ޕީޕީއެމް ކެންޑިޑޭޓުންގެ އަދަދު 600 އަށް އަރާ، ޕްރައިމެރީ މިމަހު ބާއްވަނީ

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަންފައިލް ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމުން ބާއްވާ ޕްރައިމެރީ މިމަސް ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމް ތެރޭގައި އުފެދުނު ހަމަ ނުޖެހުން ތަކެއްގައި ޕާޓީގެ ހިންގުމަށް ބަދަލު އައުމާއި ޕާޓީގެ ބައެއް ލިޔެކިޔުންތައް ގެއްލިގެން ކަމަށް ބުނެ އިންތިހާބު ލަސްކޮށްދިނުމަށް ކޯޓުގައި އެދުމުން ކޯޓުން ވަނީ ދެ މަސް ދުވަހަށް އިންތިހާބު ލަސްކުރަން ހުކުމް ކޮށްފަ އެވެ.

މިހާރު އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ތާރީހަކީ އޭޕްރީލް އަށެކެވެ.

ޕީޕީއެމުން އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން 'ސަން' އިން ސުވާލުކުރުމުން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ ޕީޕީއެމްގެ ޕްރައިމެރީ މިމަސް ތެރޭ ބޭވުމަށް ޕާޓީން ތައްޔާރުވަމުންދާ ކަމަށެވެ.

ޕްރައިމެރީ ނުބާއްވާ ދާއިރާތަކުގެ މައުލޫމާތު ވެސް މި ހަފްތާ ތެރޭ ހިއްސާކުރެވޭ ވަރުވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމުން މިފަހަރުގެ އިންތިހާބުގައި 600 އަށް ވުރެ ގިން ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ހަލީލް ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމުން ގެއްލުނު ޑާޓާބޭސް އާއި ބައެއް މުހިންމު މައުލޫމާތުތައް ހޯދަން "ބުރަ މަސައްކަތްތަކެއް" ކުރަން ޖެހުކަން ފާހަގަކޮށް ހަލީލް ވިދާޅުވީ މިހާރު ދަފްތަރުގެ ބޮޑުބައި ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާއި ކުރިން ހުރި ބައެއް ސޮފްޓް ކޮޕީސްތަކުގެ މައުލޫމާތާއި ޕީޕީއެމްގެ ބައެއް ގޮފިތަކުން ހޯދި މައުލޫމާތާ އެއްކޮށް ދަފްތަރުގެ ބޮޑުބައި މިހާރު ވަނީ ފުރިހަމަ ކުރެވިފައި. މިހާރު ޕްރައިމެރީ ބޭއްވޭ ވަރު ވެއްޖެ." ހަލީލް ވިދާޅުވި އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ފެބްރުއަރީ ހަ ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށެވެ. މިހާރު ހުރިހާ ފޯމެއް ވެސް ހުށަހަޅަން ޖެހެނީ މާލޭގައި ހުންނަ އިންތިހާބަށް ހާއްސަކޮށްފައިވާ އިންތިހާބާ ބެހޭ މަރުކަޒަށެވެ.

comment ކޮމެންޓް