އީސީއަށް ކުރިން ފޯމް ހުށަހެޅި ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލައިފި

ސިވިލްސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް --- ސަން ފައިލް ފޮޓޯ

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކުރިން ކުރި އިއުލާނާ ގުޅިގެން ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅި ސިވިލްސާވަންޓުންގެ ސަސްޕެންޝަން އުވާލައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ސޮއިކުރައްވައި މިއަދު ނެރުއްވި ސާކިއުލާއެއްގައި ވަނީ އެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލީ ކައުންސިލަރުކަމަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކުރި އިއުލާން ބަތިލްކުރުމުން ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެ މުވައްޒަފުން ވަޒީފާއަށް ނުކުތުމަށް ވަނީ އަންގައިފައެވެ.

އެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލިނަމަވެސް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ލިޔުން ހުށަހަޅާފައިވުމުގެ ސަބަބުންނާއި ޕްރައިމަރީގައި ވާދަކޮށް ހޮވިފައިވާ ކަމުގެ ލިޔުން ހުށަހަޅާފައިވުމުގެ ސަބަބުން ސަސްޕެންޑުކޮށްފައިވާ މުވައްޒަފުންގެ ސަސްޕެންޝަނަށް ނިމުމެއް ނާންނާނެ ކަމަށް އެ ސާކިއުލާގައި ވެއެވެ.

comment ކޮމެންޓް