70 ޕަސަންޓު ބިން ހިއްކިއްޖެ، އޭޕްރިލްގެ ކުރިން ރަންވޭގެ މަސައްކަތް ފަށާނެ

ހުޅުލޭގައި އާ ރަންވޭ އެޅުމަށް ހިއްކާ ސަރަހައްދު -- ސަން ފައިލް ފޮޓޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ ދެވަނަ ރަންވޭ އެޅުމަށްޓަކައި ހިއްކަންޖެހޭ ބިމުގެ 70 ޕަސަންޓު ހިއްކިއްޖެ ކަމަށާއި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އާ ރަންވޭ އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގައި ބޮޑެތި، ކާމިޔާބު މަޝްރޫއުތަކެއް ހިންގާފައިވާ ބެއިޖިންގެ އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އިންނެވެ. އެ ރަންވޭ އެޅުމަށް ބިން ހިއްކުމަށް ހަވާލުކޮށްފައި ވަނީ ގަލްފް ކޮބްލާއަށެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ އާ ރަންވޭ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތުގެ 70 ޕަސަންޓު ނިމިފައިވާ ކަމަށެވެ. ޖުމްލަ 62 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

އާދިލް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ނިންމައި، މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން (މާޗު މަސް ނިމުމުގެ ކުރިން)، އެއާޕޯޓުގެ ރަންވޭ އެޅުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށެވެ.

ވެލާނާ އެއާޕޯޓުގައި އަޅާ އާ ރަންވޭގެ ދިގު މިނަކީ 3.4 ކިލޯމީޓަރެވެ. ފުޅާމިނަކީ 60 މީޓަރެވެ. މިހާރު އޮތް ރަންވޭގެ އިރުމައްޗަށް، ޕެރަލެލްކޮށް އަޅާ އާ ރަންވޭ އެޅުމަށްޓަކައި ހުޅުލޭގެ އުތުރުން ހިއްކަމުން ދިޔަ ބިން، ހުޅުމާލޭގެ ނެރާ ހަމައަށް ހިއްކާފައިވެއެވެ.

އާ ރަންވޭ އޮޕަރޭޝަނަށް ގެނައުމުން، ކުރީގެ ރަންވޭ ބޭނުން ކުރެވޭނީ ޓެކްސީވޭއެއްގެ ގޮތުގައެވެ. ނަމަވެސް އާ ރަންވޭ އޮޕަރޭޝަނަށް ގެނެވޭނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓަމިނަލް މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކޮށްގެންނެވެ. އެމްއޭސީއެލްއިން ނިންމާފައިވަނީ، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާ ދިމާލަށް ޓާމިނަލް ބަދަލުކުރުމަށެވެ. ޓާމިނަލް ބަދަލުކުރުމަށް ހިއްކަންޖެހޭ ބިން ހިއްކުމަށް، ރަންވޭގެ ބިން ހިއްކުމުގެ ކަންކަން ބަލަހައްޓަމުންދާ ޗައިނާގެ ބީޔޫސީޖީއަށް ވަނީ ހަވާލުކޮށްފައެވެ.

އެއާޕޯޓުގެ ބިން ހިއްކުމާއި ރަންވޭ އެޅުމުގެ މަސައްކަތަކީ ގާތްގަނޑަކަށް 400 މިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ. އަދި ފަސް މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ވަރުގެ، އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލެއް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ވަނީ 300 މިލިޔަން ޑޮލަރުގެ މަޝްރޫއެއް ހަވާލުކޮށްފަ އެވެ. އާ ޕެސެންޖަރ ޓާމިނަލް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ފަށާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެއާޕޯޓު ތަރައްގީގެ މަޝްރޫއަކީ 800 މިލިޔަން ޑޮލަރުގެ އަގުބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ އެކި ކަންކަން ހިންގުމަށްޓަކައި، ސައުދީ ފަންޑު ފޯރ ޑިވެލޮޕްމެންޓުން 100 މިލިޔަން ޑޮލަރު، ކުވައިތު ފަންޑުން 50 މިލިޔަން ޑޮލަރު، އޮފިޑުން 50 މިލިޔަން ޑޮލަރު، އަދި ޗައިނާގެ އެކްސްޕޯޓު-އިމްޕޯޓު ބޭންކުން 370 މިލިޔަން ޑޮލަރުގެ ލޯނު ނަގައިފަ އެވެ.

މީގެ އިތުރުން މިއަހަރުގެ ތެރޭގައި އަބޫދާބީ ފަންޑުން ވެސް 40 މިލިޔަން ޑޮލަރުގެ ލޯނެއް ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.

ލޯނުތަކުގެ އިތުރުން، މޯލްޑިވްސް އެއާޕޯޓްސްް ކޮމްޕެނީ ލިމިޓެޑުން ވަނީ އެއާޕޯޓުގެ ތަރައްގީއަށް 50 މިލިޔަނެއްހާ ޑޮލަރު ހޭދަކޮށްފަ އެވެ.

comment ކޮމެންޓް