ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ނެރެފި

ހުސެން އާދަމް އަތޮޅުގެ ކައިރީ މަޑުކޮށްލައިގެން ހުރި އިރު ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/ ކައުންސިލް

ގއ. އަތޮޅު ކައުންސިލްގެ ރައީސް ހުސެން އާދަމް އަތޮޅުގޭގައި ހުންނަވަނިކޮށް ފުލުހުން އޭނާ އެތަނުން ނެރެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަތޮޅުގެ މަރާމާތު ކުރުމަށް އެތަން ހުސްކުރަން ހޯމް މިނިސްޓްރީން ގއ. އަތޮޅު ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް ހުސްކުރަން އެންގި ސީދާ ތާރީހެއް ފުލުހުން ވިދާޅެއް ނުވެ އެވެ. އެތަން މިއަދާ ހަމައަށް ހުސް ނުކޮށް އޮތުމުން ފުލުހުން އެތަން ހުސްކުރަން މިއަދު ދިޔަ ކަމަށާއި ދިޔައިރު އެތަނުގައި ހުސެން އާދަމް ހުރުމުން އޭނާއާ ވާހަކަ ދައްކައިގެން "ސުލްހަވެރިކަމާ" އެކު އެތަނުން އޭނާ ނެރެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެކަމާ ގުޅިގެން ގއ. އަތޮޅު ކައުންސިލްގެ ރައީސް ހުސެން އާދަމް ވިދާޅުވީ، އޭނާ އެތަނުގައި ހުންނަވަނިކޮށް ފުލުހުން ގޮސް، ހޯމް މިނިސްޓްރީން އެތަން ހުސްކުރަން ފުލުހުންނަށް އަންގައިގެން ކަމަށް ބުނުމުން އެތަނުން ނިކުމެފައިވާ ކަމަށެވެ.

"އަތޮޅު ކައުންސިލުން ނިންމާފައި އޮންނާނީ ވެރިކަންކުރާ ރަށް (ގއ. ވިލިނގިލި) އިން ބޭރު ކައުންސިލަރުން އައިސް ތިބޭނީ އަތޮޅުގޭގައޭ. އަޅުގަނޑަކީ ދާންދޫ މީހެއް. ދެންހަމަ ކަނޑައެޅިފައިވާ ފީއެއް ދީގެން ތިބޭނީ ވެސް. އެގޮތުން އަތޮޅުގޭގައި ހުއްޓާ އެތަނުން މިއަދު ނެރުނީ،" ހުސެން އާދަމް ވިދާޅުވި އެވެ.

އެތަން މިއަދާހަމައަށް ހުސްނުކޮށް ހުރީ ކީއްވެކަމެއް ހުސެން އާދަމް ވިދާޅެއް ނުވެއެވެ.

comment ކޮމެންޓް