ނިއުގެ ކޯޗަކަށް ޕޯޓޯއާއި ބެންފީކާގައި މަސައްކަތްކުރި ޓަވަރެސް ހަމަޖައްސައިފި

ޓެވަރެސް(ކ): ކުރިއަށް އޮތް ސީޒަނުގެ ނިއުގެ ކޯޗެއްގެ ގޮތުގައި އެނާ ފެނިގެން ދާނެ ---

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗުގެ މަގާމަށް ޕޯޗުގަލްގެ ޕޯޓޯ އާއި ބެންފީކާގައި މަސަތްކަތްކޮށްފައިވާ ބެނާޑޯ ޓަވަރެސް ހަމަޖައްސައިފިއެވެ.

ޓަވަރެސް ވަނީ މީގެ ކުރިން ޕޯޓޯގެ ސްކައުޓެއްގެ ގޮތުގައި މަސަތްކަތްކޮށް ބެންފީކާގެ ޖޫނިއާ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. ޓަވަރެސްއާއި އެކު ނިއުގެ ފިޓްނަސް ކޯޗަކަށް ހަމަޖައްސާފައި ވަނީ ޕޯޗުގަލްގެ ޔަކީމް ވެލިންހޯއެވެ.

އުމުރުން 36 އަހަރުގެ ޓަވަރެސް ވަނީ މީގެ ކުރިން ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅެފައެވެ. 1997 ވަނަ އަހަރުން ފެށިގެން ކޯޗިންގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނަ ޓަވަރެސް ވަނީ ބެންފީކާގެ ޖޫނިއާ ޓީމުގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓްބޯޅައިގެ ތެރެއަށް ނެރެދިން ކްލަބް، ސްޕޯޓިން ލިސްބަންގެ އެކަޑަމީގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށްފައެވެ.

އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާ ގިނަ ޓަވަރެސް ވަނީ 2013 ވަނަ އަހަރު ބަހްރޭން ޕްރިމިއާ ލީގުގެ އަލް-ހިދު ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށް އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕުގައި އެ ޓީމާއި އެކު މަސަތްކަތްކޮށްފައެވެ.

ޓަވަރެސް އެންމެ ފަހުން ކޯޗުކޮށްދީފައިވަނީ ޓެންޒޭނިއާ ޕްރިމިއާ ލީގުގައި ޓައުރިޒެންސްގެ ކޯޗެއްގެ ގޮތުގައެވެ. ޓަވަރޭސް އަކީ ކޯޗިންގެ އެންމެ މަތީ ފާސް ކަމުގައިވާ ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ކޯޗެކެވެ. އަދި ގޯލްކީޕިން ޕްރޯ ލައިސަންސް ފާސް ވެސް އޭނާ އަތުގައި އޮވެއެވެ.

comment ކޮމެންޓް