ބާ ދޯންޏެއް ނުއަގުގައި ގަތް ވާހަކަ އެމްޕީއެލްއިން ދޮގުކޮށްފި

ހުޅުމާލެ އެމްޕީއެލް ސަރަހައްދުު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ނުއަގުގައި ބާ ދޯންޏެއް ގަނެފައިވާ ކަމަށް ދެކެހޭ ވާހަކަތަށް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އެމްޕީއެލްއިން އެފަދައިން ބުނެފައި މިވަނީ، އެ ކުންފުނިން ނުއަގުގައި ބާ ދޯންޏެއް ގަތް ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހަޅައިފައި ވަނިކޮށެވެ.

އޭސީސީ އަށް ހުށަހަޅާފައި ވަނީ އަގާ ނުބައްދަލު ބާ އޮޑިއެއް އެމްޕީއެލުން މީހަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދޭން ގަތް ކަމަށް ބުނާ މައްސަލަ އެކެވެ. އެ މައްސަލަ އޭސީސީން މިހާރު ދަނީ ބަލަމުން ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދެއްވި އެވެ.

އެމްޕީއެލްއިން މިރޭ ބުނީ، އެ ކުންފުނީގެ ފަރާތުން އަދި މިހާތަނަށް ފަސްމިލިއަން ރުފިޔާގެ ދޯންޏެއް ގަނެފައި ނުވާނޭ ކަމަށާއި އަދި އެކުންފުނިން ގަތް ދޯންޏަކީ 40 ފޫޓުގެ ދޯންޏެއް ކަމަށް ބުނާ ވާހަކަ ތަކަކީވެސް ކަނޑައެޅިގެން ދޮގުކަމަށެވެ.

"މިއީ ބަޔަކު ގަސްތުގައި ހަގީގަތް އޮޅުވާލައި، މި ކުންފުނީގެ އަގުވައްޓާލަން ކުރި ކަމެއް ކަމަށް ގަބޫލުކުރަން،" އެމްޕީއެލުން ނެރުނު ބަޔާނެއްގައި ވެއެވެ.

އެމްޕީއެލުން ބުނީ، އެ ކުންފުންޏަަށް 65 ފޫޓުގެ ދޯންޏެއް ގަނެފައިވާ ކަމަށާއި އެހެން ނަމަވެސް އެ ދޯނި ގަތީ ފަސް މިލިއަނަށްވުރެ މާ ކުޑައަގެއްގައި ކަމަށެވެ.

"އެ ދޯނި ގަނެފައިވަނީ، މި ކުންފުނީގެ ހަމަޖެހިފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތީންނެވެ. އަދި އެ ދޯންޏަށް ދައްކާފައިވަނީ ފަސް މިލިއަނަަށްވުރެ ކުޑަ އަގެކެވެ. އަދި އެ ދޯނި ތިލަފުށީގައި އޮންނަ އެމްޕީއެލް ސަރަހައްދަށް އަރުވާފައި ވަނީ، ދޯނީގައި ފަސިންޖަރުންނާއި މުދާ އުފުލުމަށް ގެންނަން ޖެހޭ މޮޑިފިކޭޝަންތައް ގެނައުމަށެވެ."

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު 'ސަން' އަށް ވިދާޅުވެފައި ވަނީ އެ ކުންފުނީން ދޯންޏެއް ގަތީ އެތަނުގެ މުވައްޒަފުން ކުރަން ޖެހޭ އެކިއެކި ދަތުރުތައް ކުރުމަށާއި މާލެއިން ތިލަފުއްޓަށް އުފުލަން ޖެހޭ ބައެއް މުދާ އުފުލުމަށް ކަމަށެވެ. އެއީ ބާ ދޯންޏެއް ނޫން ކަމަށް ޖުނައިދު ވިދާޅުވި އެވެ.

އެމްޕީއެލްއާ ގުޅޭގޮތުން މިފަދަ ވާހަކަތައް ދައްކަނީ، ވޭތުވެދިޔަ ކުރު މާޒީގައި އެ ކުންފުނިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފަނޑުކޮށްލައި، ކުންފުންޏާއި ސަރުކާރުގެ އަގު ވައްޓާލުމަށް މަދުބަޔަކު އަޑިގައިތިބެގެންކަމަށް ވެސް އެ ކުންފުނިން ތުހުމަތުކުރެއެވެ.

"މި ކުންފުނީގެ ތެރެއަށް އަތްބޭނުމަށް މަދު މަދު ވިޔަފާރިވެރީންތަކެއް ކުރަމުންދާ މަސައްކަތަށް މި ކުންފުނިން ފުރުސަތު ނުދޭނޭ ވާހަކަވެސް މި ފުރުސަތުގައި ދަންނަވަން،" އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން އިތުރަށް ބުނީ، އެ ކުންފުނީގެ ތަރައްގީއާއި ކުރިއެރުމަށް، އަދި ރައްޔިތުންނަށް ދުވަހުން ދުވަހަށް ދޭ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ގަންނަން ޖެހޭ ތަކެތި ކުރިމަގުގައިވެސް ހަމަޖެހިފައިވާ އުސޫލުގެ މަތީން ގަންނަމުންދާނޭ ކަމަށެވެ.

comment ކޮމެންޓް