އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކޮށްފި ނަމަ އިސްރާއީލަކީ ދައުލަތެއްކަމަށް ގަބޫލެއް ނުކުރާނަން :ފަލަސްތީން

ފަލަސްތީނުގެ ރައީސް މަހްމުދު އައްބާސް

ރާމަﷲ (ޖަނަވަރީ 11) : އިސްރާއީލުގެ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކޮށްފި ނަމަ އިސްރާއީލަކީ ދައުލަތެއް ކަމަށް ފަލަސްތީނުން ގަބޫލުކުރާ ކުރުން ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު ފަލަސްތީނުން ދީފި އެވެ.

ނަންހާމަކުރަން ނޭދޭ ފަލަސްތީނުގެ މަސްއޫލުވެރިއަކާ ހަވާލާދީ ފަލަސްތީނުގެ ރަސްމީ ނޫސްއެޖެންސީ "ވަފާ" ބުނީ ގުދްސުގެ އިރުމަތީ ބައަކީ 1967ގެ ހަނގުރާމައިގާ އިސްރާއީލުން ހިފުމަށް ފަހު 1983 ގައި މުޅި ގުދްސަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ޣައިރު ގާނޫނީ ގޮތުން ނިންމާފައިވާ ރަށެއްކަމުގަ އެވެ. އެހެންކަމުން އިސްރާއީލުގައި ހުންނަ އެމެރިކާގެ އެންބަސީ އެ ރަށަށް ބަދަލުކުރުމަކީ މުޅި ގުދްސަކީ އިސްރާއީލުގެ ރަށެއްގެ ގޮތުގައި އިސްރާއީލުން ނިންމާފައިވާ ނިންމުން އެމެރިކާ އިން ގަބޫލުކުރުން ކަމަށްވާތީ މިފަދަ ހާލަތެއްގައި އިސްރާއީލަކީ ދައުލަތެއްކަމަށް ފަލަސްތީނުން ގަބޫލުކުރާ ކުރުން ނިމުމަކަށް ގެންނާނެކަމުގަ އެވެ.

އެމެރިކާގެ ރައީސުލްމުންތަޚަބް ޑޮނަލްޑްޓް ޓްރަމްޕް

އިސްރާއީލަކީ ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ ދައުލަތެއް ކަމަށް ފަލަސްތީނުން ގަބޫލުކުރީ 1993ގައި ފަލަސްތީނާއި އިސްރާއީލާ ދެމެދު ސޮއިކުރި ސުލްހައިގެ އޮސްލޯ އެއްބަސްވުމުގެ ދަށުންނެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲގައި ފަލަސްތީނުގެ ލޯކަލް ވެރިކަމެއް ގާއިމްކޮށް ލޯކަލް ސަރުކާރެއް އެކުލަވާލުމުގެ ފުރްސަތު އިސްރާއީލުން ދީފައި ވަނީ އޮސްލޯ އެއްބަސްވުމުގެ ދަށުން ލިބުމާ ގުޅިގެންނެވެ. އަދި ހުޅަނގު އައްސޭރިއާއި ޣައްޒާގައި ގާއިމްކުރާ ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާނެ ކަމުގެ ޔަގީންކަން ވެސް އިސްރާއީލުން ދިނުމުންނެވެ.

ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ފަހުކޮޅު އިސްރާއީލުންވަނީ ގުދްސުގެ އިރުމަތީބައި ހިމެނޭ ގޮތަށް މުޅި ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ހަމަޖައްސާފަ އެވެ. ނަމަވެސް ގުދްސުގެ އިރުމަތީ ބަޔަކީ 1947 ގައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ފަލަސްތީނުގެ ޕާޓިޝަން ޕްލޭންގައި ހިމެނޭ ފަލަސްތީނުގެ ބިމަކަށްވާތީ އިސްރާއީލުގެ މިނިންމުކަކީ ޣައިރު ގާނޫނީ ނިންމުމެއްކަމަށް އެދުވަސްވަރު އދ. ން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެ އެވެ.

ގުދްސުގެ ހުޅަނގު ބަޔަކީ 1948ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ދައުލަތެއް އިޢްލާން ކުރިއިރު އެދައުލަތުގެ ބައެއްގެ ގޮތުގައި އޮތް ތަނެކެވެ. އެހެންކަމުން އިސްރާއީލުގެ ބައެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައުން ގަބޫލުކުރަނީ ގުދްސުގެ ހުޅަނގު ފަޅި އެވެ. އިރުމަތީ ފަޅިއާމެދު ބައިނަލްއަގްވާމީ މުޖްތަމައުން ގަބޫލުކުރަނީ އެއީ 1967ގެ ހަނގުރާމައިގާ ގަދަބާރުން އިސްރާއީލު ހިފި ފަލަސްތީނުގެ ބިމެއް ކަމުގަ އެވެ.

އެމެރިކާގެ ރައީސް މުންތަޚަބް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާއަށް އެމެރިކާގެ ވެރިކަން ލިބިއްޖެ ނަމަ އިސްރާއިލުގެ ޓެލްއަވީވްގައި މިހާރު ހުރި އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމަށް ރިޔާސީ ކޭންޕޭންގައި އެމެރިކާގެ ޔަހޫދީ ލޮބީ ގްރޫޕްތަކަށް ވައުދުވެފަ އެވެ. ދާދިފަހުން ވެސް ޓްރަމްޕްގެ ޓީމުގެ ބޭފުޅަކު ވަނީ އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ޓެލްއަވީވްގައި މިހާރުހުރި އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމަށް އިސްރާއީލުން ވަނީ އެމެރިކާގެ ހުރިހާ ސަރުކާރުތަކަކަށް ވެސް ފިއްތުންތައް ކުރިމަތިކޮށްފަ އެވެ. ނަމަވެސް މިޣައިރު ގާނޫނީ އަމަލުގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތަކަކަށް ބެލުމަށް ފަހު މިކަން ކުރުމަށް އެމެރިކާގެ ހުރިހާ ސަރުކާރުތަކަކުން ވެސް ވަނީ ފަސްޖެހިފަ އެވެ.

އިސްރާއީލުގެ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކޮށްފި ނަމަ އިސްރާއީލަކީ ދައުލަތެއްކަމަށް ފަލަސްތީނުން ގަބޫލުކުރާ ކުރުން ނިމުމަކަށް ގެންނާނެކަމަށް ބުނެ ފަލަސްތީން އިއްޔެ ދިން އިންޒާރު ތަންފީޒުކޮށްފި ނަމަ އެމެރިކާއަށް ވެސް އަދި އިސްރާއީލަށް ވެސް ހީނުކުރެވޭ ފަދަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު