ޕީޕީއެމް އޮފީހުން ތަކެތި މަދުވި މައްސަލާގައި ޔުމްނާ ފުލުސް އޮފީހަށް ހާޒިރު ކޮށްފި

ޔުމްނާ ފުލުސް އޮފީހުން ނުކުމެ ވަޑައިގަންނަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޕީޕީއެމްގެ އޮފީހުން ތަކެތި މަދުވި މައްސަލާގައި ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

މިއަދު 11:30 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނުކުމެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔުމްނާ ވިދާޅުވީ، އޭނާ ހާޒިރު ކުރީ ޕީޕީއެމް އޮފީހުން ތަކެތި ގެންދިޔަ އިރު ބައެއް އެއްޗެހި މަދުވެގެން ކޮންމެވެސް ފަރާތަކުން މައްސަލަ ހުށަހަޅުއްވާފައި އޮތުމުން އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ކަމަށެވެ.

ޔުމްނާ ވިދާޅުވީ، އޮކްޓޫބަރު 28 ވަނަ ދުވަހު ހަވީރު ބަޔަކު ތަޅު ކީހާލައިގެން ވަންނަ ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ގޮސް، އެތާ ތިބި ފުލުހުންނާ ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި އެތަނުން ތަކެތި ނެރޭ ކަމަށް ވަންޏާ ދެފަރާތުން ތިބެގެން އެތަން ހުޅުވައި ތަކެތި ނެރުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔުމްނާ ފުލުސް އޮފީހުން ނުކުމެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އިހްތިިޝާމް މުހައްމަދު

އޭނާ ވިިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޫބަރު 27 އަދި 28 ވަނަ ދުވަހު ކަންހިނގައި ދިޔަ ގޮތް ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށާއި، ތަކެއްޗަށް ވީ ގޮތާ މެދު ސުވާލު ކުރުމުން އެތަކެއްޗަށް ވީ ގޮތް ކިޔައިދޭން ދަތިވާނެ ކަމަށް ފުލުހުންނަށް ދެންނެވިން ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނެތޭ ޒިންމާ ވެވޭކަށް ފުލުހުން އެތާ ތިއްބެވި އޭ. ދެން އެހެން ބަޔަކުއޭ އެތަނަށް ތަޅު ކީހާލައިގެން ވަދެ ތަކެތި ނެރެގެން ގެންދިޔައީ. އެހެންވީމަ ތަކެއްޗަށް ވީގޮތް އަޅުގަނޑުމެންނާ ސުވާލު ކުރެއްވީމަ އަޅުގަނޑުމެންނަށް ވަރަށް ދަތިވާނޭ ތަކެއްޗަށް ވީ ގޮތް ތިބޭފުޅުންނަށް ދަންނަވަން،" ޔުމްނާ ވިދާޅުވި އެވެ.

އެ މައްސަލަ ނުނިމޭ ކަމަށް ފުލުހުން ވިދާޅުވި ކަމަށާއި، އިތުރަށް މައުލޫމާތު ސާފުކުރަން ބޭނުން ވެއްޖެ ހިނދެއްގައި އަންގާނެ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަންގެ ނައިބު ރައީސް އާމިނަތު ނާދިރާ އާއި އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާއި އެސިސްޓެންޓް ރަޖިސްޓްރާ ފާތިމަތު ޝަހީދާ ވެސް ވަނީ މީގެކުރިން ފުލުސް އޮފީހަށް ހާޒިރުވެފައެވެ.

comment ކޮމެންޓް