ރޯވި ބޯޓުގައި ތިބި 10 މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި

25 ޑިސެމްބަރ 2015: ބ. ތުޅާދޫ ފަޅުތެރޭގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އަނދާފައި: ރޭގެ ވަގުތެއްގައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ލޭނު މަސްވެރިކަން ކުރަން ނުކުމެ އުޅުނު މަސްބޯޓެއްގައި ރޯވެ އަނދާފައި -- ފައިލް ފޮޓޯ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ލޭނު މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގި ބޯޓުގައި ތިބި 10 މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފިިއެވެ.

އީ-ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ""މާކޯ ޕޯލޯ 2" ނަމަކަށް ކިޔާ މަސް ބޯޓެއްގައި ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ ރޭ 9:00 ކަންހާއިރުއެވެ.

ރާއްޖެއާ 43 މޭލު ދުރުގައި އޮތް އެބޯޓުގައި ދިވެއްސަކާއެކު އިންޑޮނޭޝިއާގެ ނުވަ މީހުން ތިބި ކަމަށް ބޯޓުގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ، އެ ބޯޓުގައި ތިބި ކަމަށް ބުނާ މީހުން ކަނޑުވެފައި ތިއްބާ މިހާރު ސަލާމަތްކޮށްފައިވާ ކަމަށް ރާއްޖޭގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އަންގާފައިވާ ކަމަށެވެ.

އެމީހުން ސަލާމަތްކުރީ އީ ފިޝް ކުންފުނީގެ ފަރާތުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ "ސްޕެއާ 10" ނަމަކަށް ކިޔާ ބޯޓަކުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅުކަމަށް ބޯޓުން މައުލޫމާތު ދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެމީހުން ރާއްޖެ ގެނެވޭނީ ކިހާ އިރަކު ކަމެއް އަދި ސާފެއްނުވެއެވެ.

comment ކޮމެންޓް