ދަރިފުޅުގެ މަރަށް އަހަރެއް، އާއިލާ ބަދަލަކަށް އެދިއެދި!

އަހުމަދު ކަރަންޓުގައި ޖެހުމުން ފަރުވާދެނީ،،-- ސަން ފޮޓޯ: ކިޔުންތެރިއެއް

ގއ.ވިލިނގިލި، ޒިއުރިކްވިލާ، އަހްމަދު ތައުފީގު،26، އަކީ އެލިއާގައި އައުޓް ބޯޑް އިންޖީނިއަރިންގައި މެކޭނިކެއްގެ ވަޒީފާގައި އުޅުނު ޒުވާނެކެވެ. އެގާރަ ހާސް ރުފިޔާގެ މުސާރައެއްގައި ހުރުމަށް ފަހު، އަސާސީ މުސާރަ ދެހާސް އަށްސަތޭކަ ރުފިޔާ ލިބޭގޮތަށް ފެނަކައިގެ ޑުރައިވަރަކަށް އަހުމަދު ރަށަށް ބަދަލުވީ މަންމަގެ އެދުމަށެވެ. އޭނާގެ ތިމާގެ މީހުންނާއި އެކުވެރީން ގާތު ވެސް އޭނާ ތަކުރާރުކޮށް ބުނަމުން އައީ މަންމަ ނޭދުނު ނަމަ ރަށަށް ނާންނާނެ ކަމަށެވެ.

"އާއިލާގެ ގިނަ މީހުން އުޅެނީ މާލޭގައި. މަންމައާއި ބައްޕަ ރަށުގައި އުޅޭތީ މަންމަ އަށް އެންމެ އަޅާލަނީ އަހުމަދު. އެހެންވެ މަންމަ ބޭނުންވީ އަހުމަދު ރަށަށް ގެންނަން. އެހެންވެ މަންމަ އެދުނީ. އެދުނީމަ ރަށަށް އައީ،" އާއިލާގައި ތިބޭ އަށް ބެއިންގެ ތެރެއިން ހަ ވަނައަށް ހުރި، ކޮއްކޮ އިސްމާއީލް ތައުފީގު، އޭނާގެ ބޭބެ އަހުމަދު ރަށަށް އައި ސަބަބު ކިޔައިދެމުން ބުންޏެވެ.

އެނާޖީ އޮތޯރިޓީން ދޫކޮށްފައިވާ އިލެކްޓްރިކް ލައިސެންސް އަހުމަދުގެ އަތުގައި އޮވެ އެވެ. ޑްރައިވަރެއްގެ ވަޒީފާގައި ހުރި ނަމަވެސް ފެނަކައިގެ ގިނަ މަސައްކަތްތައް އޭނާ ކުރެ އެވެ. އެގޮތަށް ރަށުގައި ވަޒީފާގައި އުޅޭތާ އަހަރެއްހާ ދުވަސްވެފައިވަނިކޮށް 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަ ވަނަ ދުވަހު ކަރަންޓުގައި ޖެހި އޭނާ ވަނީ ނިޔާވެފަ އެވެ.

ރޯޑް ކޯޕަރޭޝަނުން މަސައްކަތެއް ކުރަން އުޅުމުގެ ތެރެއިން ގެއެއްގެ ކޭބަލް ކެނޑުމުން އެ ކޭބަލް ގުޅުމުގެ މަސައްކަތުގައި އުޅުނީ އަހުމަދެވެ. ކޭބަލް ގުޅަން މަސައްކަތްކުރީ ގެއެއްގެ ކޭބަލްއާއި މަގުމަތީ ބައްތީގެ ކޭބަލެވެ. މަގު ބައްތި ހުންނަނީ އޮޓޯ ސުވިޗްކޮށެވެ. އަނދިރިވީމާ އަމިއްލައަށް ދިއްލޭ ގޮތަށެވެ. އެދުވަހަކީ އުޑުމަތި ބަނަ ދުވަހަކަށްވުމުން 5.47 ގައި އޮޓޯ ސުވިޗްޖެހި ބައްތި ދިއްލުނު އިރު އަހުމަދު ހުރީ ކޭބަލް ގުޅުމުގެ މަސައްކަތުގަ އެވެ. ނަތީޖާއެއްގެ ގޮތުން ކަރަންޓުގައި ޖެހުނީ އެވެ.

"ސޭފްޓީއެއް ނެތް. އަހުމަދަށް ދީފައިވާ ސޭފްޓީ ބޫޓު ވަރަށް ކުޑަ، އެ ނުލެވޭ، އެކަން އޭނާގެ ސުޕަވައިޒަރަށް އަންގާފައި އޮތީ،" ފެނަކައިގައި މަސައްކަތްކުރާ އަހުމަދުގެ ކޮއްކޮ އިސްމާއިލް ބުންޏެވެ.

މައިބަފައިންނަށް އަޅާލާ، އަހުލާގު ރަނގަޅު ކުއްޖެގެ ގޮތަށް މީހުން ބަލައިގަންނަ އަހުމަދު ނިޔާވުމަކީ އެ އާއިލާއަށް ލިބުނު ފޫ ނުބެއްދޭވަރުގެ ހިތާމައެކެވެ. އަހުމަދު، ޑިސެމްބަރު މަހު ނިޔާވިއިރު ޖެނުއަރީގައި އަލަތު ކައިވެނި ކުރުމަށް ހުރިހާ ކަމެއް އޮތީ ނިންމާފަ އެވެ.

"މަންމަމެން ތިބެނީ ވަރަށް ބޮޑަށް ސަކަރާތްވެފައި. އެ ހާދިސާއަށް އަހަރު ދުވަސްވީއިރު ވެސް އެ ހަނދާންތައް ފިލައިގެން ނުދޭ މަންމަމެންގެ،" އާއިލާއިން މައުލޫމާތު ދިން އިސްމާއިލް ބުންޏެވެ.

މައިންބަފައިންގެ ކަންކަން ބަލަހައްޓާ އަހުމަދު ނިޔާވުން އާއިލާގެ ފަރާތުން ފެނަކައިގައި އެދުނީ، އެ އާއިލާއަކީ ނިކަމެތި އާއިލާއަކަށްވެފައި އެ ކުންފުނީގެ ރަސްމީ މަސައްކަތެއްގައި އުޅެނިކޮށް އަހްމަދު ނިޔާވެފައިވާތީ އާއިލާއަށް ދޭންޖެހޭ އެހީތެރިކަން ކުންފުނީގެ އޮންނަ އުސޫލެއްގެ ދަށުން ދިނުމަށެވެ. ނަމަވެސް އާއިލާއިން ބުނާގޮތުގައި އެކަމަށް ޖަވާބެއް ނުލިބެ އެވެ.

އިސްމާއިލް ބުނި ގޮތުގައި ދެ ފަހަރެއްގެ މަތިން ސިޓީލައި އާއިލާއިން އެދިފައި ވަނީ ނިޔާވި އަހުމަދުގެ މުސާރައިގެ ބޭސިކް ސެލެރީގޮތުގައި ދެމުންއައި 2800 ރުފިރާ ކޮންމެ މަހަކު ލިބޭގޮތް ހަދައިނުމަށެވެ. ނަމަވެސް އެމަރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީިއިރު އެއްވެސް ޖަވާބެއް މިހާތަނަށް ފެނަކައިގެ ފަރާތުން ނުލިބޭ ކަމަށް ބުންޏެވެ.

"ސިޓީގެ ޖަވާބު އެންމެ ކުޑަ މިނުން ދިން ނަމަވެސް ރަނގަޅު ދެއްތޯ. ޖަނާޒާ ކަންތަަކަށް ވެސް އަޅުގަނޑުމެން ބައެއްގެ އަތުން ލާރި ނަގައިގެން ހަމަޖެއްސީވެސް، އެވެސް ނުލިބޭ،" އިސްމާއިލް ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ވިލިނގިލީ ފެނަކަ އިންޖީނުގޭގެ މެނޭޖަރު ހައިތަމް އަބްދުﷲ ވިދާޅުވީ އެ ބްރާންޗުގެ ފަރާތުން ވެސް އެކަމަށް ފެނަކައިގެ މައި އޮފީހުގައި އެދިފައިވީ ނަމަވެސް މިހާތަނަށް ޖަވާބު ނުލިބޭ ކަމަށެވެ.

އެކަމާ ފެނަކަ ކޯޕަރޭޝަންގެ ރަސްމީ ބަހެއްހޯދަން ތަކުރާރުކޮށް ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބު ނުވެފަ އެވެ.

ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާނޫނުގައި އެފަދަ ހާދިސާތަކުގައި ވަކި އަދަދުތަކެއް ދިނުމަށް ޝަރުތުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ހާދިސާ ހިނގީ ކުންފުނީގެ ފަރާތުން ދޭން ޖެހޭ ސަލާމަތީ ވަސީލަތްތައް ނުދީ ވަނިކޮށް ނަމަ ކޯޓަށް ހުށަހަޅައިގެން ބަދަލު ހޯދޭނެ ކަމަށާއި އެފަދަ މައްސަލަތަކުގައި މިހާތަނަށް ބަދަލު ލިބިފައިވާ ކަމަށް ވެސް މަހުފޫޒް ވިދާޅުވި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ސޭފްޓީ ބޫޓުގެ އިތުރުން ކަރަންޓް ފަދަ މަސައްކަތްތައް ކުރާއިރު ފުރާނައަށް ލިބިދާނެ ގެއްލުންތަކަކުން ސަލާމަތްވުމަށް ބޭނުންވާ ވަސީލަތްތައް އަދިވެސް ވިލިނގިލީގެ އިންޖީނުގޭ މުވައްޒަފުންނަށް ނުލިބެ އެވެ.

ފުލުހުން މިދިޔަ އަހަރު މަރުހޫމް އަހްމަދުގެ އާއިލާއަށް ފޮނުވި ސިޓީގައި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ނެތުމާއި ފެނަކައިގެ އިންޓާނަލް ރިޕޯޓް ލިބިފައި ނުވުމާ އެކު އިތުރު މައުލޫމާތު ލިބެންދެން އެމައްސަލަ ފައިލްކޮށްފައިވާ ކަމަށް އަންގާފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.

ރަސްމީ ވަޒީފާގައި އުޅެނިކޮށް އެ ޒުވާނާ އެވަނީ ނިޔާވެ އާއިލާ ފުން ހިތާމައެއްގެ ތެރެއަށް ވެއްޓިފަ އެވެ. ނުރައްކާތެރި ވަޒީފާ ހަވާލުކޮށްފައިވާ އިރު އެކަށޭނަ ސަލާމަތީ ފިޔަވަޅުތައް ފޯރުކޮށްދެވިފައެއްނުވެ އެވެ. ކޮންމެއަކަސް އާއިލާއަށް ލިބިފައިވާ ނިކަމެތިކަމާ އެކު އާއިލާއެދެނީ ފެނަކައިގެ ކިބައިން ބަދަލަކަށެވެ.

comment ކޮމެންޓް