Sun Online
އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ގައި މީހަކު ވޯޓު ލަނީ --- ސަން ފައިލް ފޮޓޯ
އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ގައި މީހަކު ވޯޓު ލަނީ --- ސަން ފައިލް ފޮޓޯ

ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުން މައްސަލައަކަށް ފަހު މައްސަލައެއް، ދެން ވާނީ ކިހިނެއް؟

އަހްމަދު އާޒިފް
ލިޔުނީއަހްމަދު އާޒިފް

ކައުންސިލްތަކުގެ އިންތިޚާބަށް ސަރުކާރު ހިންގާ ޕީޕީއެމް ތައްޔަރުނުވުމުން އިންތިޚާބު ފަސްކުރަން ދިޔައީ ކޯޓަށެވެ. ކޯޓުން ހުކުމް އައީ ޕީޕީއެމާ އެއްކޮޅަށެވެ. އިންތިޚާބު ފަސްކުރީ އެވެ. އަނެއްކާ ވެސް މިއޮތީ އިންތިޚާބުގެ މައްސަލަ ގަނޑެއް ފެންމަތިކޮށްފަ އެވެ. މިފަހަރު މި މައްސަލަ ތިލަކުރީ ސަރުކާރާ އިދިކޮޅު ޕާޓީ، އެމްޑީޕީންނެވެ. އެންމެފަހުން އެޕާޓީން ވެސް ދިޔައީ ކޯޓަށެވެ.

އެމްޑީޕީން ފެންމަތިކުރީ ކައުންސިލް އިންތިޚާބަށް ހުށަހެޅި އެ ޕާޓީގެ 500 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރި މައްސަލަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން މިހާތަނަށް ކުރިމަތިލި ކެންޑިޑޭޓުންނާ އެކު ޖުމްލަ 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ. އަދި އަލުން ފޯމު ހުށަހެޅުމަށް އެ ކެންޑިޑޭޓުންނަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އެ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އެއްވެސް ހައިސިއްޔަތަކުން އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްފައި ވަނިކޮށެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ނިންމީ ޕްރައިމަރީން ބަލިވި މީހުންނާއި މޮޅުވި މީހުންނާ ގުޅުންހުރި ނިންމުމެއް ކަމަކަށް ގަބޫލުނުކުރެވެ އެވެ.

"މިހެން މިދަންނަވާ ސަބަބަކީ އެބޭފުޅުން މިހާރު މި ކުރައްވާފައިވާ އިއުލާނާ އެއްކޮށް ޕާޓީތަކުން ހުށަހަޅަން ޖެހޭ ފޯމެއް އެބައޮވޭ ޕްރައިމަރީތަކާ ގުޅިގެން. އޭގަ މިއޮންނަނީ ޕްރައިމަރީގައި އެ ޕާޓީގެ ފަރާތުން ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތާއި އަދި ޕްރައިމަރީގެ ނަތީޖާ. އެ މައުލޫމާތު ހުށަހެޅުމުން މިހާރު އެޕްލިކޭޝަން ސަބްމިޓްކޮށް ކެންޑިޑެސީ ގަބޫލުކޮށްފައި ހުރި ކެންޑިޑޭޓުންގެތެރެއިން ޕްރައިމަރީއެއްގައި ވާދަކޮށް ޕްރައިމަރީން ނާކާމިޔާބުވެފައި ހުރި މީހަކު ހުރި ނަމަ އެމީހެއްގެ ކެންޑިޑެސީ ބާތިލްކުރުމުގެ ބާރު އެބަ އިލެކްޝަންސް ކޮމިޝަނަށް ލިބިވަޑައިގަންނަވާ ފާސްކުރި އިސްލާހުގެ ދަށުން،" ހިސާން ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުން މައްސަލައަކަށް ފަހު މައްސަލައެކެވެ. މިފަދަ ގޮތަކަށް ކައުންސިލް އިންތިޚާބުގެ ކަންތައްތައްދާ ނަމަ ރައްޔިތުން ލާމަރުކަޒީ ނިޒާމާ މެދު ކުރާ އިތުބާރު ގެއްލި މި މި ނިޒާމު އޮތުމުގެ ބޭނުން ނެތި ހިނގައިދާނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ގާނޫނީ ވަކީލު ހުސައިން ސިރާޖު ވިދާޅުވި ގޮތުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ އުސޫލުތައް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވަނީ ކަނޑައަޅާފަ އެވެ. އެފަދަ އުސޫލުތައް އެހެން ހުއްޓައި އެހެން އެއްވެސް ބަޔަކަށް ލިބިގެންވާ ބާރެއް ބޭނުންކޮށްގެން އިންތިޚާބު ފަސްކުރުމަކީ ރައްޔިތުންގެ އިތުބާރު ގެއްލި އިންތިޚާބުގެ އިންސާފުވެރިކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާބިލް، ނަޒާހަތްތެރި، ރައްޔިތުންގެ ތަރައްގީއަށް އަމިއްލަ ވިސްނުންތައް ނެރެވޭނެ ފަދަ، ރައްޔިތުންގެ ތަރައްގީ އަށް އަމިއްލަ ވިސްނުން ނެރެވޭ ފަދަ ބޭފުޅުން އިންތިޚާބުގައި ވާދަކުރުމަށް މިފަދަ ކަންތައްތަކުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވޭ،" ސިރާޖު ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގައި ޖެހެމުން މިދާ މައްސަލަ ގަނޑުގެ ތެރެއިން އެންމެ ފަހުން އަދާލަތު ޕާޓީން މިވަނީ އިންތިޚާބު ބޮއިކޮޓްކޮށްފަ އެވެ. މީގެ ކުރިން މި އިންތިޚާބަށް ވާދަކުރަން އެޕާޓީގެ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އިރު، ކުއްލި ގޮތަކަށް އިންތިޚާބު ބޮއިކޮޓް ކުރުމުގައި ސިޔާސީ ސަބަބެއް ވެސް އޮވެދާނެ އެވެ. ނަމަވެސް ވަމުންދާގޮތަށް ބަލާއިރު، އިންތިޚާބު ބޮއިކޮޓް ކުރުން ފަދަ ކަންތައްތައް މި ދިމާވަނީ އިންތިޚާބުގެ ކަންތައްތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށް ބެލުމުގެ ޖާގައެބައޮތެވެ.

މިކަންކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނަނީ އެއްވެސް މައްސަލައެއް އުފެދިފައި ނެތް ކަމަށެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވި ގޮތުގައި އިންތިޚާބު ފަސްވުމަކީ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭނެ ސަބަބެއް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބެއްގައި ގާނޫނީ ގޮތުން ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ލިބެން ޖެހޭ ފުރުސަތުތައް ކުރިއެކޭ ވެސް އެއްގޮތަށް މި އިންތިޚާބުގައި ލިބޭނެ އެވެ. އެއީ އެއްވެސް ސުވާލެއް އޮތް ކަމެއް ނޫން ކަމަށް އަމްޖަދު ވިދާޅުވެ އެވެ.

ވެރިކަންކުރާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވި ގޮތުގައި އިންތިޚާބު ފަސްވުމަކީ އަލަށްވާ ކަމެއް ނޫނެވެ. އެމްޑީޕީ ސަރުކާރުގައި ވެސް އެންމެ ފުރަތަމަ ކައުންސިލް އިންތިޚާބު ބޭއްވި ހަމަޖެހިފައިވާ މުއްދަތަށް ވުރެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޚަލީލު ވިދާޅުވި ގޮތުގައި އިންތިޚާބުގެ ކަންތައް ދަނީ ގާނޫނާއި ގަވާއިދުގެ ތެރެއިންނެވެ. އެމްޑީޕީން މިހާރު ޖައްސާ މައްސަލައަކީ ގަނޫނާއި ގަވާއިދުގައި ބުނާ ގޮތް ނޫން އެހެން ގޮތަކަށް އަމަލުކުރަން ޖައްސާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޓަކީ މައްސަލަ އުފެދުނީމަ ހައްލު ހޯދައިދޭން އޮންނަތަން. ކޯޓުން ވަކިގޮތެއް ނިންމީމަ އެ ނިންމުމަށް އަމަލުކުރަން އެބަޖެހޭ. އެހެންނަމަވެސް އެމްޑީޕީން ބޭނުމެއް ނުވޭ ކޯޓުތަކުގެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރާކަށް،" ޚަލީލް ވިދާޅުވި އެވެ.

މި އިންތިޚާބު ވެގެންދާނީ ބައިނަލް އަގުވާމީ މުޖުތަމައުއިން ބަލައިގަންނަ ފަދަ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ކަމަށް ވެސް ޚަލީލު ވިދާޅުވި އެވެ.

ކުރިން އިންތިޚާބާ ގުޅޭ ގޮތުން ޕީޕީއެމް އިން މައްސަލަ ޖެއްސިއިރު، އިދިކޮޅު ޕާޓީތަކުން ބުނަމުން އައީ އެއްވެސް މައްސަލައެއް އޭރު ނެތް ކަމަށާއި ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ބޭއްވެން ޖެހޭ ކަމަށެވެ. ޕީޕީއެމް އިން ޖެއްސި މައްސަލައަށް ކޯޓު ތެރެއިން ހައްލު ލިބި، އިންތިޚާބު އޮންނަ ތާރީޚު އިއުލާންކުރުމުން އިދިކޮޅު ޕާޓީތަކުން މިހާރު މައްސަލަ ޖައްސާއިރު މިފަހަރު ޕީޕީއެމް އިން ބުނަނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އެހެންކަމުން ކަންތައް ވަމުން އަންނަ ގޮތަށް ބަލާއިރު، ކައުންސިލް އިންތިޚާބު މިހާރު އިއުލާންކޮށްފައިވާ ތާރީޚުގައި ބޭއްވިދާނެ ކަމަށް ވެސް ބައެއް ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ. މައްސަލަތައް ގިނަ ކަމުން ރައްޔިތުން މިއަދު ތިބީ ދެންވާނީ ކިހިނަކުންތޯ ސުވާލުކޮށްލަކޮށްލަ އެވެ.

infinity loading...
×
DB released 01.