ދީންތައް ފަތުރަން ބައެއް ޖަމިއްޔާތަކުން މަސައްކަތް ކުރޭ: ހޯމް މިނިސްޓަރު

ރޭގެ ޖަލްސާގައި މިނިސްޓަރު އަޒްލީން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ރާއްޖެއަށް އެހެން ދީންތައް ގެނައުމަށް ބައެއް ޖަމިއްޔާތަކުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ދީނީ ގޮތުން ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ރައީސް ޔާމީން އަންނަނީ އެފަދަ ފަރާތްތަކަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ރައްދު ދެއްވައި އެފަދަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވަމުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ. އަދި ދީނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަކީ އިއްޔެއަކު ނުވަތަ މިއަދަކު ކުރިމަތިވާ ގޮންޖެހުމެއް ނޫން ކަމަށާއި، ނަމަވެސް މިއަދު ކުރިމަތިވާ ގޮންޖެހުންތަކަކީ މާ ނުރައްކާތެރި ގޮންޖެހުންތަކެއް ކަމަށެވެ.

"މިއަދު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރާއްޖެ އިސްލާމީ ގައުމެއް ގޮތުގައި އޮތުމުން ބޭރުގެ ބައެއް ފަރާތްތަކަށް ބޮޑު ކަންބޮޑުވުމަކަށް އެކަންވެފައި އޮތްކަން. އޭގެ އިތުރުން ތަފާތު ދީންތަކަށް ރާއްޖޭގައި ފުރުސަތު ހޯދައިދިނުމަށް ތަފާތު ޖަމިއްޔާތަކުން މަސައްކަތް ކުރަމުންދާ ކަންވެސް ހަނދާނަށް ގެންނަން ޖެހޭ. ނަމަވެސް އެފަދަ ފަރާތްތަކަށް އެ ފުރުސަތު ނުދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ވަރަށް ސާބިތު ކަމާއެކު ވިދާޅުވެ އެކަން އަމަލުފުޅުތަކުން ދައްކަވަމުން،" މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމް ދީން ފިޔަވައި، އެހެން ދީންތައް ފަތުރަށް މަސައްކަތް ކުރަނީ ކޮން ޖަމިއްޔާތަކެއްކަން މިނިްސްޓަރު ވިދާޅެއް ނުވެ އެވެ. އަދި އެފަދަ ޖަމިއްޔާތަކަކީ ބޭރުގެ ޖަމާއަތްތަކެއް ކަމެއް ވެސް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އަޒްލީން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގެ ދަށުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިސްލާމް ދީނުގެ ރޮނގުން ރާއްޖެއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ގިނަ މިސްކިތްތަކެއް ބިނާ ކުރައްވައި ކުރިން ހަދާފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް ކުރައްވާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ދީން ފާޅު ކުރުން އިތުރު ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮގްރާމްތައް ހިންގަވާފައިވާ ކަމަށް ވެސް މިނިސްޓަރު އަޒްލީން ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް