ސްޓޭޓް މިނިސްޓަރަކާއި ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްފި

ސްޓޭޓް މިނިސްޓަރުކަން ދެއްވި މުޙައްމަދު އިބްރާހީމް މަނިކު (ކ) އަދި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި މަގާމު ދެއްވި އަހްމަދު ރަޝީދު ---

ސްޓޭޓް މިނިސްޓަރެއްގެ މަގާމަށާއި ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ މިސްޓޭޓް މިނިސްޓަރުގެ މަގާމަށް، އައްޔަން ކުރެއްވީ ތ. ގުރައިދޫ މެދުގޭ މުޙައްމަދު އިބްރާހީމް މަނިކެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދާ ނޭޝަނަލް ޑިޒާސްޓާ މެނެޖްމަންޓް ސެންޓަރުގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް، ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ލ. ގަން (ތުނޑި) ކޯޒީކޯނާ، އަޙްމަދު ރަޝީދު ވަނީ އައްޔަންކޮށްފަ އެވެ. އޭނާ ކުރިން ހުންނެވީ އެ އޮފީހުގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމުގައެވެ.

ހައުސިން މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރަކު މިއަދު އައްޔަން ކުރެއްވިއިރު، ދައުލަތުގެ މިއަހަރުގެ ބަޖެޓުން ދައްކާ ގޮތުން ހައުސިން މިނިސްޓްރިީގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 42 އެވެ. ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ޑިފެންސް މިނިސްޓްރީއަށް ބޭފުޅަކު އައްޔަން ކުރެއްވިއިރު، އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ ހަ އެކެވެ.

މިއަހަރުގެ ބަޖެޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ސަރުކާރުގެ ސިޔާސީ މަގާމުތައް 692 ވަނީ އިތުރުވެފަ އެވެ. އޭގެ ކުރީ އަހަރު، 2015 ވަނަ އަހަރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 597 އެވެ.

comment ކޮމެންޓް