ހުޅުމާލޭގައި ސިނަމާއެއް ހިންގަން ޝްވެކްއާ ހަވާލުކޮށްފި

"ޒުވާނުންގެ ސިޓީ"ގެ ގޮތުގައި ތަރައްގީ ކުރާ ހުޅުމާލޭގައި ސިނަމާއެއް ހިންގަން ޝްވެކް ސިނަމާއާ ހަވާލުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައި އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެކަމާ ބެހޭ އެގްރިމެންޓުގައި އެކުންފުނީގެ ފަރާތުން ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ، މުހައްމަދު ސައިމަން އެވެ. ޝްވެކް ސިނަމާގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްރާޝީމް އެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ސިނަމާ ހުންނާނީ މިހާރު ހަދަމުންދާ ކޮމިއުނިޓީ ސެންޓަރުގަ އެވެ. ސަތޭކަ އަށްޑިހަ މީހުންގެ ޖާގަ ހުންނަ އެ ސިނަމާގައި ބޭނުން ކުރާނީ މާލޭގައި ހުންނަ ޝްވެކް ސިނަމާގައި ބޭނުން ކުރާ ސްކްރީނަށް ވުރެ ދެގުނަ ބޮޑު ސިލްވާ ސްކްރީނެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި އަލަށް އަޅާ އެ ސިނަމާ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ޝްވެކް ސިނަމާ އަކީ ހޮލީވުޑާއި ބޮލީވުޑްގެ ފިލްމުތައް ރިލީޒްކުރުމުގެ ކުރިން ސިނަމާތަކުގައި އަޅުވާ ޝޯތައް ދުނިޔޭގެ ބޮޑެތި ސިނަމާތަކުގައި އަޅުވާ ދުވަހު ރާއްޖޭގައި ވެސް އަޅުވާ ސިނަމާ އެކެވެ.

comment ކޮމެންޓް