ރަބަރޭ މަރާލާފައި ވޭން ތެރޭގައި އޮތް ފޮޓޯ އިބްރާހިމަށް ފޮނުވީ ބިލާލް: ދައުލަތް

ރަބަރޭ މަރާލައި އެއްލާލާފައި އޮއްވައި، ލަންކާ ފުލުހުން ހަރަކާތްތެރިވަނީ --- ފައިލް ފޮޓޯ

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހ. ހަންޑްރެޑް ފްލާވާސް ހުސައިން ރަޒީން (ރަބަރޭ) މަރާލުމަށް ފަހު އޭނާ ވޭން ތެރޭގައި ބާއްވައި ފޮޓޯ ނަގައި އެ ފޮޓޯތައް ރ. ކަދޮޅުދޫ (މިހާރު ދުވާފަރު)، ފީރޯޒުގެ، އިބްރާހިމް އަބްދުއްރަހްމާން އަށް ފޮނުވާފައި ވަނީ ހ. ފީރޯޒްހިޔާ ބިލާލް މުހައްމަދު އަހުމަދު ކަމަށް ދައުލަތުން ބުނެފި އެވެ.

ރަބަރޭގެ މަރާ ގުޅިގެން އިބްރާހިމް އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ އެނގިހުރެ މަރެއް ފޮރުވުމާއި، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ކަމުގެ ދައުވާ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މަރެއް ފޮރުވުމުގެ ދައުވާ ދައުލަތުން އިބްރާހިމްގެ މައްޗަށް އުފުލީ ނޮވެމްބަރު 5، 2015، ގައި ރަބަރޭ މަރާލިކަން އެނގިހުރެ އެކަން ސިއްރު ކުރުމުން ކަމަށެވެ.

އަދި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ކަމުގެ ދައުވާ އިބްރާހިމްގެ މައްޗަށް އުފުލީ 2015 އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ ލަންކާއަށް ގޮސް ބިލާލަށް ފައިސާދީ ރަބަރޭ މަރާލަން ރޭވުމާއި، އޭގެ ފަހުން ރަބަރޭ މަރާލުމަށް ފަހު އިބްރާހިމްގެ ފޯނަށް ފޮޓޯ ފޮނުވުމުން އިތުރު ފައިސާ ބިލާލުގެ އެކައުންޓަށް ފޮނުވާފައި ވާތީ ކަމަށް ދައުލަތުން ބުންޏެވެ.

ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ކަމުގެ ދައުވާ އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާ ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) އަދި (ބ) އާ ހަވާލީ އެމާއްދާގެ (ޅ) ގެ ދަށުންނެވެ.

އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހައްގަކާ ނުލައި މީހަކު މަރައިފިނަމަ ގަސްތުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެ ކަމަށެވެ. އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުމުގަައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.

އެފަދަ ކުށެއް ކޮށްފި މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް އެ މާއްދާގެ (ޅ) ގައި ވަނީ ބުނެފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލީ ވަކީލަކު އައްޔަން ކުރަން އިބްރާހިމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އޭނާ މިހާރު ވެސް ހުރީ ގޭ ބަންދުގަ އެވެ. ގާޒީ ވިދާޅުވީ ޝަރީއަތުން އެހެން ގޮތެއް ކަނޑައަޅަންދެން ޝަރީއަތް ނިމެންދެން އޭނާ ހުންނާނީ ގޭ ބަންދުގައި ކަމަށެވެ.

ރަބަރޭގެ މަރާ ގުޅިގެން ލަންކާ ފުލުހުން ވަނީ އެ ގައުމުން ބިލާލް ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

comment ކޮމެންޓް