އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ޔޫއޭއީއިން 163 ބިލިއަން ޑޮލަރު އިންވެސްޓު ކުރަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭނުން ކުރާ ހަކަތައިގެ 44 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަ ކަމުގައި ހެދުމަށް 163 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރަން އެ ގައުމުން ނިންމައިފި އެވެ.

ޔޫއޭއިން މިފަދަ މަޝްރޫއެއް ފަށަން ރާވާފައިވާއިރު، މި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެނީ 2050 ވަނަ އަހަރުގެ ނިޔަލަށެވެ. އެ ގައުމުން ބުނާ ގޮތުގައި، އެގައުމުގެ އަމާޒަކީ، އިގްތިސާދީ ކުރިއެރުމާއެކު ތިމާވެށި ރައްކާތެރި ކުރުމެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް، ތެޔޮ އުފައްދައި އޭގެ ވިޔަފާރި ކުރާ އެންމެ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔޫއޭއީއަކީ ޖައްވަށް ފޮނުވާ ވިހަ ގޭސް މަދު ކުރާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ދަރަޖަ ދެވިފައިވާ އެއް ގައުމެވެ. އެގޮތުން އެ ގައުމު އޮތީ ވޯލްޑް ބޭންކުން ހަދާފައިވާ ލިސްޓުގެ އަށް ވަނައިގައެވެ.

އެ ގައުމުގެ ބޮޑު ވަޒީރު، ޝޭޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވެފައިވާ ގޮތުގައި 2050 ގެ ނިޔަލަށް އެ ގައުމުގައި ބޭނުން ކުރާ ހަކަތައިގެ 44 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަކަމުގައި ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި މަޝްރޫއުގެ ދަށުން 2030 ގެ ނިޔަލަށް ދުބާއީގައި ބޮޑު ސޯލާ ޕަވާޕްލާންޓެއް ގާއިމްކުރާނެ އެވެ. އަދި މިހާރުވެސް، ދެކުނު ކޮރެއާގެ ކުންފުނިތަކުން ޔޫއޭއީގައި ދަނީ ހަތަރު ނިއުކްލިއާ ރިއެކްޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. 1400 މެގަވޯޓުގެ މި ހަތަރު ރިއެކްޓަރުގެ މަސައްކަތް 2020 ވަނަ އަހަރުގެ ނިޔަލަށް ނިމޭނެ އެވެ.

މީގެ އިތުރުން، 2014 ވަނަ އަހަރުގެ ތެރޭގައި އަބޫދާބީގައި ވަނީ، ދުނިޔޭގެ އެންމެ ބޮޑު ސޯލާ ޕަވާ އޮޕަރޭޓިން ސްޓޭޝަން ކަމަށް ބުނާ ސްޓޭޝަން ހުޅުވާފައެވެ.

ޔޫއޭއީގެ އިތުރުން ޓިއުނީޝިއާ އާއި މޮރޮކޯ އަދި ޔަމަނުން ވެސް ވަނީ 2050 އަށް ފަހު އެ ގައުމުތަކުގައި ބޭނުން ކުރާނީ ހަމައެކަނި އިޔާދަކުރަނިވި ހަކަތަކަމަށް ބުނެ އެކަން މިދިޔަ ނޮވެމްބަރުގައި އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް