ވޯލްޑް ކަޕްގެ ޖާގަ 48އަށް އިތުރުކޮށްފި، އޭޝިއާއަށްވެސް އިތުރު ޖާގަތަކެއް!

ފީފާ "ވޯލްޑް ކަޕް"ގައި ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް އެ މުބާރާތުގެ ގަވައިދު މިހާރު ވަނީ ބަދަލުކޮށްފައި --

ދުނިޔޭގެ އެންމެ މަގުބޫލް އަދި އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ، ފީފާ "ވޯލްޑް ކަޕް"ގައި ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް އެ މުބާރާތުގެ ގަވައިދު ބަދަލުކޮށްފިއެވެ.

ކުރިން 32 ޓީމާއެކު ކުރިއަށް ގެންދިޔަ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި، 2026 ވަނަ އަހަރުން ފެށިގެން ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ފާސްކޮށްފައިވަނީ، ސްވިޓްޒަލޭންޑުގެ ޒިއުރިކްގައި ހުންނަ ފީފާގެ މައި އިދާރާގައި މިއަދު ބޭއްވި އެ ޖަމިއްޔާގެ ކައުންސިލް ބައްދަލުވުމުގައެވެ.

އާ ފޯމެޓުގައި 48 ޓީމު ވާދަކުރާނީ، ގްރޫޕް ސްޓޭޖްގައި، ތިން ޓީމު ހިމެނޭގޮތަށް 16 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް ސްޓޭޖުން 16 ޓީމެއް ކަޓާނެއެވެ. އަދި ނޮކްއައުޓް ސްޓޭޖަށް ދާއިރު އޮންނާނީ 32 ޓީމެވެ.

ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ޖާގަ އިތުރުކުރުމަކީ، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ޖިއަނީ އިންފަންޓިނޯ ފީފާގެ ރައީސްކަމަށް ވާދަކުރެއްވިއިރު ވެވަޑައިގެންނެވި ކެމްޕޭނުގެ ވައުދެކެވެ.

ފީފާގެ ރައީސް ކަމަށް ޖިއާނީ އިންފަންޓިނޯ އިންތިޚާބުވީ 26 ފެބްރުއަރީ 2016ގައި -- ފޮޓޯ: ބީބީސީ

ކެމްޕޭން ދުވަސްވަރު އިންފަންޓިނޯ ވިދާޅުވެފައި ވަނީ، ފީފާގެ ރައީސްކަމަށް އޭނާ ހޮވިއްޖެ ނަމަ، 40 ޓީމަށް ވޯލްޑް ކަޕްގެ ޖާގަ އިތުރުކުރަށްވާނޭ ކަމަށެވެ. އެގޮތުން އޭރު ވައުދުވެވަޑައިގެންނެވި އަދަދަށްވުރެ އަށް ޖާގަ އިތުރުވާގޮތަށް މުބާރާތުގެ ގަވައިދަށް އިސްލާހު ހުށަހެޅުއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.

ކުރީން ފީފާ ވޯލްޑް ކަޕްގައި ޖުމުލަ 64 މެޗު ކުޅުނު ނަމަވެސް، މިހާރު ހަމަޖެހިފައިވާގޮތުން 2026 ވަނަ އަހަރުން ފެށިގެން އެ މުބާރާތުގައި 80 މެޗު ކުޅޭނެއެވެ.

އެންމެ ފަހުން ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގެ ޗެމްޕިއަންކަން ޖަރުމަނު ހޯދުމަށްފަހު އުފާފާޅުކުރަނީ ---

އާ ބަދަލާއެކު، މިހާރު ޔޫރަޕަށް ދީފައިވާ 13 ޖާގަ 16 އަށް އިތުރު ވާނެއެވެ. އަދި ބެލެވޭ ގޮތުގައި އެފްރިކާއާއި އޭޝިއާއަށް ވެސް މަދުވެގެން ކޮންމެ ބައްރަކަށް ނުވަ ޖާގަ ލިބޭނެއެވެ. ކުރީން އެފްރިކާއަށް 5 ޖާގަ ލިބޭއިރު، އޭޝިއާއަށް ލިބެނީ 4 ޖާގައެވެ. އެގޮތުން އާފޯމެޓަށް އަމަލުކުރާއިރު، އެކި ބައްރުތަކަށް ޖާގަތައް ބެހިގެންދާނޭގޮތް، އަންނަ މޭމަހުގެ ތެރޭގައި ފީފާއިން ކަނޑައަޅާނެއެވެ.

ފީފާގެ މި ނިންމުމަށް ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން ވަރަށް ބޮޑަށް ފާޑުކިޔައި ދެކޮޅުހެދި ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ހޯޒޭ މޮރީނިއޯއާއި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯނާ ފަދަ ފަރާތްތަކުން ވަނީ ފީފާގެ މި ނިންމުމަށް މަރުހަބާ ކިޔައިފައެވެ.

ފީފާގެ ރައީސް ވިދާޅުވެފައި ވަނީ، އެ ޖަމިއްޔާގެ ވިސްނުމަކީ މުޅި ދުނިޔޭގައި ފުޓްބޯޅަ އިތުރަށް ތަރައްގީކޮށް ކުރިއެރުވުން ކަމަށެވެ. ވޯލްޑް ކަޕަކީ ހަމައެކަނި ކުޅިވަރު މުބާރާތެއް ނޫންކަމަށާއި އެއަށްވުރެ ބޮޑަށް އެއީ، މުޅި ދުނިޔެ އޭގައި ޝާމިލްވާ އިޖްތިމާއީ ބޮޑު ހަރަކާތެއް ކަމަށެވެ.

comment ކޮމެންޓް