ބޭރު ކަނޑުގައި މަސްވެރިކަން ކުރަން އުޅުނު ބޯޓެއްގައި ރޯވެއްޖެ

ކޯސްޓްގާޑުގެ އުޅަނދެއް -- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ލޭނު މަސްވެރިކަން ކުރަން ނުކުމެ އުޅުނު ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ، ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ "މާކޯ ޕޯލޯ 2" ނަމަކަށް ކިޔާ މަސް ބޯޓެއްގައި ކަމަށެވެ. އެ ބޯޓު އޮތީ މޯލްޑިވްސް ސާޗް އެންޑް ރެސްކިއު ރީޖަންގެ ބޭރުން 43 ނޯޓިކަލް މޭލު ބޭރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އީ-ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކިޔާ ދިވެހި ކުންފުންޏަކަށް ނިސްބަތްވާ އެ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ބޯޓުގެ ދެބައިކުޅަ އެއްބައި އަޑިއަށް ގޮސްފައިވާއިރު ބޯޓުން ދުން އަރަމުންދާ ކަމަށެވެ.

ބޯޓުގެ ވެރިފަރާތާ ހަވާލާދީ އާޒިމް ވިދާޅުވީ އެ ބޯޓުގައި 10 މީހުން ތިބި ކަމަށާއި ދިވެއްސަކާއެކު އިންޑޮނޭޝިއާގެ ނުވަ މީހުން އެ ބޯޓުގައި ތިބި ކަމަށެވެ.

އޭނާ ބުނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން ނުކުމެ އުޅުނު އެހެން މަސް ބޯޓެއް، އަލިފާން ރޯވެފައިވާ ބޯޓު ކައިރީގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އަދި ނޭނގެ އެވެ.

އެމްއެންޑީއެފުން މިހާރު ދަނީ ކޯސްޓްގާޑު އެފްއައިސީ އާއި ޝިޕް ގާޒީގެ އިތުރުން ވައިގެ މަގުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް