ޔާމީން ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލްޖަޒީރާ އަށް އިންޓަވިއު ދެއްވަނީ --- ފޮޓޯ: އަލްޖަޒީރާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް މިއަދު "ސަން"އަށް ވިދާޅުވީ ފުލުހުންނާ ގުޅިގެން އެ މައްސަލައިގެ އިޖުރާއީ ކަންކަން ފުރިހަމަކުރަމުން އަންނަ ކަމަށެވެ.

ބިޝާމް ވިދާޅުވީ އެ މައްސަލާގައި ދައުވާ ކުރަން އެދި ފުލުހުން ފޮނުވީ ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ކަމަށެވެ.

އަމީން ފައިސަލްގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނި ފަށާފަ އެވެ.

އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި ވަނީ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުރެ 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ 1:45 ހާއިރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހިމާޔަތްދޭނެ ކަމަށް ބުނެ، އެމަނިކުފާނުގެ ނުރުހުމުގައި އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު ޖުލައި 23 ވަނަ ދުވަހާ ހަމައަށް ޔާމީނު އާރަށުގައި ހައްޔަރުކޮށްފައި ބަހައްޓާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

comment ކޮމެންޓް