މަގުމައްޗަށް ނުކުންނަ ފުލުހުންނަށް އިސްކަންދީގެން ބައެއް އެލަވެންސްތައް އިތުރުކޮށްފި

ރަޔަޓް ގިޔަރުގައި ތިބި ފުލުހުންތަކެއ މަގު ހުރަކަށް ޝިލްޑުތަކެއް އަތުރައިގެން -- ސަން ފައިލް ފޮޓޯ

ހާދިސާތަކާ ގުޅިގެން މަގުމައްޗަށް ނުކުންނަ ފުލުހުންނަށް އިސްކަންދީގެން ފުލުހުންގެ ބައެއް އެލަވެންސްތައް އިތުރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ފުލުހުންނަށްދޭ އެލަވަންސަށް ގެނައި ބަދަލާއެކު އޮފީހުގައި ތިބެގެން މަސައްކަތްކުރާ ފުލުހުންނަށްވުރެ ބޮޑަށް ފީލްޑަށް ނުކުމެ މަސައްކަތްކުރަންޖެހޭ ފުލުހުންނަށާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ފޮރިންސިކް ފަދަ ޓެކްނިކަލް ބައެއް އިދާރާތަކުގެ ފުލުހުންނަށް އެލަވެންސް އިތުރުވާނެ ކަމަށެވެ.

އަދި އޮފީސް ތެރޭ މަސައްކަތް ކުރާ ސީނިއާ ފުލުހެއްގެ އެލަވެންސަށްވުރެ ފީލްޑްގައި މަސައްކަތް ކުރާ ޖޫނިއާ ފުލުހެއްގެ އެލަވެންސް އިތުރުވާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ފުލުހުންގެ އެލަވަންސަށް ބަދަލުތަކެއް ގެނެސްފައިވާއިރު، މިއީ 2009 ވަނަ އަހަރުގެ ފަހުން ފުލުހުންގެ މުސާރަ ރިވިއުކުރި ފުރަތަމަ ފަހަރެވެ. އެ އަހަރުގެ ފަހުން ފުލުހުންގެ އެލަވަންސްތަކަށް ބަދަލު ގެނެސްފައެއް ނުވެއެވެ.

އޮފިޝަލު ވިދާޅުވީ، ފުލުހުންނެކޭ އެއްގޮތަކަށް މަސައްކަތްކުރަންޖެހޭ އެހެން މުއައްސަސާތަކުގެ މުސާރައާ އަޅާބަލާއިރު ފުލުހުންގެ މުސާރަ ކުޑަ ކަމަށެވެ.

އެހެންކަމުން މަސްއޫލިއްޔަތާ ވަޒީފާގެ ނުރައްކަލުގެ ސަބަބުން ފުލުުހުންގެ އިދާރާއަށް މުވައްޒަފުން ހޯދަން އުދަނގޫތަކެއް ހުންނަ ކަމަށެވެ.

އެގޮތުން، ފުލުހުންގެ ޔުނީފޯމުގައި މަގުމައްޗަށް ނުކުތުމަށް މީހުންނަށް ހިތްވަރުދީ ފުލުހުންގެ ވަޒީފާއަށް މީހުން ޝައުގުވެރި ކުރުވުމަށް އެލަވެންސް އިތުރުކޮށް މުސާރަ ރިވިއު ކުރަންޖެހުނީ އެ ސަބަބަށްޓަކައި ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ފުލުހުންގެ ބައެއް އިދާރާތަކުގެ އެލަވަންސް އިތުރުކޮށްފައިވާއިރު، މިދިޔަ 2014 ވަނަ އަހަރުގެ ތެރޭގައި އިސްކަންދަރު ކޮއްޓަށް ވަޑައިގެން ފުލުހުންނާ ބައްދަލުކުރައްވައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ފުލުހުންގެ ވެލްފެއާ ރަނގަޅު ކުރަން މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް