ޓީޓީ ހޯލްގައި އެނާޖީ ޑްރިންކްސް މަނާކޮށްފި

އަށް ވަނަ މައިލޯ އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ: ޓީޓީ އެސޯސިއޭޝަން

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޓީޓީ ހޯލުގައި އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކެއް ބޭނުންކުރުން މަނާކޮށްފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ، (11 ޖެނުއަރީ 2017) ބުދަ ދުވަހުން ފެށިގެން ޓީޓީ ހޯލަށް އެއްވެސް ވައްތަރެއްގެ އެނާޖީ ޑްރިންކެއް ގެނައުމާއި، އަދި އެފަދަ ބުއިންތައް އެ ހޯލުގައި ބުއިމަކީ މަނާކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

"މިގޮތަށް ހަމަޖައްސަައި ނިންމީ، އެނާޖީ ޑްރިންސް އަކީ ސިއްހީގޮތުން ފައިދާހުރި ބުއިމަކަށް ނުވެފައި ހާއްސަކޮށް، ކުޅުންތެރީންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރާ ބުއިމަކަށް ވާތީ،" އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވެއެވެ.

"މިކަމުގައި ހުރިހާ ކުޅުންތެރީންނާއި، ޓީޓީ ހޯލް ބޭނުންކުރާ ހުރިހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މި އެސޯސިއޭޝަނުން ބޭނުންވޭ."

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ، މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން އެނާޖީ ޑްރިންކްސް މަނާކުރި ފުރަތަމަ ފަހަރުކަމަށެވެ.

ޓީޓީ ހޯލްގައި އެނާޖީ ޑްރިންކްސް މަނާކޮށްފައި މިވަނީ، މިދިޔަ ހަފްތާގައި ހެލްތު މިނިސްޓްރީން ވެސް އެ މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް ތަނެއްގައި، އަދި އެތަންތަނުގެ ކެފޭއާއި ފިހާރަތަކުގައިވެސް އެނާޖީ ޑްރިންކްސް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައި ވަނިކޮށެވެ.

ސިއްހީ ޚިދުމަތާ ގުޅުންހުރި އެއްވެސް ތަނެއްގެ އިމާރާތާއި ގޯތިތެރެއަށް އެނާޖީ ޑްރިންކްސް ވެއްދުމާއި ބޭނުންކުރުމަކީވެސް މަނާކަމެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

ދައުލަތުގެ މުއައްސަސާތަކުންނާއި، ކުޅިވަރު އެސޯސިއޭޝަންތަކުން އެނާޖީ ޑްރިންކްސްއާ ދެކޮޅަށް ތެދުވަން މި ފެށީ ސަރުކާރުން އެކަމަށް ބާރުއަޅައި ހަރަކާތްތަކެއް ފަށާފައި ވަނިކޮށެވެ.

އެނާޖީ ޑްރިންކްސް ތަކަކީ ސްޕޯޓްސް ޑްރިންކްގެ ގޮތުގައި ބޭނުންކުރާން އެކަށީގެންވާ ބާވަތްތަކެއް ނޫންކަމަށް ސިއްހީ މާހިރުން ވިދާޅުވޭ -- ސަން ފައިލް ފޮޓޯ

ގިނަ މީހުން ހީކުރާގޮތުގައި އެނާޖީ ޑްރިންކްސް އަކީ "ސްޕޯޓްސް ޑްރިންކް"ގެ ގޮތުގައި ބޭނުންކުރެވޭ ބުއިމެކެވެ. ނަމަވެސް ސްޕޯޓްސް ޑްރިންކްގައި ނުހިމެނޭ، ކެފެއިން އާއި، ޖިންސެންގ، ފަދަ ހަށިގަނޑަށް ގެއްލުން ދެނިވި ބާވަތްތައް އެނާޖީ ޑްރިންކްގެ ވައްތަރުތަކުގައި ހުރެއެވެ.

ޑރ. ޢަބްދުލް ޢަޒީޒް ޙަމީދު ވިދާޅުވެފައިވާ ގޮތުގައި، އެނާޖީ ޑްރިންކްސް އޭ ބުނުމުން ޒުވާނުންނަށް އެއީ ވަރަށް "ކޫލް" އެއްޗެއްގެ ގޮތުގައި ސިފަކުރެވިދާނެއެވެ. ނަމަވެސް ހަގީގަތަކީ ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެއް އެއީ "ކޫލް" އެއްޗަކަށް ވެގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

" ގޯސް ކަމެއް ކިތަންމެ ގިނަ ބަޔަކު ކުރިޔަސް ވާނީ ހަމަ ގޯސް ކަމަކަށް. އެ އުޞޫލުން 'ޞިއްޙީ ގޮތުން ފައިދާއެއްނެތް' އެއްޗެއް ކިތަންމެ ގިނަ ބަޔަކު ބޭނުންކުރިޔަސް އެއީ 'ޞިއްޙީގޮތުން ފައިދާހުރި' އެއްޗަކަށް ނުވާނެ." ޑރ. ޢަބްދުލް ޢަޒީޒް ޙަމީދު ވިދާޅުވެފައި ވެއެވެ.

comment ކޮމެންޓް