޭސީސީ އަށް ހުށަހަޅާފައި ވަނީ އަގާ ނުބައްދަލު ބާ އޮޑިއެއް އެމްޕީއެލުން މީހަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދޭން ގަތް ކަމަށް ބުނާ މައްސަލަ އެކެވެ. އެ މައްސަލަ އޭސީސީން މިހާރު ދަނީ ބަލަމުން ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދެއްވި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު 'ސަން' އަށް ވިދާޅުވެފައި ވަނީ އެ ކުންފުނީން ދޯންޏެއް ގަތީ އެތަނުގެ މުވައްޒަފުން ކުރަން ޖެހޭ އެކިއެކި ދަތުރުތައް ކުރުމަށާއި މާލެއިން ތިލަފުއްޓަށް އުފުލަން ޖެހޭ ބައެއް މުދާ އުފުލުމަށް ކަމަށެވެ. އެއީ ބާ ދޯންޏެއް ނޫން ކަމަށް ޖުނައިދު ވިދާޅުވި އެވެ.

އެމްޕީއެލްއާ ގުޅޭގޮތުން މިފަދަ ވާހަކަތައް ދައްކަނީ، ވޭތުވެދިޔަ ކުރު މާޒީގައި އެ ކުންފުނިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފަނޑުކޮށްލައި، ކުންފުންޏާއި ސަރުކާރުގެ އަގު ވައްޓާލުމަށް މަދުބަޔަކު އަޑިގައިތިބެގެން ކަމަށް ވެސް އެ ކުންފުނިން ތުހުމަތުކުރެއެވެ.

"މި ކުންފުނީގެ ތެރެއަށް އަތްބޭނުމަށް މަދު މަދު ވިޔަފާރިވެރީންތަކެއް ކުރަމުންދާ މަސައްކަތަށް މި ކުންފުނިން ފުރުސަތު ނުދޭނޭ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަން،" އެމްޕީއެލުން ބުންޏެވެ.

ޖުނައިދު ވިދާޅުވީ މީގެކުރިން އެމްޕީއެލުށް މުދާ ހުސްކުރަން އަންނަ ބޯޓު ފަހަރުން މުދާ ބޭލޭވަރު ލަސްވެ ފަހެއް ނުވަތަ ހަބޯޓު އަބަދުވެސް ކިޔޫގައި އޮންނަ ކަމަށެވެ. ނަމަވެސް މިހާރު ކިޔޫގައި މަޑުނުކޮށް މުދާ ހުސްކުރެވޭކަން ޖުނައިދު ފާހަގަކުރެއްވި އެވެ. އެއީ ވެސް އެ ކުންފުނިން ދުވަހަކަށް ފަހު ދުވަހަކުން ހޯދާ ކުރިއެރުންތަކުގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް