ރެޕް ލަވަކިޔުންތެރިޔާ ބާދްޝާހް އަށް އަންހެން ދަރިއަކު ލިބިއްޖެ

ބާދްޝާހް --

އިންޑިއާގެ ކުޅަދާނަ ރެޕް ލަވަކިޔުންތެރިޔާ އަދިއްތުޔަ ޕްރަތީކް ސިންގް ސިސޯޑިއާ (ބާދްޝާހް) އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.

ބާދްޝާހްގެ އަންހެނުން ޖޭޒްމިން ވިހާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މިއީ އެ ދެމީހުންގެ ފުރަތަމަ ދަރިފުޅެވެ.

ބާދްޝާހް އާއި ޖޭޒްމިން އަށް ކުއްޖަކު ލިބުނުކަން ހާމަކުރީ، ބާދްޝާހްގެ ގާތް އެކުވެރިޔާ އަދި ކުޅަދާނަ ރެޕް އާޓިސްޓް ރަފްތާރް އެވެ. ރަފްތާރް ވަނީ ތުއްތު ދަރިފުޅުގެ ފޮޓޯ އެއް ވެސް އިންސްޓަގްރާމް ކޮށް ބާދްޝާހްގެ ދެމަފިރިންނަށް މަރުހަބާ ކިޔައިފަ އެވެ.

ބާދްޝާހް އަދި ޖޭޒްމިން (ވ) އަދި ދެމީހުންގެ ފުރަތަމަ ދަރިފުޅު (ކ) --

އާއިލާއާއި ގާތް އެކުވެރިންނާ އެކު ކުރިއަށް ދިޔަ ކުޑަ ހަފްލާއެއްގައި ބާދްޝާހް އާއި ޖޭޒްމިން ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ.

ބާދްޝާހް އޭނާގެ މިއުޒިކް ކެރިއަރު ފަށާފައި ވަނީ 2006 ވަނަ އަހަރު އެވެ. ހިންދީ ލަވަތަކުގެ އިތުރުން، ޕަންޖާބީ އަދި ހަރިޔާނީ ލަވަތަކަށް ވެސް ރެޕް ކޮށްފައިވާ ބާދްޝާހް މިހާރު ވަނީ ބޮލީވުޑުގައި ބޮޑު މަޝްހޫރު ކަމެއް ހޯދައިފަ އެވެ.

ބާދްޝާހްގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި 'ކާލާ ޗަޝްމާ'، 'ކަރްގައި ޗުލް'، 'އަބީ ތޮ ޕާޓީ ޝުރޫ ހުއީ ހޭ'، 'ޑީޖޭ ވާލޭ ބާބޫ'، 'ބްރޭކްއަޕް ސޯންގް، އަދި 'ހައްމާ ހައްމާ' ފަދަ ލަވަތައް ހިމެނެ އެވެ.

ބާދްޝާހް މިހާރު އަންނަނީ ސްޓާ ޕްލަސް އިން ގެނެސްދޭ މިއުޒިކް ޝޯ، 'ދިލް ހޭ ހިންދުސްތާނީ' ގައި ޖަޖެއްގެ ގޮތުން ބައިވެރިވަމުންނެވެ.

comment ކޮމެންޓް