ކްލޯސް ބިޑަަށް ހުޅުވާލައިގެން ވިއްކާ ރަށްރަށުގެ ލިސްޓަށް ނ. ތ. އަދި ގދ. އަތޮޅުގެ ތިން ރަށެއް

ތ. ގާލީ --

ފަތުރުވެރިކަމުގެ މަސައްކަތް ކުރުމަށް ޓަކައި، ކްލޯސް ބިޑަށް ހުޅުވާލައިގެން ކުއްޔަށް ދޭ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް އިތުރު ތިން ރަށެއް އިތުރުކޮށްފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ދޫކުރާނެ ރަށްރަށާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާ ބެހޭ މަޢުލޫމާތު ހިމެނޭ ގޮތަށް މި އަހަރަށް ކަނޑައަޅާފައިވާ ލިސްޓަށް ތިން ރަށެއް އިތުރުކޮށް، އެ ލިސްޓު އިސްލާހުކޮށްފައިވާ ކަމަށެވެ.

އެ ތިން ރަށަކީ ނ. އަތޮޅުގެ އުތުރުގައި އޮންނަ 8.80 ހެކްޓަރުގެ ނ. ކުންނުމަލި އާއި ތ. ބުރުނީގެ އިރުމަތިން އޮންނަ 6.80 ހެކްޓަރުގެ ތ. ގާލީގެ އިތުރުން، ހުވަދު އަތޮޅުގެ މެދުގައި އޮންނަ 6.80 ހެކްޓަރުގެ ގދ. ބައުޅަގައްލައެވެ.

ނ. ކުންނުމަލި --

މި ރަށްތަކުގެ ތެރެއިން އެކުއިޒިޝަން ކޮސްޓް އެންމެ ބޮޑީ ނ. ކުންނުމަލީގެ އެވެ. އެ ރަށުގެ އެކުއިޒިޝަން ކޮސްޓަކީ 3.43 މިލިޔަން ޑޮލަރެވެ.

ތ. ގާލީގެ އެކުއިޒިޝަން ކޮސްޓަކީ 1.95 މިލިޔަން ޑޮލަރެވެ. އަދި ގދ. ބައުޅަގައްލަގެ އެކުއިޒިޝަން ކޮސްޓަކީ 850،000 (އަށްލައްކަ ފަންސާސްހާސް) ޑޮލަރެވެ.

ކްލޯސް ބިޑަށް ހުޅުވާލައިގެން ކުއްޔަށްދޭ ރަށްރަށުގެ ލިސްޓަށް ތިން ރަށެއް އިތުރުކޮށްފައިވާ އިރު، މިދިޔަ އަހަރު ސަރުކާރުން އާންމު ކުރި ލިސްޓުގައި އޮތް ކ. ފޭދޫފިނޮޅު، ހަތަރު މިލިޔަން ޑޮލަރަށް ޗައިނާ ކުންފުންޏަކަށް 50 އަހަރަށް ވަނީ ކުއްޔަށް ދީފަ އެވެ.

ކްލޯސް ބިޑަށް ހުޅުވާލައިގެން ފަތުރުވެރިކަމުގެ މަސައްކަތަށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދެވޭ ގޮތަށް ފަތުރުވެރިކަމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާ އެކު، "ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ ގަވާއިދު"ގެ ނަމުގައި ގަވައިދެއް ވަނީ އާންމުކޮށްފަ އެވެ.

ގދ. ބައުޅަގައްލަ --

އެ ގަވައިދުގައި ބުނާ ގޮތަށް، ފަތުރުވެރިކަމަށް ކޮންމެ އަހަރަކު ދޫކުރާ ރަށްރަށާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ކޮންމެ އަހަރެއް ފެށޭތާ އެއް މަސް ދުވަސް ތެރޭގައި ޓުއަރިޒަމް މިނިސްޓްރީން އާންމުކުރަން ޖެހެ އެވެ.

އަދި އެ ލިސްޓަށް އުނި އިތުރު ގެނައުމުގެ އިޚްތިޔާރު، ރައީސް އޮފީހުގެ ހުއްދައާ އެކު ޓުއަރިޒަމް މިނިސްޓްރީއަށް ލިބެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މި ލިސްޓަށް ސަރުކާރުން ފުރަތަމަ ފަހަރަށް އިސްލާހެއް ގެނައީ، އެ ލިސްޓަށް އދ. ހުރުއެޅި ކިޔާ ފަޅުރަށެއް އިތުރުކުރުމަށެވެ.

މި ލިސްޓުގައި ހިމަނައި، ބިޑު ކުރުމެއް ނެތި ކުއްޔަށް ދިނުމަށް މީގެ ކުރިން ލިސްޓު ކޮށްފައިވާ ރަށްރަށަށް ބަލާއިރު، 22.6 ހެކްޓަރުގެ ހއ. ވަނގާރު (އެކުއިޒިޝަން: 2.8 މިލިޔަން ޑޮލަރު)، ހއ. ގާމަތިކުޅުދޫ (އެކުއިޒިޝަން: 1.6 މިލިޔަން ޑޮލަރު)، ހދ. ދިއްޕަރުފުށި (އެކުއިޒިޝަން: 1.02 މިލިޔަން ޑޮލަރު)، ހދ. މުއިރި (އެކުއިޒިޝަން: 6.7 މިލިޔަން ޑޮލަރު)، ނ. ލޯފަރު (4.4 މިލިޔަން ޑޮލަރު)، ބ. ބޮޑުފިނޮޅު (4.1 މިލިޔަން ޑޮލަރު)، ބ. އިންނަފުށި (2.1 މިލިޔަން ޑޮލަރު)، ބ. ފަރެސް (6.7 މިލިޔަން ޑޮލަރު)، ސ. އިސްމެހެލާ ހެރަ (1.06 މިލިޔަން ޑޮލަރު)، ސ. ސަވާހެލި (1.3 މިލިޔަން ޑޮލަރު) ހިމެނެއެވެ.

މީގެ އިތުރުން މާލެ އަތޮޅުގެ، 151 ހެކްޓަރުގެ ފަޅެއް 52.7 މިލިޔަން ޑޮލަރަށް، އަދި 1،475 ހެކްޓަރުގެ ފަޅެއް 72.6 މިލިޔަން ޑޮލަރަށް ދޫކުރުމަށް ވެސް ލިސްޓުގައި ހިމަނާފައިވެ އެވެ.

comment ކޮމެންޓް