އެމިޝަންސްއަށް މަކަރުހެދި މައްސަލައިގައި ފޯލްކްސްވާގެންގެ އިސްވެރިއަކު އެމެރިކާގައި ހައްޔަރުކޮށްފި

އެމިޝަން ޓެސްޓުތަކުގައި މަކަރުހެދި މައްސަލައިގައި، ކާރު އުފައްދާ ޖަރުމަނުގެ ކުންފުނި ފޯލްކްސްވާގެންގެ އިސްވެރިއަކު އެމެރިކާގައި ހައްޔަރުކޮށްފިއެވެ.

ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކުރާ ގޮތުގައި، އެމެރިކާގައި ހައްޔަރުކޮށްފައިވަނީ، ފޯލްކްސްވާގެންގެ އެމެރިކާގައި ހުންނަ ކޮމްޕްލަޔަންސް އޮފީހުގެ އިސްވެރިއަކަށް ހުރި އޮލިޗާ ޝްމިޓު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ ޖެނުއަރީ ހަތްވަނަ ދުވަހުއެވެ.

ފޯލްކްސްވާގެންގެ ކާރުތަކުން ވައިގެ ތެރެއަށް ދޫކުރާ ގޭސް ނުވަތަ އެމިޝަންސް، ހުންނަންޖެހޭ ވަރަށް ވުރެ އިތުރުވެ، އެ މައްސަލަ ފެންމަތިވި އިރު، އެ މައްސަލައިގައި ފޯލްކްސްވާގެންއިން ވަނީ، ކާރުގެ އެމިޝަން ލިމިޓު ހުރަސްކުރުމަށް މަކަރުހެދިކަމަށް އެއްބަސްވެފައެވެ.

ފޯލްކްސްވާގެންގެ ކާރުތައް އެމިޝަން ޓެސްޓު ކުރެވޭ ވަގުތު، އެކަން ދަނެގަނެ، ނަތީޖާތައް އޮޅުވާލާ ސޮފްޓްވެއާއެއް އޭގައި ވާކަން މިދިޔަ އަހަރު ވަނީ ފަޅާ އަރައިފައެވެ. މި ސޮފްޓްވެއާ ހުންނަ 11 މިލިޔަނަށް ވުރެ ގިނަ ކާރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެއެވެ.

ނިއުޔޯކް ޓައިމްސް ރިޕޯޓުކުރާ ގޮތުގައި، އެމެރިކާގެ ރެގިއުލޭޓަރުންނަށް މަކަރު ހެދުމުގައި އިސްކޮށް ހުރީ، މިހަފްތާގައި ހައްޔަރުކުރި ޝްމިޓްއެވެ. އޭނާ ހައްޔަރުކުރީ، އޭނާއާ ދެކޮޅަށް، ނިއު ޔޯކާއި މެސެޗޫސެޓްސް ސްޓޭޓުން ދައުވާ ކުރުމުގެ ސަބަބުންނެވެ.

comment ކޮމެންޓް