އިންޑިއާ ދިދަ ކުރަހާފައިވާ ފައިފުހި އެމޭޒޮންގައި ވިއްކާތީ އިންޑިއާ ރަތަށް އަރައިފި

މިނިސްޓަރު ސުޝާމާ

އިންޑިއާގެ ގައުމީ ދިދަ ރަމްޒުވާ ގޮތަށް ހަދާފައިވާ ފައިފުހި، އޮންލައިން ފިހާރަ އެމޭޒޮންގެ ކެނެޑާ ވެބްސައިޓް މެދުވެރިކޮށް ވިއްކާތީ އިންޑިއާ އިން ނުރުހުންފާޅުކޮށްފި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝާމާ ސަވަރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމޭޒޮނުން އެއްވެސް ޝަރުތަކާ ނުލައި މައާފަށް އެދެން ޖެހޭނެ ކަމަށާއި އަދި ވަގުތުން، އިންޑިއާ އަށް ހުތުރުވާ ގޮތަށް ވިއްކާ، އެ އުފެއްދުންތައް ވިއްކުން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެމޭޒޮނުން އެ މައްސަލަ އަށް ފިޔަވަޅު ނާޅައި ފައިފުހި ވިއްކާ ނަމަ އިންޑިއާގައި މަސައްކަތްކުރާ އެމޭޒަންގެ އޮފިޝަލުންގެ ވިސާ ކެންސަލްކުރާނެ ކަމަށާއި އަދި އިތުރު ބަޔަކަށް ވިސާ ނުދޭނެ ކަމަށެވެ.

ފޮރިން މިނިސްޓަރުގެ އިންޒާރާ އެކު އެމޭޒަނުން ވަނީ އެ ތަކެތި ވިއްކުން ހުއްޓާލައިފަ އެވެ. އެމޭޒަނުން ބުނީ މިހާރު ވާނީ ވެބްސައިޓުން އެ އައިޓަމް އުނިކޮށްފައި ކަމަށެވެ.

އެހެން ގައުމުތަކުގެ ދިދަ ޖެހި ފައިފުހި އެމޭޒަންގައި ވިއްކަ އެވެ. ނަމަވެސް އިންޑިއާ ދިދަ ރަމްޒުވާ ފައިފުހި ވިއްކުމަކީ ކުށްވެރިވެ، ޖަލަށްލާ ކަމެކެވެ.

އިންޑިއާ ދިދަ ރަމްޒުކޮށްދޭ ފައިފުހި އެމެޒޮންގައި ވިއްކާފައި ވަނީ އެމޭޒަންގައި ރަޖިސްޓްރީކޮށްފައިވާ އެހެން ވިޔަފާރިއަކުންނެވެ. އެ ފައިފުހި އިސްތިހާރުކޮށްފައި ވަނީ އެއީ މެޝިނުން ދޮވެލެވޭ ފައިފުއްސެއް ކަމަށް ބުނެ އެވެ.

comment ކޮމެންޓް