ކަނޑުއުޅަނދު އިންޝުއަރެންސް ކުރަން، އެއް ކުންފުންޏަކަށް ދިނުން ރަނގަޅެއް ނޫން: އެމްއެމްއޭ

އެލައިޑްގެ ހަލް ކެމްޕެއިން 'ނިޔާމަ' ލޯންޗު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކަނޑު އުޅަނދުފަހަރު އިންޝުއަރެންސް ކުރަން ލާޒިމްކޮށްފައިވާ އިރު އެންމެ ކުންފުންޏަކުން އެ ހިދުމަތް ނަގަން މަޖުބޫރުކޮށްފައި ވާތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި އަހަރުން ފެށިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދާއި މުދާ ހިމެނޭ ގޮތަށް "ޓޯޓަލް ލޮސް އިންޝުއަރެންސް" ޕޮލިސީއެއް ނެގުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ލާޒިމްކޮށްފަ އެވެ. އެ އިންޝުއަރެންސް ނަގަން ޖެހެނީ ހަމައެކަނި އެލައިޑް އިންޝުއަރެންސުން ކަމަށް ވެސް ޓްރާންސްޕޯޓުން ވަނީ އަންގައިފަ އެވެ.

އިންޝުއަރެންސް ކުންފުނިތައް ރެގިއުލޭޓްކުރާ އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކްޓިވް ޑައިރެކްޓަރު ހަސަން ފިޔާޒު 'ސަން'އަށް މިއަދު ވިދާޅުވީ އެފަދަ ހިދުމަތެއް އެންމެ ކުންފުންޏެއް މެދުވެރިކޮށް ނަގަން މަޖުބޫރު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވާ ނިންމުމެއް އެއީ، ނުދޭ ވަރަކަށް ބައިވަރު ގާބިލް ކުންފުނި އެބައުޅޭ އެހެންވީމަ މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ފިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭގެ އެދުމަކީ ވާދަވެރި މާހައުލަކަށް ހުޅުވާލުން ކަމަށާއި އެހެން ނޫންނަމަ ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާނެ ކަމަށެވެ.

ޓްރާންސްޕޯޓުގެ އެ ނިންމުމާއެކު އިންޝުއަރެންސް ހިދުމަތް ދޭ ކުންފުނިތަކާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ވެރިފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަފާރީތަކުގެ ޖަމިއްޔާ ލިވްއަބޯޑު އެސޯސިއޭޝަނުން އޮފް މޯލްޑިވްސް (ލޭމް)ގެ ސެކެއްޓަރީ ޖެނެރަލް، މުހައްމަދު އިގްނާޒް އަލީ "ސަން"އަށް މިއަދު ވިދާޅުވީ ސަފާރީތަކުން އެކި އިންޝުއަރެންސް ކުންފުނިތަކުން ހިދުމަތް ހޯދަމުންދާ އިރު ވަކި ކުންފުންޏަކުން އެ އިންޝުއަރެންސް ނެގުމަށް މަޖުބޫރު ކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"މޮނޮޕޮލީއަކީ އަޅުގަނޑުމެން ތާއީދު ކުރާ ކަމެއް ނޫން، ރާއްޖޭގައި އިންޝުއަރެންސް ހިދުމަތް ދޭ ކުންފުނިތައް އެބަހުރި، މިގޮތަށް ނިންމުމުން ކޮމްޕެޓިޓިޝަނެއް ނެތް، މީގެ ގެއްލުން ވާނީ އުޅަނދުތަކުގެ ވެރިންނަށް،" އިގްނާޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޓުރާންސްޕޯޓްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެ އިންޝުއަރެންސްގެ ހިދުމަތް ދިނުމުގެ ހުއްދަ ހަމައެކަނި ލިބިފައިވާ އެލައިޑް އިންޝުއަރެންސްގެ މާކެޓިންގް މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ އެ ކުންފުނިން ދޭ ޕެކޭޖުން ކަވާކުރާނީ ކަނޑުމަތީގައި ދިމާވާ ހާދިސާއެއްގެ ސަބަބުން އުޅަނދު އެކީގައި ހަލާކުވާ ފަދަ ހާލަތެއް ދިމާވުމުން ކަމަށެވެ.

ނިއުޝާދު ވިދާޅުވީ 'ނިޔާމަ' އަކީ ފައިދާ ބޮޑު ޕެކޭޖެއް ކަމަށާއި އޮޑިފަރަށް އެރުމުން، ނިޔާމައިގެ ދަށުން އޮޑި ފުންކުރަންދާ ޚަރަދާއި ބޯޓު ޔާޑަށް ގެންދަން ދާ ޚަރަދު ފަދަ ކަންކަން ވެސް އެ ޕެކޭޖުގެ ދަށުން ކަވާ ކުރާނެ ކަމަށެވެ.

comment ކޮމެންޓް