މާރާމާރީގައި ޒަހަމްކޮށްލި ދެ ޒުވާނުންގެ ހާލު ވެސް ސީރިއަސް

ފުލުހުން ރައްކާތެރިކަން ގާއިމްކުރުމަށް ހަރަކާތްތެރިވަނީ-- ސަން ފައިލް ފޮޓޯ

މާލޭގައި އިއްޔެ ހިންގި ދެ މާރާމާރީގައި ޒަހަމްކޮށްލި ދެ ޒުވާނާގެ ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުން ފަރުވާދޭން ފަށައިފި އެވެ.

މާރާމާރީ އިއްޔެ ހިންގާފައި ވަނީ އިއްޔެ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ޖަނަވަނީ މަގުގައެވެ. އެ މާރާމާރީގައި ޒުވާން ފިރިހެން ކުއްޖަކު ޒަހަމްކޮށްލާފައިވާއިރު އޭނާގެ ހާލު ވަރަށް ސީރިއަސްއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުއްޕާމެއަށް ގެއްލުންތަކެއް ލިބި އޭނާގެ ހާލު ވަރަށް ސީރިއަސްއެވެ. އޭނާއަށް ފަރުވާދެނީ އޭޑީކޭގައެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު ހިންގި މާރާމާރީގައި ވިލާ ޓުރެވަލްސް ގޯޅީގެ ތެރެއިން ހަ މީހަކު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ 22 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކަށެވެ.

އާއިލާ ފަރާތުން ސަން އަށް މައުލޫމާތު ދިން ގޮތުގައި އޭނާގެ ހަތަރު ތަނަކަށް ވަނީ ވަޅިން ހަމަލާދީފަ އެވެ. ކޮނޑަށާއި އަރިކަށީގެ އިތުރުން ބޮލަށާއި އަތައް ވަނީ ހަމަލާދީފަ އެވެ. އަރިކައްޓަށް ފުންކޮށް ހަމަލާ ދިނުމުމުގެ ސަބަބަބުން ފުއްޕާމެއަށް ގެއްލުންވެފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

"އައިސީޔޫގައި އޮތީ، އެކަމަކު މިހާރު ހޭއަރައިފި، ޑޮކްޓަރުން ބުނަނީ ތިން ދުވަސްވަރު ބަލާފަ ކަމަށް އެއްޗެއް ބުނަން އެނގޭނީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ވެސް ވަނީ އެ ދެ މާރާމާރީ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ތަފްސީލް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.

comment ކޮމެންޓް