ވައިޓް ހައުސްގެ އިސްމަގާމެއް ޓްރަމްޕްގެ ދަނބިދަރިކަލުންނަށް ދިނުމަކީ ގާނޫނުތަކާ ފުށުއަރާކަމެއްނޫން : ޓްރަމްޕްގެ ޓީމު

ޖެރެޑް ކުޝްނަރ އާއި އަނބިކަނބަލުން އިވަންކާ

ވޮޝިންޓަން (ޖަނަވަރީ 12) : އެމެރިކާގެ ރައީސުލްމުންތަޚަބް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ވައިޓް ހައުސްގެ އިސް މުސްތަޝާރުކަމުގެ މަގާމަށް ދަނބިދަރިކަލުން ޖަރެޑް ކުޝްނާ އައްޔަން ކުރުމަކީ ކޮރަޕްޝަނާއި ރިޝްވަތާއި އަމިއްލަ ނުފޫޒުތައް ދައުލަތުގެ އިދާރާތަކަށް ހިންގުން މަނާކުރާ ގާނޫނުތަކާ ޚިލާފު ކަމެއް ނޫން ކަމަށް ޓްރަމްޕްގެ އިންތިގާލީ ޓީމުން ބުނެފި އެވެ.

އެޓީމުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ ޓްރަމްޕްގެ އަންހެން ދަރިކަނބަލުން އިވަންކާގެ ފިރިކަލުން ޖަރެޑް ކުޝްނަރަށް ވައިޓް ހައުސްގެ އިސް މުސްތަޝާރުކަން ދެއްވުމަށް ޓްރަމްޕް މިހާރު ނިންމަވާފައިވާ ކަމަށާ އެއީ ކޮރަޕްޝަނާއި ރިޝްވަތާއި އަމިއްލަ ނުފޫޒުތައް ދައުލަތުގެ އިދާރާތަކަށް ހިންގުން މަނާކުރާ ގާނޫނުތަކާ ޚިލާފު ކަމެއް ނޫންކަމުގަ އެވެ.

ޓްރަމްޕްގެ އިންތިގާލީ ޓީމުން މިމޭރުމުން ވާހަކަ ދައްކަން ޖެހުނީ ވައިޓް ހައުސްގެ އިސް މުސްތަޝާރުކަމުގެ މަގާމަށް ދަނބިދަރިކަލުން އައްޔަން ކުރުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެން އެކަމާ ދެކޮޅަށް އެމެރިކާގެ ބައެއް ފަރާތްތަކުން ފާޑުކިޔަމުން ގެންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ޓްރަމްޕްގެ ޓީމުގެ މަސްއޫލުވެރިޔާ ވިދާޅުވީ ވައިޓްހައުސްއާ ގުޅޭކަންކަމުގައި އެ ގާނޫނުތައް ތަންފީޒު ނުކުރެވޭނެ ކަމަށް ބުނާ ކޯޓު އަމުރުތަކެއް އެބަހުރިކަމުގަ އެވެ. އެހެންކަމުން ޓްރަމްޕްގެ ދަނބިދަރިކަލުން މިފަދަ މަގާމަކަށް އައްޔަން ކުރުމަކީ ކޮރަޕްޝަނާއި ރިޝްވަތު މަނާކުރާ އެމެރިކާގެ ގާނޫނުތަކާ ޚިލާފް ކަމެއް ނޫން ކަމަށް ޓްރަމްގެ ޓީމުގެ ގާނޫނީ މާހިރުން ލަފާދެއްވާފައިވާ ކަމަށް އިންތިގާލީ ޓީމުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

ޓްރަމްޕްގެ ދަނބިދަރިކަލުންނަކީ އެމެރިކާގެ އެންމެ ބޮޑު އެއް ރިއަލްއެސްޓޭޓް ކުންފުނީގެ އިސްވެރިއެކެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް ސަރުކާރުގެ އިސް މަގާމަކަށް ރައީސްގެ އާއިލާގެ މެންބަރަކު އައްޔަންކުރާ ފުރަތަމަ ފަހަރެވެ. ޓްރަމްޕްގެ އިންތިގާލީ ޓީމު ބުނާ ގޮތުން އޭނާގެ ސަރުކާރުގެ ކެބިނެޓަށާއި އެނޫން ވެސް އިސްމަގާމުތަކަށް ބޭފުޅުން ހަމަޖެއްސުމުގެ ކަންތައް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފަ އެވެ.

އެމެރިކާގެ ސިޔާސީ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމުން އެމެރިކާގެ ރައީސަކަށް ހުންނަވާ ބޭފުޅަކަށް ގާނޫނީ ބޮޑެތި ބާރުތަކެއް ލިބިދީފައިވެ އެވެ. މިގޮތުން ވައިޓްހައުސްގެ އިސް މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންނަށް އެމެރިކާގެ ކޮންގްރެސް އިން ރުހުން ލިބެން ނުޖެހުމާއި އެބޭފުޅުން ކޮންގްރެސްގެ ކުރިމައްޗަށް ޙާޒިރުކޮށް ސުވާލުކުރަން ނުޖެހުން ފަދަ އިސްތިސްނާތައް ހިމެނެ އެވެ. ވައިޓް ހައުސްގެ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސުމަކީ އެމެރިކާގެ ރައީސަށް ލިބިދީފައިވާ ރިޔާސީ ބާރުތަކުގެ ދަށުން ރައީސަށް އޮންނަ އިޚްތިޔާރުތަކެކެވެ.

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އިސްވެވަޑައިގަންނަވާނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މިއާއެކު އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާއާއި އޭނާގެ އާއިލާ ގެންދަވަނީ ވައިޓް ހައުސްއިން ނުކުމެވަޑައިގަތުމުގެ ކަންތައްތައް ނިންމަވަމުންނެވެ.

އޮބާމާ މީގެ ދެދުވަސްކުރިން ވަނީ އެމެރިކާގެ ރައްޔިތުންނަށް ވަދާޢީ ޚިތާބު ވެސް ދެއްވާފަ އެވެ. ވަދާއީ ޚިބާތުގައި އޮބާމާ، ޓްރަމްޕްގެ ނަންފުޅަށް އެއްވެސް ވަރަކަށް އިޝާރާތް ކުރައްވާފައެއް ނުވެ އެވެ. މިއީ އޮބާމާ، ޓްރަމްޕާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުރިމިންވަރު ހާމަވެގެންދާ ކަމެއް ކަމަށް މުރާސިލުން ބުނެ އެވެ.

ޓްރަމްޕްގެ އާއިލާ ބުނާ ގޮތުން ޓްރަމްޕްގެ އަންހެން ދަރިކަނބަލުން އިވަންކާގެ ފިކަލުން ވައިޓް ހައުސްގެ އިސް މަގާމެއްގައި ހުންނެވި ނަމަވެސް ވައިޓް ހައުސްގެ އެއްވެސް ކަމެއްގެ ތެރެއަށް އެކަމަނާ ވަދެވަޑައި ނުގަންނަވާނެ އެވެ. ފިރިކަލުން ވައިޓް ހައުސްގެ ވަޒީފާގައި އުޅުއްވި ނަމަވެސް ދަރިންގެ ކަންކަން ބެލެހެއްޓުމަށް ޓަކައި ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ދިރިއުޅުއްވާނީ ވައިޓް ހައުސްއާ މާދުރުނޫން ހިސާބެއްގައިވާ ލަގްޒަރީ އެޕާޓްމެންޓެއްގައި ކަމަށްވެ އެވެ. ކުޝްނަރ އާއި އިވަންކާއަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިވަޑައިގެންފައިވެ އެވެ.

ޓްރަމްޕްގެ އަނބިކަނބަލުން ވެސް ދިރިއުޅުއްވަން ނިންމަވާފައި ވަނީ ވައިޓް ހައުސްއެއްގައެއް ނޫނެވެ. އެކަމަނާގެ ދަރިކަލުންނަށް ކިޔަވައިދިނުމުގެ ކަންކަން ބެލެހެއްޓުމަށް ޓަކައި ޓްރަމްޕްގެ އަނބިކަނބަލުން ދިރިއުޅުއްވުމަށް ނިންމަވާފައި ވަނީ ނިޔުޔޯކްގައި ހުންނަ ޓްރަމްޕްގެ ޓަވަރުގެ އެންމެ މަތީގައިވާ ޕެންޓް ހައުސް އެއްގަ އެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް