އިންޑިއާގެ ފެންފަށަހަލަ ހިނދެނީ ކަނޑުގެ ފިނިހޫނުމިން މައްޗަށް ދާތީ: ދިރާސާ

އިންޑިއާ ބިމުގެ ފެންފަށަލަ ހިނދެނީ އެގައުމުގެ ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން މައްޗަށް ދާތީ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގާންދީނަގަރުގެ ރިސާޗަރުންކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި އިންޑިއާގެ އުތުރު ސަރަަހައްދުގައި ބިމު އަޑީގެ ފެން ފަށަލަ ވަނީ ވަރަށް ބޮޑަށް ހިނދިފައެވެ. ސަބަބަކަށް ވަނީ ބިމުން ނަގާ ފެން ބޭނުން ކުރުމުގައި އިންޑިއާ މީހުން އިހުމާލު ވުމެވެ.

އެ އިންސްޓިޓިއުޓްގެ ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ނަމަ، އެގައުމުގެ ފެނުގެ ފަށަލަ ހިނދެން ފަށާފައިވަނީ 1950 ގެ އަހަރުތަކުގެ ތެރޭގައެވެ. އެގޮތުން އެ އަހަރަށް ފަހު އަހަރެއްގެ މައްޗަށް 10-20 ކިއުބިކް ކިލޯމީޓަރުގެ ފެން ނަގަމުން އައިސް 2009 ވަނަ އަހަރުގެ ނިޔަލަށް އަހަރެއްގެ މައްޗަށް 240-260 ކިއުބިކް ކިލޯމީޓަރުގެ ފެން ވަނީ ފެންފަށަލައިން ނަގާފައެވެ.

"ފެންފަށަލައިގެ ފެނަކީ އިންޑިއާގައި، ސާފު ބޯފެނުގެ ގޮތުގައިއާއި އެހެނިހެން ކާބޯތަކެތި އުފެއްދުމުގައި ވަރަށް މުހިއްމު ރޯލެއް އަދާ ކުރާއެއްޗެއް. ކެއުމުގެ ބޭނުން ކުރާ ގްރެއިންގެ ބާވަތްތައް އުފެއްފުމުގައި ބިމުން ނަގާ ފެނަކީ އެންމެ މުހިއްމު އެއް ބައި،" އެ ދިރާސާ ކުރި ޓީމުގެ ލީޑަރު ވިމާލް މިޝްރާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެގައުމުގެ އާބާދީ އިތުރުވަމުން އަންނަ އިރު، ފެނުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރުމަށް އަހައްމިއްޔަތުކަމެއް ދިނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ބިމުން ފެން ނަގާވަރާ އެއް މިންވަރަކަށް ބިމަށް ފެން ހިންދާލުމަކީވެސް މުހިއްމު ކަމެއް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި، ފެނުގެ ފަށަލައިން ނަގާ ފެން އިޔާދަކުރަނިވި ގޮތުގައި ބޭނުން ނުކުރާ ނަމަ ފެންފަށަލަ ހިނދިގެން ދިއުމަކީ ގާތް ކަމެކެވެ.

މި ދިރާސާގައި އެހެން ކަމެއްވެސް އެ ޓީމުން ފާހަގަކޮށްފައިވެއެވެ. އެއީ ފެންފަށަލަ ހިނދުމުގައި އެގައުމުގެ ކަނޑުގެ ސަރަހައްދުގެ ލޮނުގެ ފިނިހޫނުމިން މައްޗަށް ދިއުމެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ފެން ވަރަށް ބޮޑަށް ހޫނުވެއެވެ. މީގެ ސަބަބުން އިންޑިއާގެ ފެނުގެ ފަށަލަ ހިނދޭ ކަމަށް ދިރާސާއިން ދައްކައެވެ.

"މޫސުމަކީ ގުދުރަތީ ކަމެއް. އެހެން ކަމުން މޫސުމަށް އަތުވެދާނެ ބަދަލެއް ބުނެދޭކަށް ނޭނގޭނެ. ނަމަވެސް މޫސުމަށް އަންނަ ބަދަލެއްގެ ސަަބަބުން ލިބިދާނެ ގެއްލުން މާ ބޮޑު،" އެ ޓީމުން ބުނެފައިވެއެވެ.

comment ކޮމެންޓް