ޑެންމާކު މީހަކު އޭނާގެ އަންހެނުންނާއި ހަތަރު ދަރިން މަރާލައިފި

ޖަރީމާ ހިންގި ގޭގެ ކައިރީގައި ޑެންމާކު ފުލުހުން ހަރަކާތްތެެރިވަނީ

ކޯޕަންހޭގަން (ޖަނަވަރީ 12): ޑެންމާކުގައި ފިރިހެނަކު އޭނާގެ އާއިލާގެ ހަތަރު މީހުން މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެކަން ޑެންމާކުގެ ފުލުހުން ހާމަކޮށްފިއެވެ.

ޑެންމާކުގެ ފުލުހުން ބުނާގޮތުން 45 އަހަރުގެ މި ފިރިހެންމީހާވަނީ އޭނާގެ އަންހެނުންނާއި އަންހެން ދެދަރިންނާ އަދި ފިރިހެން ދެދަރިން ވަރަށް އަނިޔާވެރިގޮތަކަށް މަރާލާފައެވެ. މިޖަރީމާ ހިންގުމަށްފަހު މިފިރިހެންމީހާވެސް ވަނީ އަމިއްލައަށް މަރުވެފައެވެ.

މިޖަރީމާ ހިންގާފައި ވަނީ ޑެންމާކުގެ ހުޅަނގުގެ ވިލެޖެއްކަމަށްވާ ރެންޑަޒްގައި ހުންނަ އެ އާއިލާގެ ގޭގައެވެ. މި ޖަރީމާގެ ޚަބަރު ޑެންމާކުގެ ފުލުހުންނަށް ލިބުނީ އަވަށްޓެރިއަކު ރިޕޯޓް ކުރުމުންނެވެ. މި ރިޕޯޓާއެކު ފުލުހުން އެ ގެއަށްދިޔުމުން ފެނުނީ މިފިރިހެންމީހާގެ މަރުވެފައިވާ ހަށިގަނޑާއި އޭނާގެ އާއިލާގެ ފަސްމެންބަރުންގެ މަރުވެފައިވާ ހަށިތަކެވެ.

ފިރިހެންމީހާގެ ހަށިގަނޑުވަނީ އެހެން ހަށިތަކާ ދުރުގައެވެ. އަންހެންމީހާގެ އުމުރަކީ 42 އަހަރެވެ. އަންހެންކުދިންގެ ތެރެއިން ދޮށީކުއްޖާގެ އުމުރަކީ 16 އަހަރެވެ. ހަގު އަންހެންކުއްޖާގެ އުމުރަކީ 6 އަހަރެވެ. ފިރިހެން ކުދިންގެ ތެރެއިން ދޮށީކުއްޖާގެ އުމުރަކީ 11 އަހަރެވެ. ހަގުކުއްޖާގެ އުމުރަކީ 3 އަހަރެވެ.

ޑެންމާކުގެ ފުލުހުންވަނީ މި 6 މީހުންގެ ހަށިތައް ހޮސްޕިޓަލަށްގެންގޮސް ޕޯސްޓް މޯޓަމް ހަދާފައެވެ. ޕޯސްޓް މޯޓަމްގެ ނަތީޖާ ދައްކާގޮތުން ފިރިހެންމީހާ މަރުވެފައިވަނީ އަނެއް 5 މީހުން މަރުވިތާ އެތަށް އިރެއްފަހުންނެވެ. ތަހްގީގުތަކުން މިހާތަނަށް ދައްކަނީ ފިރިހެންމީހާ، އޭނާގެ އަންހެނުންނާއި 4 ދަރިން ގަސްދުގައި މަރާލުމަށްފަހު އަމިއްލައަށް މަރުވިކަމެވެ.

މިކަން ސާބިތުކުރެވޭވަރަށް އެ އާއިލާގެ ގޭގައި (ޖަރީމާ ހިންގި ތަނުގައި) ހެކިތައް ފެންނަން ހުރިކަމަށް ޑެންމާކުގެ ފުލުހުން ބުނެއެވެ. މި ޖަރީމާ ހިންގާފައިވަނީ ކޮންބާވަތެއްގެ ހަތިޔާރެއް ބޭނުންކޮށްގެންކަން ފުލުހުން ހާމައެއް ނުކުރެއެވެ.

ރިޕޯޓްތައް ބުނާގޮތުން ފިރިހެންމީހާ އޭނާގެ އާއިލާގެ މެންބަރުން މެރުމަށް ބޭނުންކޮށްފައިވަނީ ވިހަ ގޭހެކެވެ. އެ ގޭސްހުރި ސިލިންޑަރުވެސް އެ ގޭތެރެއިން ފެނިފައިވާކަމަށްވެއެވެ. ފިރިހެންމީހާ އަމިއްލައަށް މަރުވީ ކޮންހަތިޔާރެއް ބޭނުންކޮށްގެންކަން ސާފެއްނުވެއެވެ. މިކަން ފުލުހުން އަދި ހާމަނުކުރަނީ ތަހްގީގު އެއްކޮށް ނުނިމޭތީކަމަށްވެއެވެ. (ޑީބީއޭ)

comment ކޮމެންޓް